(އައްޑޫ ސިޓީ، ހިތަދޫ) ބޭރުން ބަލާ އިރު، އިމާރާތް ވަރަށް ހިތްގައިމެވެ. އިމާރާތުގެ ތެރެއިން ވަދެގެން ދިޔަ އިރު، ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ރިސެޕްޝަންގެ މެދުގައި އަރައި ފޭބޭ ގޮތަށް ހުރި ދެ ސިޑިއަށެވެ. ރިސެޕްޝަނުން ނުކުމެގެން ސްކޫލްގެ ގޯތިތެރެއަށް ހިނގައިގަތް އިރު، ފެނުނީ ޝައުގުވެރިކުރުވަނިވި އެތައް މަންޒަރެކެވެ. ވިނަ އާއި ތަފާތު އެކިއެކި ގަސްތަކުން ގޯތިތެރެ އޮތީ ފުރިހަމަކޮށްލައިފައެވެ.

ގޯތިތެރެ އިން އެންމެ ބޮޑަށް އަޅައިގަތް އެއް ކަމަކީ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުން އިސްލާމް ދީނަށް އަހުލުވެރިކުރުވަން ބާރު އަޅާ މިންވަރެވެ. ނަމާދަށް "ހިތް ޖެހޭނެ" ފަދަ ހުރިހާ "ބޯޑެއް" ދަރިވަރުންނަށް ފެންނާނެ ހެން ބަހައްޓާފައި ހުއްޓެވެ.

ހިރާ ސުކޫލްގައި ނަމާދަށް ފަރުވާތެރިވާން ޖަހާފައި ހުރި ބޯޑެއް.- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެތަނުން އެއް ނޫސްވެރިއަކު ބުނެލީ މިހެންނެވެ؛ މިތަން ފެނިފައި އުފަލުން ވެސް ކިޔަވާނެ ކިތަންމެ ދަރިވަރުންނެއް ތިބޭނެއެވެ. ތިމަންނަމެން ކުޑައިރު މިކަހަލަ ތަނެއްގައި ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބުނު ނަމަ، މުޅި ސްކޫލުން އެއްވަނަ ހޯދީހެވެ.

ގޯތިތެރެއަށް ވަދެގެން ދިޔަ އިރު ކޮންމެ ކްލާސް ރޫމެއްގެ ކައިރީގައި ފުޅި ބުރިތަކެއް ބުރިކޮށްލާފައި ސްކޫލް ކުދިންގެ ބޫޓުލެވޭ ގޮތަށް "ހަރެއް" ވަނީ ހަދައިފައެވެ. ލަކުޑި އާއި ފިލާ ބޭނުންކޮށްގެން އިށީނދެ ތިބުމަށް ގޮނޑި ޖަހާފައި ހުއްޓެވެ. މިވެސް އަމިއްލަ މަސައްކަތުން ހަދާފައި ހުރި ތަކެއްޗެވެ.

ބޫޓު ފަދަ ތަކެތި ބަހައްޓަން ހަދާފައި ހުރި ހަރެއް.- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ގޯތި ތެރޭގެ އެކި ހިސާބުތަކުގައި ތިބީ ގަދަ ރަތް ކުލަ އާއި ހުދު ޓީޝާޓުތަކެއް ލައިގެން ތިބި ކުޑަކުދިންތަކެކެވެ. އޭގެތެރެއިން އެއް ކުއްޖަކު ހުރީ ކުޅޭ ކުޅޭ ޖަނަވާރުތައް ފެނާއި އޯމޯ އަޅައިގެން ދޮންނާށެވެ. އެހެން ކުއްޖަކު ހުރީ ޖިންސެއް ޒީނަތްތެރިކުރާށެވެ. އެހެން ކުދިން ތަފާތު ކުޅިވަރުތައް ކުޅުމުގައެވެ. ކޮންމެ ކުއްޖެއް ކައިރި އަށް ދިއުމާ އެކީގައި ހިނިތުންވުމާ އެކު، ވާހަކަ ދައްކައި ހަދައެވެ.

ހިރާ ސުކޫލްގެ ދަރިވަރެއް ސްކޫލް ތެރޭގައި : ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މިއީ އައްޑޫ ރައްޔިތުން ފަހުރުވެރިވާ ހިރާ ސްކޫލްގެ ދަރިވަރުންނެވެ!

މީގެ 10 އަހަރު ކުރިން ކުޑަކުޑަ އިމާރާތެއްގައި ހިންގަން ފެށި ހިރާ ސްކޫލަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތައުލީމް އުނގަންނައިދެމުން އަންނަ އަމިއްލަ ސްކޫލެވެ. މިއީ އިސްލާމީ ތަރުބަވީ ތައުލީމާއެކު ދަރިވަރުންނަށް އެކި ހުނަރުތައް ދަސްކޮށްދީ ދިރިއުޅުމުގެ އެކި ކަންކަމާ ކުރިމަތިލާނެ ގޮތާއި، ރިވެތި އަހްލާގާއި، ހުނަރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރާ އެއް ސްކޫލެވެ.

ސްކޫލަށް ވަނުމުގެ ފުރުސަތު ލިބުމުން ބޭރު ގައުމެއްގެ ސްކޫލަކަށް ވަދެގެން އުޅެވޭހެންނެވެ. ސްކޫލް ބޭރުން ބަލާލާފައި ހީވަނީ މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންތަކެއް ކިޔަވާ ތަނެއްގެ ގޮތުގައެވެ. ހިރާ ސްކޫލް ކިތަންމެހާ ވެސް ރީއްޗެވެ. ދަރިވަރުންނަށް ފުރިހަމަ ތައުލީމަކާއި ތަރުބިއްޔަތެއް ދޭކަން ސްކޫލްގެ ގޯތިތެރެއިންނާއި ކްލާސްރޫމްތަކަށް ވަނުމުން އިތުރަށް ސާފުވެ، ޔަގީންވިއެވެ.

ހިރާ ސްކޫލްގެ ގޯތިތެރެ - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ސްކޫލްގެ ކްލާސްތައް ވެސް ތައްޔާރުކޮށްފައި ހުރީ އެހާ ފުރިހަމަކޮށެވެ. ކޮމްޕިއުޓަރު ލެބުތަކާއި، އެހެނިހެން ލެބްތައް ސްކޫލްގައި އެބަ ހުއްޓެވެ. ސެކަންޑްރީ ކުދިންނަށް ވެސް ކިޔަވައިދޭނެ ފުރިހަމަ ފަހުގެ ވަސީލަތްތައް ވެސް އެބަ ހުއްޓެވެ. ކޮންމެ ކްލާހެއްގައި ކަހަލަ ގޮތަކަށް ފާހަނަ ހުރެއެވެ. ދީނީ ކަންކަމަށް ފަރުވާ ބަހައްޓަން އިރުޝާދުދެއެވެ. އަދި އެފަދަ ކަންކަމަށް ސްކޫލުގެ މުދައްރިސުން، ދަރިވަރުން އަހުލުވެރިވެސް ކުރުވައެވެ.

ހިރާ ސްކޫލްގެ މާހައުލަށް ބަލާއިރު، ދަރިވަރުން ސްކޫލްގެ ކޮންމެ ތަނެއްގައިވެސް ކިޔެވޭނެ މާހައުލެއް ވަނީ ގާއިމުކޮށްފައެވެ.

ދަތިތަކަށް ފަހު ހިރާ ސްކޫލް ޒަމާނީ ފެންވަރަށް!

ހިރާ ސްކޫލް މީގެކުރިން ފެށީ މީހެއްގެ ވަރަށް ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި 2010 ވަނަ އަހަރުއެވެ. އެ ސްކޫލްގެ އާ އިމާރާތަށް ބަދަލު ވެފައި ވަނީ 2019 ވަނަ އަހަރު ތެރޭގައެވެ. މިހާރު މި ސްކޫލްގައި 400 އަށްވުރެ ގިނަ ކުދިން ތައުލީމް ހާސިލް ކުރަމުން ދެއެވެ. ގްރޭޑް ނުވަޔަކާ ހަމައަށް ކިޔަވައި ދެމުންދާ މި ސްކޫލްގައި ކުރިން އެއް ސެޝަންއަކަށް ކިޔަވާދެމުން ދިޔަ ނަމަވެސް، އާ އާއްމު ހާލަތު (ނިއުނޯމަލް) ގައި ކުދިންނަށް ކިޔަވައިދެނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ.

ހިރާ ސްކޫލްގެ ކުދިންތަކެއް.- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"އަޅުގަނޑުމެން ކޮންމެ އަހަރަކު ގްރޭޑެއް މި އިތުރު ކުރަނީ، އެއީ ސްކޫލްގައި ކުދިން ކިޔަވަން ފެށި ހިސާބުން ކޮންމެ އަހަރަކު ގްރޭޑެއް އިތުރު ކުރަމުން މި ދަނީ،" ހިރާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ހައްވާ ޒަރީނާ ވިދާޅުވިއެވެ.

ޒަރީނާ ވިދާޅުވީ، އެ ސްކޫލް ހިންގަމުން ދަނީ ނޮން ޕްރޮފިޓް އޯގަނަޒޭޝަންއަކުން ކަމަށެވެ. އެއީ ހިރާ ފައުންޑޭޝަންއެވެ. މި ސްކޫލް ހިންގަމުން ދަނީ ކުދިން އަތުން ފީ ނަގައިގެން ކަމަށްވާ އިރު، އެ ފީ އިން މުދައްރިއްސުންގެ މުސާރަ އާއި އެހެނިހެން ކަންކަން ހަމަޖައްސަމުންދާ ކަމަށް ޒަރީނާ ވިދާޅުވިއެވެ.

"ދެން ކޮންމެ ދުވަހަކު ސްކޫލް ހިންގުމާއި ކަންކަން ދަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އަޅުގަނޑުމެން މި ކުރިއަށްދަނީ، ބެލެނެވެރިން އަތުން ފީނަގާއިރުވެސް އަޅުގަނޑުމެން މި ނަގަނީ މިނީމަމް ޕޮސިބަލް" ޒަރީނާ ވިދާޅުވިއެވެ.

ހިރާ ސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލް "ވަގުތު" އާ ވާހަކަ ދައްކަވަނީ. - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ކިޔަވައިދެނީ ގައުމީ މަންހަޖަށް، އިސްލާމީ ރިވެތި އަހްލާގަށް އިސްކަންދޭ!

ސްކޫލަށް ވަދެގެން ދިޔައިރު، ބައެއް ކުދިން ތިބީ ޓީޗަރުންނާ އެކީ ބޭރުގައި ވަކިން ހަދާފައި ހުރި ކުޅޭ ސަރަހައްދެއްގައެވެ. އެ ކުދިންގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެވެ. އެއީ ޓީޗަރުން އެ ކުދިންނަށް އުނގަންނައިދީފައި ހުރި ރިވެތި އަހުލާގުން ކަން ޔަގީނެވެ. މި ސްކޫލުންވެސް އަމަލު ކުރަނީ ދިވެހި ރާއްޖޭގެ ގައުމީ މަންހަޖެވެ. އެގޮތުން އެ މަންހަޖުގައި ހިމެނޭ ކޮންމެ ބައެއް ވަރަށް ސީރިއަސްކޮށް އެ ސްކޫލުން ނަގައެވެ.

"އަޅުގަނޑުމެން ބަލަނީ ރާއްޖެއިން ވިޔަސް އަދި ރާއްޖެއިން ބޭރުން ވިޔަސް އެ ހުންނަ އެންމެ ބެސްޓް ޕްރެކްޓިސެސް، އަޅުގަނޑުމެންގެ ސްކޫލްގައި އިމްޕިލިމެންޓް ކޮށްގެން ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް ކުރިއަށް ގެންދިއުން" ޒަރީނާ ވިދާޅުވިއެވެ.

ހިރާ ސުކޫލްގެ ކޮމްޕިޔުޓަރ ލެބް - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ޒަރީނާ ވިދާޅުވީ، ސްކޫލްގައި ދަރިވަރުން އުޅޭ ގޮތަށް ބަލައި، ދަރިވަރުންނަށް ވަރަށް ބޮޑަށް އަހްލާގާއި ގުޅުން ހުރި ކަންކަން ދަސްކޮށްދޭ ކަމަށެވެ. އަދި ދަރިވަރުންނަށް އުޅެންވީ ގޮތާއި އާއްމު ދިރިއުޅުމުގައި ކަންކަން ކުރަންވީ ގޮތް ދަސްކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ސްކޫލްގައި ނޭޝަނަލް ކަރިކިއުލަމްގެ ހުރިހާ މާއްދާތަކެއް ކިޔަވައިދޭއިރު، ފޮރިން ލެންގުއޭޖްގެ ގޮތުގައި އަރަބި ބަސް ކިޔަވާދެއެވެ. އިނގިރޭސި މާއްދާ މީޑިއަމްއަށް ގެންދާއިރު، އިތުރު މާއްދާތަކުގެ ގޮތުގައި ސްކިލްސް އާއި ވެލިއު ހިމެނެއެވެ.

"ވެލިއުސް ގަޑިތަކުގައި ހަމަ މުހިންމު ވެލިއުސްތަކެއް ހަދައިގެން ލެވެލް ކޮށްގެން މި ގެންދަނީ، ވެލިއުސްގެ ތެރޭގައި މީހުންނާއި ދޭތެރޭގައި ވިސްނުން ފަދަ ކަންކަން ކިޔައި ދިނުމާއި ޕޮޒިޓިވް ތިންކިން އާއި ދެން ސްކިލްސްގައި މި ހުންނަނީ ހުނަރު ދަސްކޮށްދިނުން" ޒަރީނާ ވިދާޅުވިއެވެ.

ހިރާ ސްކޫލްގެ ކްލާސްރޫމްގެ އެތެރެ - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި ސްކޫލަކީވެސް ކުޅިވަރުގެ ދާއިރާގައި ލިބޭ ފުރުސަތުތައް އެންމެ ފުރިހަމައަށް ހިފަމުން އަންނަ ސްކޫލެކެވެ. އަދި މި ސްކޫލްގައި ތުއްތު ކުދިންނަށް އައްޑޫ ބަސް ފަދަ ބަސްތައް ދަސްކޮށްދިނުމުގެ ކަންކަންވެސް ކުރިއަށްގެންދެއެވެ.

ދީނީ ތަފާތު ކަންކަން ދަރިވަރުންނަށް ދަސްކޮށްދިނުމާއި، ނަމާދު ގަޑި ޖެހުމުން ނަމާދު ކުރުން ފަދަ ކަންކަން މި ސްކޫލްގައިވެސް ކުރިއަށްގެންދެއެވެ. އަދި ދަރިވަރުންނަށް އެފަދަ ކަންކަން ހަނދާން ކުރުމަށް ބޯޑު ފަދަ އެއްޗެހި ބަހައްޓާފައި ހުރެއެވެ. އަދި އީދު ދުވަސް ދުވަހު ދަރިވަރުންނަށް އިސްލާމީ ޝިއާރުގައި ވާފަދައިން އެކަކު އަނެކަކަށް އެހީތެރިވެ ކަންކަން ކުރުމަށް ބާރު އަޅުވައެވެ. އަދި ސަދަގާތް ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި، އައްޑޫގައި އުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ރޯދަ ވީއްލުން ފަދަ ކަންކަން އެސްކޫލުން ބާއްވައެވެ.

ސިތާރާ ވިދާޅުވީ، ދީނީ ކަންކަން ދަރިވަރުންނަށް ދަސްކޮށްދެމުން ދާނީ "ޑޭ އޮފް ލައިފް" ގޮތަށް ކަމަށެވެ.

ހިރާ ސުކޫލް- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ފެންވަރު ރަނގަޅު ޓީޗަރުން ބޭނުންވޭ!

ސްކޫލެއްގެ ކިޔަވާ ދަރިވަރުންގެ ފެންވަރު ރަނގަޅުވާނީ އެ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު ރަނގަޅުވެގެން ކަން އެއީ އެންމެންވެސް ގަބޫލު ކުރާ އެއް ހަގީގަތެކެވެ. ޓީޗަރުންގެ ގައިގައި ކުދިންނަށް ކިޔަވައިދެވޭނެ ފެންވަރާއި ކުދިން ކޮންޓްރޯލް ކުރުމުގެ ހުނަރު ނެތް ނަމަ އެ ޓީޗަރަކަށް އެންމެ އެދެވޭ ގޮތުގައި ކުދިން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ.

ހިރާ ސްކޫލަކީ ފެންވަރު ރަނގަޅު އަހުލާގުވެސް ރަނގަޅު ވާނީ ޓީޗަރުންގެ ބުރަ މަސައްކަތުން ކަން ގައިމެވެ. ނަމަވެސް އެތަނަށް އަދިވެސް ފެންވަރު ރަނގަޅު ޓީޗަރުން ބޭނުންވާކަން ޑެޕިއުޓީ ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ.

"ހަމައެކަނި ސެޓްފިކެޓެއް އޮތަސް ނިމުނީކީ ނޫން، ކްރިޓިކަލް ތިންކިން ފަދަ ވިސްނުން ހުންނަ ސްޓާފުން އަޅުގަނޑުމެން ބޭނުންވޭ" ޒަރީނާ ވިދާޅުވިއެވެ.

ހިރާ ސުކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލް ޒަރީނާ: ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ޒަރީނާ ވިދާޅުވީ، އެ ސްކޫލްގައި ކިޔަވައި ދޭން އޭލެވެލް ނިންމާފައި ތިބޭ ވަރަށް ގިނަ މީހުން ވެސް ގެންނަ ކަމަށެވެ.

ރީޔޫސް އަދި ރިސައިކަލް، ސްކޫލުގެ ކާމިޔާބީގެ އެއް ސިއްރު!

މި ސްކޫލަކީ ހަރަދަށް ވަރަށް ބޮޑަށް ބަލައިގެން، "ރީޔޫސް"، "ރީސައިލް" ފަދަ ކަންކަން ކުރަމުން އަންނަ ސްކޫލެކެވެ. އެގޮތުން އެ ސްކޫލުން އަންނަނީ ފައިސާ ހޯދުމަށް، އަމިއްލައަށް އެއްޗެހި ތައްޔާރުކޮށް ވިއްކާ ވެސް ހަދަމުންނެވެ. އެގޮތުން ޓީޗަރުންނާއި، ދަރިވަރުން އަމިއްލައަށް ތައްޔާރުކޮށްފައި ހުރި ބައެއް ތަކެތި "ވަގުތު" ހޭރިޔާ ޓީމަށް ވަނީ ދައްކާލައިފައެވެ.

ހިރާ ސުކޫލްގެ ދަރިވަރުންނާއި ޓީޗަރުން ތައްޔާރު ކުރާ ބައެއް ތަކެތި - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށަކުންވެސް ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ހިރާ ސްކޫލަކީ ވަރަށް ބޮޑަށް ސަސްޓެއިނަބަލް މެނޭޖްމެންޓަށް ފަރުވާ ބަހައްޓަމުން އަންނަ ސްކޫލެއް ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް، މަރިޔަމް ސިތާރާ ފާހަގަ ކުރެއްވިއެވެ. އެގޮތުން އެ ސްކޫލަކީ ވަރަށް ބޮޑަށް ހަރަދަށް ބަލައިގެން، "ރީޔޫސް"، "ރީސައިކަލް" ފަދަ ކަންކަމަށް އިސްކަންދޭ ސްކޫލެއް ކަމަށް ވިދާޅުވިއެވެ.

މި ސްކޫލްގައި މިހާރު ބޭނުން ކުރާ މޭޒު ފަދަ ގިނަ އެއްޗިއްސަކީ އެންމެ ކުރީއްސުރެ ވެސް ބޭނުން ކުރާ އެއްޗިއްސެވެ.

"މިސާލަކަށް މި މޭޒުތައް، މިއީ އަޅުގަނޑުމެން ސްކޫލް ފެށުނީއްސުރެ ހުރި މޭޒުތައް މި ބޭނުންކުރަނީ، ހަތެއް، އަށެއް ނުވައެއްގައި ނޫނީ. އެހެން ނޫނީ މި މޭޒާއި ގޮނޑިއާއި މިއީ ސްކޫލް އެއީ 2011 ގައި އަޅުގަނޑުމެން ހޯދި ގޮނޑި އާއި މޭޒު، މިވެސް ކުދިންނަށް މި ކިޔައި ދެނީ މި މޭޒާއި ގޮނޑިއަކަށް ޓޭކް ކެއާ ކުރާނެ ގޮތާއި އެއްޗެހި ވެސް" ސިތާރާ ވިދާޅުވިއެވެ.

ހިރާ ސްކޫލްގެ ޕްރިންސިޕަލް ސިތާރާ - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެސްކޫލްގައި އެކި ކަންކަމަށް ބޭނުން ކުރާ ތަކެތި، ބޭނުންކޮށްފައި ރައްކާ ކުރެއެވެ. އެއީ ފަހަށް އެހެން ކަމަކަށް ބޭނުން ކުރުމަށެވެ. މިގޮތަށް ވަކަރާއި ފިލާ ފަދަ އެއްޗެހި ތަކަކީވެސް ކުރިން އެކިކަންކަމަށް ބޭނުންކޮށް ފަހަށް ރައްކާކޮށްފައި ބަހައްޓާފައި ހުންނަ އެއްޗިއްސެވެ.

ސިތާރާ ވިދާޅުވި ގޮތުގައި އެންމެ ބޭނުންވާ ޖާގަ ސްކޫލްގައި އަދިވެސް ނެތެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި ގޮތުގައި ސްކޫލްގައި ކިޔަވައި ދިނުމުގެ އިތުރުން، ކުދިންގެ ހުނަރުވެރިކަން ތަރައްގީ ކުރުމުގެ އެކި ކަންކަމަށް ޖާގަ ބޭނުން ވެއެވެ.

ހިރާ ސްކޫލަކީ މިހާރު އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހިންގަމުން އަންނަ ސްކޫލަކަށް ވެފައި ތައުލީމީ ގޮތުން ކުރިއެރުންތަކެއް ހޯދާނެ ސްކޫލެއް ކަމަށް ބުނުމުގެ ޖާގައެބައޮތެވެ. މިވަގުތު އެސްކޫލުން ގްރޭޑް ނުވަޔަކާއި ހަމައަށް ކިޔަވައި ދިން ނަމަވެސް، އަންނަ އަހަރު ގްރޭޑް 10 އެއް ފަށަން ވަނީ ވިސްނައިފައެވެ. މިއީ އައްޑޫގައި ހުރި ސްކޫލްތަކުގެ ތެރެއިން ނަމޫނާ އެއް ސްކޫލެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޙާލަތު

    ހިރާ ސްކޫލަށް އެހީގެ ގޮތުގައި ފައިސާ ފޮނުވާނެ އެކައުންޓެއް ޙިއްސާ ކޮށްލެވޭނެތޯ؟؟؟ ހިރާ ސްކޫލަށް ކާމިޔާބަށް އެދެން

    43
    3
    • އަދުހަމު

      ހިރާ ސްކޫލްގެ ފޭސްބުކް ޕޭޖުގަ ވާނެ ތި މައުލޫމާތު

  2. މަސީހުއެންމެޑީ

    ކުޑައިރުން ފެށިގެން ތަމްރީނު ދެމުން ގެންދިޔައިމަ ތާ ބޮޑުވެގެން އައިސިސްގެ ބައިގަނޑެއް އުފެއްދޭނީ

    10
    81
    • އަހުމަދު

      އެހެންވެ ދޯ ގޭންގު މާރާމާރީ ގަ ޒުވާނުން މަރުވާލެއް ގިނައީ؟

      18
      2
    • އައިސަ

      ކިޔާނެ އެއްޗެއް ނޭންގެންޔާ އެއްޗެކޭ ނުކިޔާ ހުރެބަލަ ދޯ

      18
      2
      • ޜަޟީ

        ޢައިސިސް ކޭމްޕެއް

        2
        15
        • ކ.އ.

          ތިޔަ ބުނާ އައިއެސް ބައިގަނޑާ އެންމެ ބޮޑަށް އައްޑޫގައި ދެކޮޅަށް މަސައްކަތް އެތަނެއްގެ ތެރޭގައި ކުރެވޭ ތަނަކީ ހިރާ ސްކޫލް

    • ރަދީފް

      ކަލޭގެ ލަދު ކޮބާ؟؟

      18
      3
      • ޜަޟީ

        ކޮން ލަދެއްގެ ވާހަ ކަ

        1
        3
    • މަނިކެ

      ތިކަހަލަ ޖާހިލުން ތިބޭތީ މުޖުތަމައު ފަސާދަ ވަނީ. އައިސިސް އަށް މީހުން ވަންނަނީ އިސްލާމީ ތަރުބިއްޔަތު ރަގަޅައް ނުދޭތީ. ފަރަންޖީ ކަންތައް ދަސްކޮއްދީގެން ދިވެހި ޒުވާނުންނައް ޖެހިފަވާ ހާލު ވެސް ކަލޭ ބުނެލި ނަމަ، ކިތަންމެ ރުޅި އަޔަސް އިސްލާމީތަރުބިއްޔަތު އަހަރުމެން ދޭނަން ދަރިންނަށް ހަސަދަ ވެރިކަން ކަލޭގެ ބަސްތަކުން ވ. ސާފުކޮށް ފެނޭ

      20
      1
    • ާދިވެހިން

      ޢިސްލާމްދީން ކިޔަވާ ނުދޭތީ އެކަހަލަ ތަންތަނަށް ދަނީ. ޢަމިއްލަޔަށް ދީން އުގެނުމަށް ނަސޭހަތްތެރިވަން

      7
      1
  3. ލާދީނީ ފޮނު

    ވަރަށްވެސް ބިރުވެރި ހިނތާމަ ހުރިކަމެއް. ތިޔަތަން އަވަސް ގޮތަކުން ހަންމަތަ ކުރާނެ ބަޔަކުވެސް ނެތް ކަން ދެރައީ

    5
    37
    • އެކުއްޖާ

      އިސްލާމީ ތަރުބިއްޔަތު ދިނުމާއި ރިވެތި އަޚްލާޤު ސުކޫލު ތަކުގައި ކިޔަވައިދިނުމަކީ ބިރުވެރި ކަމެއްކަމު ގައި ބައެއް ދިވެހިން ގަބޫލު ކުރި ހިސާބުން ދިވެހި ޒުވާނުން ގޭންގު ތަކުގެ ޝިކާރަ އަކަށްވެ ކަކުލު ހުޅުން ވަރު ދޫވެފަ އެތިބެނީ

      21
  4. މީހާ

    ހިތާމަ ހުރި. ބިރުވެރި ނާތަހުޒީބު ނުރައްކަލެއްގެ ބިންގާ ތިޔަ އެޅެނީ

    4
    40
  5. ހިޔާލެކެވެ

    ރީތިކުރާނެ ކުލައާއި ދަވާދު، ބޭރުގެ އެކި ޖަމާޢަތްތަކުން އިމާރާތާއި އެހެނިހެން ވަސީލަތްތައް އަދި އެހީތެރިކަމުގެ އަތެއްދިއްކޮށްލާނެ ވާލެއްޔާރެއް ނެތް ސަރުކާރުގެ ސްކޫލްތަކުންވެސް ކިޔަވައިދެނީއެވެ. ފެންވަރު ރަނގަޅު މުދައްރިސުން ލައިގެން ތަރުބަވީ ތައުލީމުގެ މަރުހަލާތައް ކަޑައްތުކުރަމުންދަނީ ހިތްވަރާއެކުގައެވެ. ތެދެކެވެ. ހިރާ އަކީ އިމާރާތާއި ވަސީލަތުގެ ގޮތުން މުޅިރާއްޖޭގެ ވެސްފަހުރެވެ. ޢެހެނަސް ބޭސިކަލީ ސްކޫލުގެބޭނުމަކީ ތައުލީމުދިނުމާއި އެކު ރަނގަޅު(އިސްލާމީ އަހްލާގު) ދަރިންތަކެއް މުޖްތަމައަށް ނެރުމެވެ. މިއީ މުޅި ތައުލީމީ ފަލްސަފާ ބިނާކުރެވިފައިވާ ގޮތެވެ. ދެތަނުގަވެސް ކިޔަވައިދެނީ އެއްމަންހަޖެކެވެ. ތައުލީމުދޭން ތިބީ ދިވެހިންނެވެ. ކިޔަވަނީ ދިވެހި ދަރިންނެވެ. ޥީއިރު ފަހުރުވެރި ހިރާއާއި ސަރުކާރުގެ ނިކަމެތި ބޮލަށްފާރު ވެއްޓެން ތައްޔާރު ވެފަވާ ސްކޫލްތަކާއި ހުރި ތަފާތަކީ އިމާރާތާއި ވަސީލަތުގެ ތަފާތެވެ. ﷲ ހެޔޮރަހްމަތުން 5 އަހަރު ނުވަތަ 6 އަހަރު ފަހުން މުޖަތަމައުތެރޭން ދިރިއުޅުމުގެ މައިދާނުންމި ދެކުލަ ވެސް ފެނިގެންދާނެއެވެ. ތައުލީމީ ދާއިރާ ފުޅާވެ ދަނީ މުދައްރިސުންގެ އަތްމަތީން ކަމަށްވާތީ ވަކި ސްކޫލެއްގެ ރީތިމަންޒަރުން ދެންތިބި 27 ހާހަކަށް މުދައްރިސުންނަށް ހިޔަނި އެޅިގެންނުވާނެ ކަމަށްދެކެމެވެ. (ރިޕ÷ޯޓުގައި ސީދާ މިހެން ނެތަސް ކިޔާމީހާގެ ޒަމީރު އަޅާކިޔާނީ މިއުސޫލުންނެވެ) ނޫސްތަކު ނަތީޖާ ލިއުން އަދި މާ އަވަހެވެ. ޙިރާސްކޫލަށާއި ސަރުކާރުގެ މަދުރަސާތަކަށް އަދަށްވުރެ ފަހި މާދަމައަކަށް އެދެމެވެ.

    11
    1
  6. ލޯބިވާ ވަޠަން.

    ސުބުހާނަﷲ. މިރިޕޯޓަށް ކޮމެންޓްކޮށްފައިވާ ގިނަ މީހުންގެ ވިސްނުން ހުރި ހިސާބުން ހަމަ ޙައިރާން ވެއްޖެ. އައިސިސް އަށް ދާ މީހުން އައިސިސް އަށް ދަނީ ދީނުގެ ކަންކަން ރަގަޅަށް ނޭގޭތީކަން މި ލާދީނީ މީހުންނަކަށް ނޭގޭ. ކަލޭމެން ކިތަންމެ ހޭރުމެއް ހޭރުނަސް އަހަރަމެން ކަލޭމެންގެ ކިބައިން މިޤައުމާއި މިފަސްގަނޑު ސަލާމަތް ކުރާނަން.

  7. ނަސީރު

    އިސްލާމީ ދިރިއުޅުމައް ދަސްކޮއްދޭ ވާހަކަ ބުނާއިރު ، ކުޑަ ކުދިން ކުޅެން ބުދު ފަދަ ތަކެތި ނުދީ އެހެން ކަހަަލަ އެއްޗެހި ދިނީމަ ބުދު ފަދަ ތަކެއްޗައް ދުރުވާނެ . ބުދަކީ ކުޅެން ދޭން ރަނގަޅު އެއްޗެއްނޫން.

  8. އަދުހަމު

    ޒަމާނީ ތައުލީމު އައްޑޫގެ ދަރިންނަށް ދިނުމަށް ހިރާ ސްކޫލުން މަސައްކަތް ކުރާތީ ޝުކުރުވެރިވާ ހާލު، އައްޑޫ ދަރިއެއްގެ ހައިސިއްޔަތުން ފަހުރުވެރިވަން

  9. އަހޫ

    އަޅޭ... މަގޭ ކުދިން ގޮވައިގެން ދާހިތްވަނީ...
    ކުދިންކޮޅު ތިބިލެއް އުފާވެރިކަން ބަލާބަލަ...