އައްޑޫގައި ވައްކަން ކުރާ ވާހަކައަކީ އަލަށް އަޑު އިވޭ ވާހަކައެއް ނޫނެވެ. ގިނަ ބަޔަކަށް އައްޑޫ ސިފަވެފައިވަނީ ވަގުން "ރަސްކަން" ކުރަމުން އަންނަ ސިޓީއެއް ގޮތަށެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައެއް ނުވާކަމީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމަކެވެ. މި މައްސަލަ ފާހަގަވެފައި އޮތީ ހަމައެކަނި އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެކަންޏެއް ނޫނެވެ. ވަކިން އޮންނަ ހުޅުމީދޫ ރައްޔިތުން ވެސް މި ޝަކުވާކުރެއެވެ.

އައްޑޫ އާއި މާލެ އާއި ބައެއް ރަށްރަށުގައި ވައްކަން ކުރުން އާންމުވި ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު ނާޅައި ތިބުމަކީ ވެސް އާންމުން ކުރާ ޝަކުވާއެކެވެ. އެކަށީގެންވާ ފިޔަވަޅުތައް ނާޅާހާ ހިނދަކު އެކަން ނުހުއްޓޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އައްޑޫ އިން ވާހަކަ ދެއްކި ގިނަ ބަޔަކު ބުނި ގޮތުގައި އައްޑޫގައި ވައްކަން ކުރާ މީހުންނަކީ އެކަން ކުރުމުގައި ހައްދު ފަހަނަ އަޅާފައި ތިބި ބައެކެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުގައި މީހަކު ލޮލުފިޔައެއް ޖެހޭ ވަގުތެއްގައި ގޭގައި ހުންނަ ޓީވީ ފަދަ ތަކެތި ވަގުން ހިފައިގެން ދަނީއެވެ.

އައްޑޫގެ ވައްކަން އިތުރުވާ މައްސަލައަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވެސް އޮތް ކަންބޮޑުވުމެކެވެ.

ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ދާދި ފަހުން ވިދާޅުވީ "ގޭތެރޭގައި ތިބޭ މައިންގެ ކަރުގައި ވަޅި ޖައްސާފައި ރަން ފަށް ފޭރިގަނެގެން ގެންދާ ހިސާބަށް ވައްކަމާއި ފޭރުން" ގޮސްފައިވާ ކަމަށެވެ. އެގޮތުން ބައެއް ގޭގެގެ އޭސީ އައުޓްޑޯ ޔުނިޓުން ފެށިގެން މީހުން ހައްދާފައި ހުންނަ ގަސްތައް ވެސް ވަގުން ނަގަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިގޭގެ ގޯތިތެރޭގައި ހައްދާފައި ހުރި ކުދި ކެކްޓަސް ގަސްތައް، ހެނދުނު ހޭލި އިރު ބައެއް ތަކެތި ހަލާކުކޮށްފައި، ބައެއް ގަސްތައް ނެތް،" އައްޑޫން ވާހަކަ ދެއްކި މީހަކު ކިޔައި ދިނެވެ.

ވަގުން ވައްކަން ކުރުމަށް ވަކި ތަނެއް ނޯވެއެވެ. އަމިއްލަ ގޭގެއިން ފެށިގެން ސަރުކާރު އޮފީސްތަކާއި ފިހާރަތަކާއި ގުދަންތަކަކީ ވެސް ވަގުތުންގެ ޓާގެޓަކަށް ވަނީ ހަދައިފައެވެ.

އައްޑޫގައި ހިނގި ވައްކަމުގެ ހާދިސާތަކަށް ބަލާ އިރު، 2019 ތެރޭގައި އައްޑޫގައި ހުންނަ އެޗްއާރުސީއެމްގެ އޮފީހެއް ވަނީ ފަޅާލައިފައެވެ. އަދި މަރަދޫގައި ހުންނަ ދަމަނަވެށި ކިޔާ ތަނެއް ފަޅާލައި އެތަނުން ވެކްސިން ކާޑެއް ވަގަށް ނަގާފައިވެއެވެ. މީގެ އިތުރުން މިދިޔަ އަހަރު ކޮވިޑްގެ ތެރޭގައި މަރަދޫގައި ހުންނަ ރޫޓު ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ތަކެތި ވަނީ ނަގައިފައެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ، ވަގުން ވައްކަން ކުރާ ކަން އެނގިފައި އޮތަސް އެ ސިޓީއަކީ ވަގުން "ރަސްކަން" ކުރާ ސިޓީއެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. މޭޔަރު ވަނީ ގޭގޭގައި މީހުން އަގު ބޮޑުކޮށް ގަނެފައި ހުންނަ ތަކެތި ވަގުން ނަގާކަން ފާހަގަ ކޮށްފައެވެ.

އެކަމަކު މޭޔަރު ވިދާޅުވީ، 2019 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރުގައި ވައްކަން ކޮށްފައިވާ އަދަދު ބޮޑުތަނުން މަދުވެފައިވާ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ވައްކަމުގެ 1181 މައްސަލަ އަދި 2020 ވަނަ އަހަރު ވައްކަމުގެ 553 މައްސަލަ ހުށަހެޅުނު ކަމަށް އޭނާ ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ، މި އަދަދުތަކުންވެސް އެސިޓީގައި ވަގުން "ރަސްކަން" ނުކުރާ ކަން އެނގޭ ކަމަށެވެ.

އެކަމަކު ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ކުށްތައް ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް އެކަށީގެންވާ މަސައްކަތެއް ނުކުރުމެވެ. އެއީ ސިޓީ ކައުންސިލާއި ފުލުހުން ކަމަށް ވިޔަސް ރައްޔިތުންގެ ނަޒަރުގައި އެ މުއްސަސާތަކުގެ އިހުމާލު ވެސް ބޮޑެވެ. އައްޑޫގައި ދޭތެރެއަކުން ކައުންސިލުންނާއި ފުލުހުން ބައްދަލުކޮށް ކުށް މަދުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއެވެ. އަދި 2019 ވަނަ އަހަރު އައްޑޫގައި ނެއިބަހުޑް ފުލުހުންގެ ހިދުމަތް ރަސްމީކޮށް ތައާރަފު ވެސް ކުރިއެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ފުލުހުން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުން ކުށްތައް މަދުކޮށް، އަމާން، ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދޭށެވެ. ނަމަވެސް އެކަން މަދުވާ ތަނެއް ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

"ފުލުހުން ހައްޔަރު ކުރާނެ. އެކަމަކު ފަހު ދުވަހު ހެކި ނެތޭ ކިޔާފައި ދޫކޮށްލަނީ." އައްޑޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ވައްކަމާއި ފޭރޭ މީހުންނާ މެދު ފުލުހުން އެދެވޭ ފިޔަވަޅު އަޅާނަމަ، ދެން އެފަދަ ކަމެއް ކުރަން ނުކެރޭނެއެވެ.

ރައްޔިތުން ހަގީގަތުގައި ވެސް އުންމީދުކުރަނީ ކުށް ކުރާ މީހުންނާ މެދުގައި ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމެވެ. އެކަމަކު ކަންބޮޑުވުމަކީ ނަތީޖާއެއް ނުފެނުމެވެ. އެހެން ކަމުން ގިނަ ރައްޔިތުން މިހާރު ތިބެނީ އެފަދަ ވައްކަމެއް ކުރާ ބަޔަކު އެމީހުންގެ އަތުގައި ޖެހޭނެ ދުވަހަކަށް އިންތިޒާރު ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަގީގަތަކީ

    ތިނޫން ރަށެއް އޮބެއްތޯ ކުއްވެރިން ހީރޯ އިންނައްވެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގަ ނެތް ރަށެއް މިގައުމުގަ އެއް ނެތޭ ދެންނެވިޔަސް ދޮގަކައް ނުވާނެ އަދުލް އިންސާފެއް ނެތް ބޭބޭފުޅުން ޓީވީ ތަކައް އަރާ އެވިދާޅުވަނީ ކުއްވެރިން ބައިތިއްބާނެ ތަނެއް ނެތޭ އެކަމަކު ރައްޔިތުންގެ ޓެކްސްޕޭ މުސާރަ ނެންގެވޭ މަގާމާ ހަވާވްވެވޭ މާތް ﷲ ގަނެދީ ހުވާކޮއްގެން ރައްޔިތުން ހައްގުތަކާ ކަރާމަތް ހިފާއްޓަންކަމައް ސަހަރޯ މިޔޮއް ގައުމެއް

    14
  2. ަަ

    ވަގުންގެސަހަރު

    15
  3. އާންމު

    ދިވެހިރާއްޖޭގައި ވައްކަމަކީ އާންމުވެފައި މިހާރު އޮތް ކަމެއް. ހަގީގަކީ މިހާރު މިތަނުގައި ގާނޫނެއް ނެތް. މީ ގާނޫނު ހިނގާ ގައުމެއް ނޫން. ވައްކަން މިހާރު ގިނަ މީހުން ކުރަނީ މަސްތުވާތަކެތި ގަންނަންވެގެން. އެމީހުން ގެންދާ ތަކެތި ހެޔޮ އަގުގައި ގަންނަ ބަޔަކު ކޮންމެ ރަށެއްގައި މިހާރު އެބަތިބޭ. އެއީ އެއްވެސް އިރެއްގައި ވައްކަމުގެ ބައިވެރިން ކަމުގައި ބަލައި އެމީހުންގެ މައްޗަށް ތަޙްޤީގެއް ހިންގާ ބައެއް ނޫން. ދައުވާއެއް އުފުލޭ ބައެއް ނޫން. ތިކަން ހުއްޓޭނީ ގަންނަ މީހުންގެ މައްޗަށް އަދަބުދެވޭނެ ގޮތެއްވެސް ހޯދައިގެން. އަދި ތިޔަ ސިޓީއަކީ ވަކިން ޚާއްޞަކޮށް ޒަމާނުއްސުރެ ވައްކަމުގައި އަރާއޮތް ތަނެއް.

  4. އައްޑޫ މީހާ

    ރައްޔިތުންގެ މަޖްލިހުގެ ފޭދޫ ދާއިރާގެ މެމްބަރުގެ ކަންބޮޑުވުން އޮތިއްޔާ މަޖިލިހުން މިކަމަށް ހައްލުގެނެވޭނެ އައްޑޫގައި ތިބި މަދު އަދަދެއްގެ ފުލުހުން ވަގުން ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދޭ އެކަމަކު ވަގުން ހިފައި ހައްޔަރުކޮށްގެން ކޯޓްތަކަށް ގެންދިޔައިމަ ދޫކޮށްލާ ރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކުން ވައްކަން ކުރުމާއި މަސްތުވާތަކެތި ވިޔާފާރިކޮށް ގެންގުޅުމަަށް ފުރުސަތު ތަނަވަސް ކޮށްދީފައި ދެން ގުދޯ ގުދޯ ގޮވީމަ ކަމަކުނުދޭ މިހުރިހާ ކަމެއްގެ އަސްލަކީ މަސްތުވާތަކެތި އެބޭނުންކުރާ މީހުން ވައްކަންކުރިޔަސް މަސްތުވާތަކެތީގެ މައްސަލައެއް އޮވެއްޖެއިޔާމު އެމީހަކަށް އަވަސް ހުކުމެއް އިއްވޭކަށެއް ނޯވޭ ފޭދޫ ދާއިރާގެ މެމްބަރަކީ ކުޑަކުއްޖެއްވީމަ އަދި މަޖިހުގައި ހުއްޓެއްކަމަކު ވާނުވާ ނޭގޭނެ

  5. ޖޫން

    މމ މީގެ 12 އަހަރު ކުރީން އައްޑޫއަށް ދިޔައިރުވެސް ހަމަމ މަ އޮތީ ތިހާލަތުގަ. ތީގެން އިންގެނީ ބޮޑު މުސާރަ ދިނަސް މަތީ މަގާ މުތަކުގައި ތިބި މ މީހުންނަށް ރައްޔިތޔންނަށް ހެޔޮނޭދޭކަން.

  6. އަލީ

    މިހާރު ވަށްކަން ހައްލު ކުރަންވެގެން ނިޒާރު ހޮވާފަ އެހެރީ. ދެންކުރާ ވަށްކަން މާބޮޑުވާނެ

  7. ޓަޓާ

    ސޯ މަޗް ރޭސިސަމް އިންދަ ކޮމެންޓްސް.....

    1
    1
  8. ޓިޓީ

    ޓަޓާ އެބަދާންޖެހޭ ކައުންސެލިން ހޯދަން ރޭސިސަމް މައްސަލަގައި