(އައްޑޫ ސިޓީ) ރާއްޖޭގެ އެންމެ ދެކުނަށް އޮތް އައްޑޫ ސިޓީ ނުވަތަ އިހުގެ ގޮތުން ނަމަ އައްޑު އަތޮޅުގައި އިނގިރޭސިން ތިބި ކަމާއި އެވެރިން އައްޑޫގައި ތިބީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުކަން އެއީ ތާރީޚީ ފަތްފުތްތަކުން ފެންނަން އޮތް ހަގީގަތެވެ. އެގޮތުން 1941 ވަނަ އަހަރު އައްޑު އަތޮޅު ގަމުގައި އެންމެ ފުރަތަމަ އިނގިރޭސިންގެ ކަނޑުގެ ސިފައިން ގާއިމު ވެގެން ތިބިކަމާއި 1957 ވަނަ އަހަރާ ޖެހެން ދެން ގަމުގައި ކަނޑުގެ ސިފައިން ތިބިކަން ތާރީޚު ބަލާލުމުން އެނގެއެވެ. އެއަށް ފަހު ގަމުގައި ތިބީ އިނގިރޭސި އެއާ ފޯސް ނުވަތަ އެ ގައުމުގެ ވައިގެ ސިފައިންނެވެ. އެވެރިން ގަމުގައި 1976 ވަނަ އަހަރާ ޖެހެންދެން ތިއްބެވެ.

އިނގިރޭސިން ގަމުން ފައިބައިގެން ދިޔަތާ އަހަރުތަކެއް ވޭތުވެ މާޒީ ވެގެން ދިޔަ ނަމަވެސް އިނގިރޭސިންގެ ދުވަސްވަރުގެ ހަނދާންތައް އެގޮތުގައި އެ ކުލަތަކާއެކު މިއަދުވެސް ފެންނަން ހުރި ތަންތަން އެބަހުއްޓެވެ. އެގޮތުން އޭރު އަޅާފައި ހުރި ބައެއް އިމާރާތްތަކާއި ގުދަން އަދި ބިނާތައް ފަދަ ތަންތަން މިއަދުވެސް ގަމުގެ އެކި ސަރަހައްދުތަކުން ފެންނަން އެބަހުއްޓެވެ.

އެކި ސަބަބުތަކާ ހުރެ މި ޖީލާއި ހަމައަށް ވާސިލް ނުކޮށްދެވުނު ތަންތަންވެސް އެބަހުއްޓެވެ. ބައެއް ތަންތަނަކީ ހަނދާނާއި ތާރީޚަށްޓަކައި ރައްކާކުރުން ބޭނުންތެރިކަމަށް އެތައް ބަަޔަކު ގާބޫލުކުރާ ތަންތަނަށް ވާއިރު އޭގެ ތެރެއިން ބައެއް ތަންތަން ފަނާވާން ދޫކޮށްލާފައި ވެސް އެބަހުއްޓެވެ. އަނެއްބައި ތަންތަނަކީ ދިވެހިންގެ އިސްލާމީ އަގީދާ އާއި ސަގާފަތާ ބީރައްޓެހި ތަންތަނަށް ވުމުން އެތަންތަން ބަދަލުކޮށްފައި ނޫނީ ހަލާކުކޮށްފައިވެއެވެ.

މިގޮތަށް ބަދަލު ކުރި އެއްތަނަކީ އިނގިރޭސިން އިހުގައި އަޅުކަން ކުރަން ގާއިމްކޮށްފައި ހުރި ޗާޗް ނުވަތަ ފައްޅިއެވެ. އެ ފައްޅި އަޅާފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގެނީ 1957 ވަނަ އަހަރުއެވެ.

އެ ތަން ބޭނުންކޮށްފައި ވަނީ އިނގިރޭސިން އަޅުކަން ކުރާ ތަނެއްގެ ގޮތުގައި ކަމަށްވާ އިރު، އެ ފައްޅި ހުރި ތަނަށް ދިވެހިންގެ ތެރެއިން އެއްވެސް ބަޔަކު އެތަނަށް ގޮސް ނޫޅޭ ކަމަށްވެއެވެ.

"1957 ގައި ވައިގެ ސިފައިންގެ މަރުކަޒުގައި އުޅުނު އިނގިރޭސިންގެ މީހުން އަޅުކަން ކުރުމަށް ކުޑަ ފައްޅި އެއް އަޅައިގެން އުޅުނު. ދެން އިނގިރޭސިން ފައިބައިގެން ދިޔައީމައި އެތަންވެސް ހުރީ ހުސްކޮށް. ދެން އެތަން މިސްކިތަކަށް ބަދަލުކޮށް ނަމާދު ކުރަން ފެށީ. އޭގެ ފަހުން މިހާރު ހުރި އިމާރާތް އަޅާފައި ވަނީ. ސީދާ ކޮން އަހަރަކުކަން އަޅުގަނޑަށް ސާފުކޮށް ދަންނަވަން ދަތި. ދެހާހުގެ އަހަރުތަކުގައި އެކަން ކުރީ. އެއީ އިނގިރޭސިންގެ ކުރިން ހުންނާނީ މުޅިންވެސް ޕްރީ ފްބެްރިކޭޓެޑް އިމާރާތްތައް.އެހެން ޗާޗް އިމާރާތް ކުރީ. ފަހުން އެހެރީ އެ މިސްކިތް އިމާރާތްކޮށްފަ" ތާރީޚީ މައުލޫމާތު ދެއްކޮށް ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

އައްޑޫގެ ތާރީޚީ މައުލޫމާތު އެއްކުރައްވާ ސަފްވާން ޝަފީގް ވިދާޅުވީ އިނގިރޭސިން ދިއުމަށް ފަހު އެތަނުގައި ނަމާދުކުރަން ފެށީ އެތަަނަށް މާބޮޑު ބަދަލެއް ނުގެނެސް ކަމަށެވެ.

ގަމުގައި ހުރި މިސްކިތް. --- ވަގުތު އިމޭޖަސް

" 1980 ހިސާބުގައި މައުމޫން ވެރިކަމުގައި އެތަނުގައި ނަމާދުކުރަން ފެށީ. ޗާޗް ހުރީ އޭރު އިނގިރޭސިން ބޭނުންވާ ގޮތަށް. ދެން މިސްކިތުގައި ގިބުލަ އަށްވާ ގޮތަށް ނަމާދު ކުރަން ފެށީ. އެގޮތަށް ނަމާދު ކުރަމުން ގޮސް ދެހާހުގެ ފަހުކޮޅު އެތަން މިހާރު އެ ފެންނަހެން އަލުން ބަދަލުކޮށްފައި އެ ހުރީ." ސޮފްވާން ވިދާޅުވިއެވެ.

ގަމުގައި ހުރި މިސްކިތް. ކުރިން މިއީ ފައްޅިއެއްގެ ގޮތުގައި ބޭނުން ކުރި ތަނެއް. --- ވަގުތު އިމޭޖަސް

ގަމުގެ އިތުރުން އައްޑޫ ސިޓީގެ އެކި ހިސާބުތަކުން އިނގިރޭސިންގެ ދިރިއުޅުުމުގެ ވައްޓަފާޅި ފެންނަ އެތައް ކަމެއް ފެންނަން އެބަހުއްޓެވެ.

އެގޮތުން އިނގިރޭސިން އުޅުނު ތަންތަނާއި އެ މީހުން ކުޅެން އުޅުުނު ތަންތަނާއި އެ މީހުން ގެންގުޅުނު ބަޑި ފަދަ އެއްޗެހި ބެހެއްޓި ތަންތަނާއި ބަންކަރުތައް ފަދަ ތަންތަނުގެ އަސަރު އަދިވެސް އައްޑޫ އިން ފެންނަން އެބަހުއްޓެވެ. އަދި އިނގިރޭސިންގެ ހަނދާންތަކާއި ގުޅުން ހުރި ބައެއް ތަންތަން ސީދާ ވީ ތަނެއް ނޭނގި ވާ ބޯ ހިސާބުތަކާއި، ރަށާއި ފަޅުތެރޭގެ އެކި ހިސާބުތަކަށް ގެއްލިފައި ވެސް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީމޫސާ

    ހޮޅިވާހަކަ. ތިޔަބުނާ ފައްޅިއެއްނުން މިސްކިތަކީ.. ފައްޅިހުރި ސަރަހައްދުގައޭބުނިނަމަ ރަގަޅު. ފައްޅި އަކީ ލަކުޑިފިލައިން ހަދާފަ ހުރި ތަނެއް.

    1
    2
  2. މުހަންމަދު

    ތިޔަ ފައްޅި ހަލާކުވެ ވީރާނާވެނެތުނުކަމައްޓަކާ ﷲ އަށް ހަމްދުހުރި.

    7
    3