ސ.އަތޮޅު ގަން އިންޓަރނޭޝަނަލް އެއާޕޯޓް ހިންގުމަށް ބޭރުގެ ކުންފުންޏަކަށް ދީ، އެތެރޭގެ އުދުންތައް ކުރުމަށް ބައިނަލް އަގުވާމީ އެއާލައިންތަކަށް ފުރުސަތު ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ވަޑައިގެން ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުގެ ތެރެއިން "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އައްޑޫގެ އިގުތިސާދީ ތަރައްގީއަށް ކުރަންޖެހޭ އެންމެ ބޮޑު އެއް މަސައްކަތަކީ ގަން އެއާޕޯޓް ތަރައްގީ ކުރުން ކަމަށެވެ. ސަރުކާރުން ކުންފުނިތަކުން އެއާޕޯޓް ހިންގުމަށް ވުރެ ބޭރުގެ ކުންފުންޏަކަށް ހިއްސާދީގެން އެއާޕޯޓް ހިންގުން މާ ފައިދާ ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް - ފޮޓޯ:ސަން

"އަދިވެސް އަޅުގަނޑު ދަންނަވާނީ އެއާޕޯޓް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕަކަށް ދޫކޮށްލެވިފައި އަދި ބަނދަރުވެސް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕަކަށް އެއީ، ބޭރުގެ އެހެން ބަޔަކާ ގުޅިގެން އެތަން ތަރައްގީކޮށްގެން ހިންގޭނެ އިންތިޒާމެއް ހޯދިގެން، އަޅުގަނޑުމެނަށް އައްޑޫއަށް ރަނގަޅު ގޮތް ހަދާދެވޭނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެތެރޭގެ އުދުންތަކަށް ފަތުރުވެރިން އަތުންނަގާ އަގު ކުޑަކުރުމަށް ބައިނަލް އަގުވާމީ އެއާލައިންތަކަށް ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރު ހިއްސާވާ އެއާލާއިންތަކަށް ފައިދާ ހޯދާދޭކަށެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ރަނގަޅު އެކަށީގެންވާ އަގެއްގައި އެއްތަނުން އަނެއްތަނަށް ދެވޭ ގޮތްވުން. އެއާލަންކާއަށްވެސް ދޭންވީ. ގަމުން މާލެވެސް. އަދި އެހެން އެއާލަންތަކަށްވެސް ދޭންވީ. ހަނީމާދޫއަށްވެސް. އެހެން އަޅުގަނޑުމެން ހަދައިފިއްޔާ މިއަންނަ ބޮޑެތި ބޯޓު އެއާލައިންތައް މާލެ އައިސްފަ ދެން އައްޑޫއަށް އަންނައިރު އަންނާނީ އައްޑޫއަށް އަންނަ ޓުއަރިސްޓް މީހާ ހަމަ އެ ބޮޑު އެއާލައިންގަ ގޮވާއިގެން ގަމަށް. އޭރުން އެތައް ތަނެއް އަގުހެޔޮވާނެ. ކިތަންމެ ތަނަކުން އަގުހެޔޮވާނެ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ އެއާލާއިން، މޯލްޑިވިއަން މިހާރުވެސް ހިންގަނީ ބޮޑު ގެއްލުމެއްގައި ކަމަށާއި ކޮންމެ ފަހަރަކު ކުންފުނި ދަރަނި ދައްކަން ޖެހެނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށްވެސް ވެސް ވިދާޅުވި އެވެ. ދިވެހި އެއާލައިން ގެއްލުމުގައި ހިންގާ އެންމެ ބޮޑު ސަބަބަކީ ދަތުރުތަކަށް ދިވެހިން އަތުން ނަގާ އަގު ކުޑަވުން ކަމަށާއި އެކަން ފޫބައްދަން ރާއްޖެ އަންނަ ޓުއަރިސްޓުން އަތުން ނަގާ އަގު ބޮޑުކުރަނީ ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް މުހައްމަދު ނަޝީދުއާއި އެމްޑީޕީގެ ލީޑާޝީޕް ފޯކައިދޫއަށް ވަޑައިގަންނަވަން ފްލައިޓްގައި - ފޮޓޯ: އެމްޑީޕީ

އެތެރޭގެ އުދުންތަކަށް ބޭރުގެ އެއާލަންތަކަށް ޖާގަ ނުދޭން އުޅޭ ސަބަބެއް އެމަނިކުފާނަށް އެއްގޮތަކަށްވެސް ވިސްނިވަޑައިނުގަންނަވާކަމަށް ނަޝީދު ވިދާޅުވި އެވެ.

"އާދެ އަޅުގަނޑުމެންގެ އެއާލާން ދަރާނެ. އެކަމު އާއްމު ރައްޔިތުންނަށް ފައިދާވާނެ. އިގުތިސާދަށް ފައިދާވެނެ. އިގުތިސާދަށް ފައިދާހުރި ކަމެއް ކުރަންވީ. އަޅުގަނޑުމެންގެ ނަމާ ޖާހަތާއި ކުރިއަރާ ކަންކަމެއް ނޫން އަޅުގަނޑުމެން ކުރަންވީ." ނަޝީދު ވިދާޅުވި އެވެ.

އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއެއް ސަރުކާރުން ވަނީ ފަށާފަ އެވެ. އެ މަޝްރޫއު ހިންގަނީ ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނަން

    ފޮނި ވާހަކަ ދައްކާފަ އެއައީ. ކަލޭމެނަށް ހުރިހާ ބާރެއްދީފަ މިއަދު ތިއޮތީ. ކޮށްބަލަ. ދޭންޖެހޭ . ކުރަންޖެހޭ ނުކިޔާ...

    35
  2. އިބްރާހިމް

    އިހަކަށްދުވަހު އިންޑިއާއަށްކުރި ދަތުރުގެ އަސަރު

    40
  3. ވާޒް

    އިގްތިސޯދީ ދާއިރާގެ އަދި އެ އިލްމުގެ އަލިފުބާވެސް ނަޝީދަކަށް ނޭނގޭ.

    48
  4. ވަގު

    ލާރި ދަމާގަންނަށް ދޯ

    34
  5. އަހުމަދު

    އާނ އެއަށްފަހު ގައުމުވެސް ބޭރުގެ ފަރާތަކާއި ހަވާލު ކޮށްލާނީ ދޮއްތޮ؟

    30
  6. ޑައެލޯގް

    ބަލަ ކަލޭމެނެއްނުބުނީ އެތެރޭގެ އުދުހުންތައް ކުޑަކުރާނަމޭ ދެންތިކިޔަނީ ކޮންއެއްޗެކޭތަ އެމްޑީޕީއަކީ ނުވާވަރުން ކަންކަންކުރަންއުޅޭބައެކެވެ. އޭގެބަދަލު ދައްކަންޖެހެނީ ރައްޔިތުންނެވެ. ވެރިކަމަށް އަންނަން ވައުދުވީ ނާސްތާދޭށާއި އެތެރޭގެ އުދުހުންތައް ކުޑަކުރާށާއި މިގޮތަށްބައިވަރެވެ. ދެން އެކަމެއްވެސްނުވެ ރައްޔިތުން މިޖެހެނީ އޭގެބަދަލުދޭށެވެ. ޔާމީނުގެ ވައުދުތައް ފުއްދިއިރު ޑޮލަރުރޭޓު ހަމަޔަކަށް އަޅުވައި ފުރާކޮންމެމީހަކަށް 500 ޑޮލަރުދީ އޭޓީއެމުން ޑޮލަރުނެގެއެވެ. އަދި ތަކެތީގެ އަގުމައްޗަށްނުގޮސް ތަރައްގީކުރީ އިތުރު ޓެކުހަކާނުލައެވެ.

    29
    1
  7. Anonymous

    ކަލޭދެން މިޤައުމުގެ ހުރިހާ އެއްޗެއް ބޭރުމީހުނަށް ދޭން ތިއުޅެނީ މިޤައުމު މީހަމަ އެކަނި ކަލޭގެ އެއްޗަކީތޯ ބަލަ މިރާއްޖޭގައިވެސް ޤައުމު ހިންގޭ ވަރުމީހުން އެބައުޅޭ ކަލެޔަށް ހަރަދުކުރާ ފޮރިން ފަންޑިން ދޭމީހުނަށް ހަދިޔާދޭންތޯ ؟

    22
  8. Anonymous

    އައްޑޫއަތޮޅު ތަރައްޤީ ނުވަނީ ކޮރަޕްޓު ކައުލްސެލުންނާއި ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ގިނަކަމުން !

    27
  9. ނުރަބޯ

    މިކަލޭގެ އަށް ވެރިކަން ލިބިއްޖެއްޔާ ކަންކުރާނެގޮތް އެބުނީ. ދިވެހިއެއްމެހާ ރައްޔިތުން މިކަލޭގެ ކިބައިން ބަރީއަވެ ދުރައް ޖެހިލައްވާ. މީނާއަކީ ޖީއެސްޓީގެ ވެސް ބާނީ. ފުރަތަމަ އަހަރު 3%، ދެވަނަ އަހަރު 6%، ތިންވަނަ އަހަރު 8% ނަގަންވެގެން އުޅެނިކޮށް ސަރުކާރު ވެއްޓުނީ.

    23
  10. 👩‍🦲

    ކަލޭގެ ގަމާރުކަމަށް ވެސް ފަރުވާ ހޯދަން ޖެހޭ 😏

    19
  11. ފަލްސާ

    ބަލަ ގަން އެއާޕޯޓްވެސް އަދި ރާއްޖޭގެ ހުރިހާ އެއާޕޯރޓެއްވެސް އިންޑިއާއަށް ދޭންޖެހޭ ބުނެބަލަ، މާތްﷲ މި ޤައުމު އިންޑިއާ އަޅުވެތިކަމުން ސަލާމަތް ކޮށްދެއްވާދޭނވެ! އާމީން.

    24
  12. ކެނެރީ

    ކެނެރީގެ ބޭރު މީހުންނަށް އަވަހަށް ދޫކޮށްލާފައި އައްޑުއަށް ދިއުމަށް ނަސޭހަތްތެރިވަން.

    13