ވެރިކަންކުރާ މާލެއާއި 327.97 ކިލޯމީޓަރު ދުރުގައި އޮންނަ ހއ. އުލިގަމަކީ ރާއްޖޭގެ އެންމެ އުތުރުން އަދި ހއ. އަތޮޅުގައި މީހުން ދިރިއުޅޭ ދެވަނަ ރަށެވެ. އަތޮޅުގެ ވެރިކަން ކުރާރަށް ދިއްދޫގެ ހުޅަނގުއުތުރުން 30 ކިލޯމީޓަރު ބޭރުގައި އޮންނަ އުލިގަމުގެ އާބާދީގައި 532 މީހުން ވަނީ ރަޖިސްޓަރީ ކޮށްފައެވެ. މި ރަށުގައި 112 ހެކްޓަރު (ދިގުމިނުގައި 2.5 ކިލޯމީޓަރު، ފުޅާމިނުގައި 0.8 ކިލޯމީޓަރު) ބޮޑު ސަރަޙައްދެއް އޮންނައިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ އުލިގަމަކީ ހއ. އަތޮޅުން ތިންވަނަ އަށް ބިމުގެ ގޮތުން އެންމެ ތަނަވަސް ރަށްކަމެވެ.

ހއ. އަތޮޅުގެ އެހެން ރަށްތަކެކޭވެސް އެއްފަދައިން އުލިގަމަކީ ޤުދުރަތީ ރީތިކަން ލިބިފައިވާ ޗާލު ރަށެކެވެ. މި ސަބަބަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގައި ވެސް އުލިގަމަކީ އާ ނަމެއް ނޫނެވެ. އަދި ހަމައެއާއެކު ފަތުރުވެރިކަމާއި ގުޅުންހުރި ދާއިރާތަކުގައި މިރަށު މީހުންވެސް އުޅެއެވެ. މިރަށުގެ އެއްކޮޅުގައި ފަތުރުވެރިކަމަށް ތަރައްޤީކުރާ ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތް ވެސް މީގެ ކުރިން ފަށާފައި ވެއެވެ. ނަމަވެސް މި މަސައްކަތް މިވަގުތު އޮތީ ހުއްޓިފައެވެ. ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ސިޓީ ހޮޓާގެ ހުވަފެން މިރަށު ރައްޔިތުން ދެކެމުން އައި ނަމަވެސް، އަދިވެސް އެކަމުގެ ފޮނިމީރުކަން އުލިގަމު ރައްޔިތުންނަށް ލިބޭގޮތް ވަނީ ނުވެފައެވެ. އެރަށު ކައުންސިލުން ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރަކުންވެސް އެވާހަކަތައް ސިޔާސީ ބޭނުމުގައި ދައްކައި، ވައުދު ފުއްދުމުގައި ބޮޑެތި އިހުމާލުތަކެއް އަންނަނީ ވަމުންނެވެ.

ހއ. އުލިގަމުގެ ފާހަގަކޮށްލެވޭ މިސްކިތް މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތުު އިމޭޖަސް / އިބްރާހިމް ޝާބިލް

މިރަށުގައި މާލޭގައި ހުންނަ ހުކުރު މިސްކިތާއި އެއްގޮތަށް އަޅާފައިވާ މިސްކިތެއް ހުރެއެވެ. ރަށުގެ ހެޔޮއެދޭ ފަރާތްތަކުން އަމިއްލަ ހަރަދުގައި އިމާރާތް ކުރި މި މިސްކިތުގެ މުންނާރުވެސް ހުންނަނީ މާލޭ ހުކުރު މިސްކިތާއި އެއްގޮތަށްކަން ފާހަގަކޮށްލެވެއެވެ.

އުލިގަމް ރައްޔިތުންނަކީ ޢާންމު ގޮތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމުން މަންފާ ހޯދަމުން އަންނަ ބައެކެވެ. މީގެ އިތުރުން ފަންގި ވިނުމާއި އެކި ކަހަލަ އަމިއްލަ ވިޔަފާރިތައް ހިންގުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަކީ ވެސް މިރަށުގެ މީހުން ކޮށް އުޅޭ އާންމު މަސައްކަތްތަކެވެ. ރާއްޖޭގައި އަތޮޅުތެރޭގެ ރަށަކުން ފެނުނު އެންމެ ފުރަތަމަ ކޮވިޑް ވޭދަނަ ފެނިފައި ވަނީ މިރަށުންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި އުނދަގޫ ދުވަސްތަކެއް ތަހަންމަލު ކުުރުމަށް ފަހުގައި އުލިގަމު ރައްޔިތުން އަންނަނީ މަޑުމަޑުން މި އަޑިގަނޑުން އަރައިގަންނަމުންނެވެ.

މިރަށުގެ ތާރީހަށް ބަލާއިރު މީގެ އަހަރުތަކެއް ކުރިން ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މިރަށު ރައްޔިތުން ވަނީ އަތޮޅު ވެރިރަށް ދިއްދޫ އަށް ބަދަލު ކޮށްފައެވެ. މީހުން މަދު ކަމަށް ބުނެ ދިއްދޫ އަށް މިރަށު ރައްޔިތުން ބަދަލުކުރި ނަމަވެސް، އޭގެ އަހަރުތެއް ފަހުން އުލިގަމު ރައްޔިތުން ވަނީ ދިއްދޫ ދޫކޮށް ތުރާކުނަށް ހިޖުރަ ކޮށްފައެވެ. އިބްރާހިމް ނާސިރު ވެރިކަމުގެ ފަހުކޮޅުގައި އެރަށު ރައްޔިތުންނަށް އުލިގަމުގައި އަލުން އާބާދުވުމުގެ ހުއްދަ ލިބެންދެން އެރަށު ރައްޔިތުން ދިރިއުޅުނީ އުލިގަމާއި އެންމެ ކައިރިން އޮންނަ ތުރާކުނުގައިކަން ފާހަގަކޮށްލެވެއެވެ.

ހއ. އުލިގަމުގެ ހިތްގައިމު ތުނޑި މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތުު އިމޭޖަސް / އިބްރާހިމް ޝާބިލް

މީގެ އިތުރުން، މިރަށުގައި ހުންނަ ވަޅެއްގެ ފެން މީރު ވާހަކަ އަކީ މިރަށަށް ޒިޔާރަތް ކުރާ އެންމެނަށްވެސް އިވޭ ވާހަކައެވެ. ގިނަ ބަޔަކު ބުނެ އުޅޭ ގޮތުގައި މިއީ ރާއްޖޭގައި ހުރި ވަޅުތަކުގެ ތެރެއިން އެންމެ ފެންމީރު އެއް ވަޅެވެ. މި ވަޅުގެ ފެންގަނޑު ބުއިމަށް ރަނގަޅު ލެވެލް އެއްގައި ހުރިއިރު، ތަޣައްޔަރުވެފައިވާކަމަށް އެއްވެސް ވަރަކަށް ނުދައްކާކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އުލިގަމަކީ ސިއްޚީ ޢާންމު ޚިދުމަތްތައްވެސް ލިބެންހުރި ރަށެކެވެ. 16 ގަޑިއިރަށް ހިދުމަތް ދެވޭ ލެވެލް ދޭއްގެ މަރުކަޒެެއް މި ރަށުގައި ހުރި ނަމަވެސް، މުވައްޒަފުންގެ ދަތިކަން ހުރުމުގެ ސަބަބުން މިވަގުުތު ހިދުމަތް ދެމުން އަންނަނީ 8 ގަޑިއިރަށްކަން ފާހަގަކޮށްލެވެއެވެ. އެސްޓީއޯގެ ބޭސްފިހާރައިގެ ހިދުމަތްވެސް މިރަށުން އަންނަނީ ލިބެމުންނެވެ.

ހއ. އުލިގަމުގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތުު އިމޭޖަސް / އިބްރާހިމް ޝާބިލް

އެހެން ރަށްތަކެކޭ އެއްފަދައިން އުލިގަމަކީވެސް 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށެކެވެ. މުޅި ދުނިޔޭގައިވެސް ފުރަތަމަ ޤާއިމުކުރެވުނު “ހައިބްރިޑް އޭސީ ކަލްޕް ރެނިއުބަލް އެނަރޖީ މައިކްރޯ ގްރިޑް” ސިސްޓަމް ވެސް ޤާއިމްކުރެވިފައި ވަނީ މިރަށުގައިކަމީ ފާހަގަކޮށްލަން ޖެހޭ ވަރުގެ ކަމެކެވެ.

މިރަށުގައި ޕްރީ ސްކޫލަކާއި ސެކަންޑްރީ ސްކޫލެއް ހުރެއެވެ. އެހެންކަމުން ސާނަވީ ތަޢުލީމުން ގްރޭޑް 10 އާއި ހަމައަށް މިރަށުން ކިޔެވެން އޮވެއެވެ.

މި ހިނގާ 2021 ވަނަ އަހަރު އުލިގަމްގައި 8 މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް ބަޖެޓް ކުރެވިފައި ވެއެވެ. ޖުމްލަ 12.8 މިލިއަން ރުފިޔާގެ މި މަޝްރޫޢުތަކުގެ ތެރެއިން މިވަގުތު ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމާއި ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އަދި ޕްރިޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނެބަލް އެނާރޖީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓެއް ކުރިޔަށް އެބަދެއެވެ.

ހއ. އުލިގަމުގެ ގޮނޑުދަށް މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތުު އިމޭޖަސް / އިބްރާހިމް ޝާބިލް

މީގެ އިތުރުން މިއަހަރަށް ބަޖެޓް ކުރެވިފައިވާ އުލިގަމް ކަސްޓަމްސް އޮފީސް ޢިމާރާތް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އުލިގަމްގައި ކުރިޔަށް ހުރި މަޝްރޫޢުތަކުގެ ތެރެއިން ބަނދަރު ބޮޑުކޮށް ގޮނޑުދޮށް ޙިމާޔަތްކުރުމާއި، 8 ކްލާސްރޫމާއި ސައިންސް ލެބެއްގެ އިތުރުން އޭވީރޫމެއް ޤާއިމްކުރުން އަދި ފުޓްސަލް ދަނޑެއް ޤާއިމްކުރުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ.

މިރަށަކީ ބޭރުގެ އުޅަނދުފަހަރުތައް ގިނަ ޢަދަދަކަށް ޒިޔާރަތްކުރާ ރަށަކަށް ވާތީ އެމްއެންޑީއެފްގެ ޕޯޓް ސެކިއުރިޓީ އާއި ކަސްޓަމްސް އާއި އިމިގެރޭޝަންގެ ޔުނިޓެއް ޤާއިމްކޮށްފައި ވެއެވެ. މިރަށަކީ އިންޑިއާ ކަނޑުގެ ހުޅަނގު އުތުރުން ދަތުރުކުރާ ފަރާތްތައް އަރަބި ކަނޑުން ދަތުރު ފެށުމުގެ ކުރީން ވަރަށް ގިނަ ފަހަރަށް މަޑުކުރާ ރަށެކެވެ.

މިރަށުގެ ކައުންސިލާއި ރައްޔިތުންގެވެސް އެންމެ ބޮޑު އެދުމަކީ ވީހައިވެސް އަވަހަށް މިރަށުގައި ސިޓީ ހޮޓާ ތަރައްގީ ކުރެވި އެތަން ބޭނުން ކުރެވެން ފެށުމެވެ. އެތައް އަހަރެއް ވަންދެން ސިޓީ ހޮޓާ ތަރައްގީކުރަން ދީފައި އޮތް ބިން ބޭނުން ނުކޮށް އޮތުމުން ބޮޑެތި ގެއްލުންތަކެއް އެރަށަށް ވަމުންދާއިރު، މީގެ ކުރިން އުލިގަމު ކައުންސިލުން ވަނީ އެތަން ތަރައްގީ ކުރަމުން އައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏާއި ދެކޮޅަށް ކޯޓުގައި ދައުވާ އެއްވެސް އުފުލާފައިލަން ފާހަގަކޮށްލެވެއެވެ.