(އައްޑޫ ސިޓީ) މަރަދޫއަކީ ތާރީޚީ ވާހަކަތައް ދެކެފަރިތަ، އިސް ރަށްވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ރަށެކެވެ. އެކަމަކު، މި ރަށުގެ ތާރީޚާ ގުޅުން ހުރި ކަންކަން އެކަށީގެންވާ ސިފައެއްގައި ރައްކާކުރެވިފައެއް ނެތެވެ. އިހު ޒަމާނުގައި ވެސް ވަޑާން ކުރުމާއި، ތިލޭރުކަން ކުރުން ފަދަ ހުނަރުވެރި މަސައްކަތްތައް އަމިއްލަ މީސްމީހުންގެ ގޭގޭގައި ވެސް ކޮށްފައި ހުރިކަމަށް މި ރަށު މީހުން ބުނާ އިރު އިހުގެ މަސައްކަތްތެރިކަން މި ޖީލަށް ދައްކުވައިދޭނެ ތަނެއް މަރަދޫގައި މަދުން ނޫނީ ނެެތެވެ.

މަރަދޫގައި ހުރި ގަނޑުވަރު މިސްކިތަކީ މި ރަށުގެ ތާރީޚު ރަމްޒުކޮށްދޭ މަދު ތަންތަނުގެ ތެރެއިން އެއް ތަނެވެ. ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުން ދަނޑިވަރު މިސްކިތަކީ ވަރަށް އާޘާރީ މިސްކިތެކެވެ. މިރަށު މީހުން ކިޔައިދޭ ގޮތުން ނަމަ ދަނޑިވަރު މިސްކިތުގައި ހުރި ޒިޔާރަތްތަުގައި ފަސްދާނުލެވިފައި ވަނީ އަރަބިންގެ ތެރެއިން ބައެކެވެ.

ތާރީޚީ ލިޔުންތަކުން ވެސް މި ވާހަކަތަކަށް ހެކިދޭ އިރު، ބުނެވޭ ގޮތުން އަރަބީން ދުނިޔޭގެ އެކި ރަށްރަށަށް ދަތުރުކޮށް އުޅުނު ދުވަސްވަރު، މިރަށު ފުއްޓަރު ފަރާތުގައިވާ އަޖާރު" ކިޔާ ތަނަށް ނަވެއް އުރިފައިވެއެވެ. އެ ނަވުގެ މީހުން މަރަދޫގައި ވަޒަންވެރިވެ އުޅެން ފެށީ ކަމަށާއި ދަނޑިވަރު މިސްކިތުގައިވާ ޒިޔާރަތްތަކުގައި ވަނީ އޭގެ ތެރެއިން ބައެއް ކަމަށް ވެސް ލިޔުންތަކުގައިވެއެވެ.

މަރަދޫ ދަނޑިވަރު މިސްކިތް- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އައްޑޫ ސިޓީ ކައުންސިލްގެ މަރަދޫ އަވަށު އޮފީހުގެ ސީނިއާ އެޑްމިން އޮފިސަރު މުހައްމަދު ފައިސަލް ވިދާޅުވީ އެ ނަވުން ވަޑައިގަތް ޢިލްމުވެރިޔެއްގެ ގާތަށް ކިޔަވަން އައީ ގަމުގެ ކަނބޯ ކިޔާ މީހެއްގެ ހަތް ކުދިން ކަމަށް ތާރީޚީ ބޭފުޅުން ވިދާޅުވާ ކަމަށެވެ.

މީގެ އިތުރުން އެތަނުގައި ބިސްތާނުގެ ތެރޭގައި ގާދިރުކަލޭގެފާނު ކިޔުނު ބޭކަލެއްގެ އަނބިކަނބަލުން "އައިހާރަނި" ގެ މަހާނަ އޮތް ކަމަށް ބުނެވެއެވެ. މި އައިހާރަނި ވިހަން ކައިރިވެފައި ވަނިކޮށް ނިޔާވުމުން، މީނާ ވަޅުލާފައިވަނީ "ދަނޑިވަރު" މިސްކިތުގައި ކަމަށްވެއެވެ. މި މަހާނަގަލަކީ ވަރަށް ރީތިކޮށް ޑިޒައިންކޮށްފައިވާ ގަލެކެވެ.

ފައިސަލް "ވަގުތު" އާ ވާހަކަ ދައްކަވަނީ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ގަނޑުވަރު މިސްކިތް އެޅުނު ގޮތާ މެދު މި ރަށުގައި ދެކެވޭ ވާހަކައެއް އޮވެއެވެ. ބުނެވޭ ގޮތުން މި ރަށު ސަންފާގޭއްޔާ ބިޔާ (މަރުޙޫމް އިބްރާހީމްފުޅު، މިރަށުގައި ބިޔަ ދިއްގާ ގަހާއި، ބިޔަ ކަނދު ގަސްތައް ހެދިފައިވާ ވަލުތެރޭގައި، ދަނޑި ކަނޑަން އުޅުމުގެ ތެރޭގައި، ޒިޔާރަތްތަކަކާއި، މިސްކިތެއްގެ ގާފޮޅެއް ފެނުނެވެ. އަދި އެތަނުގައި ހުރި ގަސްތައް ކޮށުމަށް ފަހު އެ މިސްކިތުގެ ގާފޮޅުމަތީގައި ދަނޑިފަނުން މިސްކިތެއް ބިނާކުރީ އެ ހިސާބުންން ކަމަށާއި، އޭގެ ފަހުން މިތަނުގައި ހުރި ޒިޔާރަތްތައް އާބާދުކޮށްގެން ގެންގުޅެން ފެށި ކަމަށްވެއެވެ.

ފައިސަލް ވިދާޅުވީ މި ޒިޔާރަތްތައް ފެނުނު ޒަމާނަކީ ކަންދިމާ ކުރި ގޮތުން .ޒިޔާރަތަަށް ދިވެހިން ލޯބި ކުރި ދުވަސްވަރަކަށް ވުމުން އިސާހިތަކު އާދަކާދައިގެ ގޮތުން މި ޒިޔާރަތްތައް ދެކުނުގެ އަތޮޅުތަކަށް މަޝްހޫރުވެ އެތައް ނަދުރު ބުނުން ފަދަ ކަންތައްތަކެއް ހިނގަން ފެށި ކަމަށެވެ.

މަރަދޫ ދަނޑިވަރު މިސްކިތް- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

" މިފަދައިން މީހުންގެ އިހުތިރާމާއި، އިޢުތިގާދާއި އެއްގޮތަށް ކަންތައް ވަމުންދާ ކަމަށް ބެލެވި، ދަނޑިވަރު ޒިޔާރަތް މަޝްހޫރުވެ، އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިނެއް) ގެ ރަސްކަމުގެ ދުވަސްވަރުގައި ސަރުކާރުންވެސް ޒިޔާރަތްތަކަށް އައި،" ފައިސަލް ވިދާޅުވިއެވެ.

މިމިސްކިތުގައި ރޯދައަށް ތިބުމާއި، ޒިޔާރަތްތަކަށް ނަދުރު ބުނުމުގެ ކަންކަން 1970 ގެ އަހަރުތަކުގެ ތެރޭގައިވެސް ހިނގަމުން ދިޔަކަމަށްވެއެވެ.

މިތަން މިހާރު ފެންނަން ހުރި ގޮަތަށް ބަލާއިރު ޒިޔާރަތުގެ ބޭރުގައި ވަނީ ސިމެންތި ޖަހައިފައެވެ. އެއީ 2000 ވަނަ އަހަރު އެތަން މަރާމާތު ކުރި އިރު ކޮށްފައިވާ މަސައްކަތެކެވެ.