(ހއ. ދިއްދޫ) އެއީ މީގެ 106 ވަރަކަށް އަހަރު ކުރިއެވެ. ރާއްޖެ އާއި ބޮޑުތިލަދުންމައްޗައް ސިހުން ގެނުވި، ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިރަށުގައެވެ. މިއީ މީގެ ގަރުނެއް ކުރީން ހިނގާފައިވާ ކަމެއް ކަމަކަށްވާ އިރު، ހާދިސާ ހިނގި ދުވަސްވަރު އެކަން ތަޖުރިބާ ކުރި މީހަކު މިހާރު ދުނިޔޭގައި ނެތެވެ. އެކަމަކު އެ ވާހަކައަކީ މިރަށު މީހުންގެ ހަނދާނުން ދުވަހަކު ވެސް ފިލައިގެންދާނެ ވާހަކައެއް ނޫނެވެ.

އެެއީ ދިއްދޫގައި މީހުން ވަޒަންވެރިވި ފަހުން މިއަދާ ހަމައަށް ވެސް ރަށަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ހާދިސާއެވެ. އަދި މުޅި ރަށް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ކުޑަކުދިންނާއި އަންހެން ވެރީންގެ ރުއިމާއި ހަޅޭކުގެ އަޑުން ރަށް ގުގުމާލި އަނދިރި ދުވަހެކެވެ. އެތައް ބައެއްގެ އުއްމީދުތަކާއި ހުވަފެންތައް އަނދަމުން ދިޔަ އަލިފާންގަނޑާއެކު އަނދައި އަޅިއަށްވި ދުވަހެވެ. ރަށެއް އެއްކޮށް އަނދައިގެން ވައިގެ ތެރެއަށް މީހުންގެ ގެދޮރާއި މުދާތައް ގެއްލި ދިޔުމަކީ، ޚިޔާލަށްވެސް ނުގެނެވޭފަދަ ހިތްދަތި ކަމެއްކަން ދިއްދޫ ރައްޔިތުން އޭރު ވަނީ ތަޖުރިބާކޮށްފައެވެ.

ގަރުނެއް ކުރިން އެކަން ހިނގިޔަސް އެ ވާހަކައަކީ އަދިވެސް ދިއްދޫ ގިނަ ބައެއްގެ ހިތްތަކަށް ނާމާންކަމާއި ބިރުވެރިކަން ވެރިކޮށްލާ ހާދިސާއެކެވެ. އެތައް ހުވަފެންތަކެއް ދެކެމުން، ފޮނި އުންމީދާއެކު ބިނާކުރި ޙަޔާތް، ބޮޑު ހުޅުގަނޑެއް ތެރެއަށް ހިނދުކޮޅެއްގެ ތެރޭގައި ގެއްލިދިޔަ އެ ހާދިސާއަކީ ޖީލުތަކަށް ގެނެސްދިން ފިލާވަޅެކެވެ. ކިތަންމެ ކުޑަކަމަކުން ވެސް ހީނުކުރާފަދަ ނަތީޖާއެއް ނިކުމެދާނެކަން އެނގިގެން ދިޔަ އިބުރަތެކެވެ.

ހއ. ދިއްދޫ - ރޭގަނޑުގަޑީ މަތިން ފެންނަ ގޮތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދިއްދޫ އަނދައި އަޅިޔަށް ވެގެންދިޔަ ހާދިސާ، އެހައި ބޮޑު ހާދިސާއަކަށްވެ އޭރު މިރަށު ދެތިން ގެއެއް ފިޔަވައި އެހެން ހުރިހާ ގެއެއް ބިމާ ހަމަވެގެން ދިޔައީ އޭރު ހުރިހާ ގެތަކަކީވެސް ދަނޑިފަނުން ހަދާފައިހުރި ގެތަކަށް ވުމުންނެވެ. ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުން އެއްކޮޅުން ރޯވި އަލިފާންގަނޑު ހީނުކުރާހައި ހަލުވިކަމާއެކު ފެތުރި، މުޅި ރަށުގެ މަލަމަތި ސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. ރަށުގެ ބައެއް މީހުންގެ ފަރާތުން އެނގުނު ގޮތުގައި އެ ހާދިސާގައި ސަލާމަތްވީ ތިން ގެއެކެވެ. އަނެއް ބަޔަކު ބުނަނީ އެއް ގެ ސަލާމަތްވި ކަމަށެވެ.

އެކަމަކު، މިއަދުގެ ޖީލަށް ފެންނަން ހުރީ އޭރު ހަދާފައި ހުރި އެއް ގެއެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތު އެނގޭ މި އަތޮޅުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އާދަމް އަބުއްރަހްމާން (އުތީމު އާދަމްބެ) 75، ވިދާޅުވީ، މިރަށު ރައްޔިތުންނަކީ އެއިރު ފަނުން ރިޔާ ވިއުމުގައި ރާއްޖޭގެ އެއްވަނަ ކަމަށާއި މަސްވެރިކަމަށް ބޭނުންކުރާ މި ރިޔާ ގަތުމަށް ރާއްޖޭގެ އެންމެ ދެކުނުން ވެސް ދިއްދޫ އަށް މީހުން އަންނަ ކަމަށެވެ. އެ މަސައްކަތް ކުރަނީ ރުކު ބޮންތީގެ ފަން ނަގައިގެން، ފަންތައް ފަޅައިގެންނެވެ.

އާދައިގެ ދުވަހެއްގެ މަތިން ރަށުގެ ރައްޔިތުން އުޅުނީ އެމީހުންގެ މަސައްކަތުގައި ޝާމިލްވެގެންނެވެ. އެދުވަހު މި މަސައްކަތް ކޮށް އުޅުނު ސަރަހައްދެއްގައި ފަންތައް ފެޅުމަށް ފަހު އިލޮށިތަކާއި، ފަންތައް ހުރީ އެއް ފުންޏަކަށް ޖަހާފައެވެ. ބަލާ ބެލުމަށް އެތަކެތީގެ ކުނި ފުންޏެކެވެ. މި މަސައްކަތް ކޮށް އުޅުނު ސަރަހައްދަކީ ގިނަ އޮޑި ހަރުގެތަކެއް ހުރި ސަރަހައްދެކެވެ. މިކިޔަނީ މީގެ ގަރުނެއް ކުރީގެ ވާހަކަ ކަމުގައިވާއިރު އެ ޒަމާނުގައި ހަރުގެތައް ހުންނަނީ މިހާރު ހުންނަހެން ރަނގަޅު ފެންވަރެއްގަ އެއް ނޫނެވެ. އޭރު ހުރިހާ ގެދޮރަކާއި ހަރުގެތައްވެސް ހުންނާނީ ދަނޑިފަނުން އަޅާފައެވެ.

ހއ. ދިއްދޫގެ ބައެއް އޮޑި ހަރުގެތައް މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އުތީމަށް ނިސްބަތްވާ އާދަމްބެ 1958 ވަނަ އަހަރު މިރަށަށް ވަޑައިގެންނެވި އިރު ރަށުގެ އަތިރި މަތީގެ އެއްކޮޅުން އަނެއްކޮޅަށް ހަރުގެތައް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރު ބޭނުން ކުރެވޭ ހާލަތުގައި މިރަށަށް ނިސްބަތްވާ 33 މަސްދޯނި އޮތް ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މި ދެންނެވި ހަރުގެތަކުގައި އައު އޮޑި ދޯނިފަހަރު ބަނުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދިޔަ ކަމަށެވެ. މީގެ 100 އަހަރު ކުރިން ދިއްދޫގައި 33 މަސްދޯނި އޮތްއިރު މިއީ އެ ޒަމާނާ އަޅާކިޔާއިރު އެއް ރަށަކަށް ނިސްބަތްވާ ވަރަށް ބައިވަރު ދޯނިކަން ފާހަގަކޮށްލެވެއެވެ. އެ ޒަމާނުގައި ދިއްދޫގެ ރައްޔިތުންނަކީ މަސްވެރިކަމަށް މުޅި ރާއްޖެއިން ވެސް އަރާހުރި ރަށަކަށް ވާއިރު ބޭރު ދަތުރު ކުރާ ގިނަ އޮޑިދޯނި ފަހަރުތައް ވެސް ދިއްދޫ އަށް އޭރު ނިސްބަތްވެއެވެ.

އާދަމްބެ ވިދާޅުވީ، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކޮޗިން އިން މުދާ ބަރުކޮށްގެން އެނބުރި ދިއްދޫ އަށް އައި އޮޑިއަކުން ވެއްޓުނު އަލިފާން ފޮއްޓެއްގެ ސަބަބުން ކަމަށެވެ.

"އެހެން ހުރި ހަރުގެ ތަކެއް ކައިރީގައި މި މީހުން މަސައްކަތް ކުރަން ތިބިއިރު، އެ މީހުންގެ ނަމުން ނަމަ "ބޯބުރިތައް" (ފަންވަތުގެ ބޯބުރިކޮށްލާފައި، އިލޮއްޓާއި އެއްޗެހި ނަގާފައި) އަޅާފައި ހުރި ކުނި ފުންޏެއް އެތާ ހުރި. މިހެން އޮއްވާ ކޮޗިން އިން ދިއްދޫ އަށް އައި އޮޑިއަކުން މުދާ ބޭލިއިރު، މޫދަށް ވެއްޓުނީ އަލިފާން ފޮއްޓެއް. މި އަލިފާން ފޮށިން ދެން މުޅި ރަށުގަ ރޯވާން މެދުވެރިވީ. އާދަމްބެ ވިދާޅުވިއެވެ.

އުތީމު އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި ރަށުގެ ގިނަ މީހުން ބުނާ ގޮތުން މޫދަށް ވެއްޓުނު އަލިފާން ފޮށި ނެގީ ކުޑަ ކުއްޖެކެވެ. އެއަށްފަހު އެ ފޮށި ގެންގޮސް އެ ކުއްޖާގެ މަންމަ އަތަށް ދިނުމުން ފޮށި ހިއްކާލަން އަވީގައި ބޭއްވުމަށް އެ ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ. އޭގެ އިރުގަނޑެއް ފަހުން އެ ކުއްޖާ ކުޅެން އުޅެފައި ހިއްކަން ބާއްވާފައި އޮތް ފޮށިން އަލިފާން ދަނޑި އެއް ނަގައި އޭގައި ރޯކުރަން މަސައްކަތް ކުރި ވަގުތު އަތަށް ހޫނުވުމުން ރޯވެފައި އޮތް އަލިފާން ދަނޑި އެއްލާލީއެވެ. ކަންދިމާ ކުރިގޮތުން އަލިފާން ދަނޑި ގޮސް ވެއްޓުނީ ކުނި ފުނީގެ ތެރެއަށެވެ. އިސާހިތަކު ކުނި ފުނީގައި ބޮޑު ހުޅެއް ހިފައިފިއެވެ.

ބޮޑު ކުނި ފުންޏެއްގައި ރޯވެގެންދިޔައިރު، މި ރަށުގެ ހަރުގެތައް ހުރީ ޖެހިޖެހިގެންނެވެ. އެއް ހަރުގެއިން އަނެއް ހަރުގެއަށް އަލިފާންގަނޑު ފެތުރެމަށް ނެގީ މަދު ސިކުންތު ކޮޅެކެވެ. މިހާރު ހުންނަހެން އަވަހަށް އަލިފާން ގަނޑެއް ނިއްވުމުގެ އާލާތްތަކާއި އުޅަނދުތައް އެ ޒަމާނަކު ނުހުރެއެވެ. އެހެންކަމުން، ކުނިފުނީގައި ރޯވި ބޮޑު ހުޅުގަނޑު ހަރުގެތަކުގައި ހިފައި، ނިއްވައި ނުލެވި އުޅެނިކޮށް ރަށުގެ ގެތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭރުވެސް ދިއްދޫ އަކީ ބޮޑު އާބާދީ އެއް އޮތް ރަށަކަށްވެފައި، އަލިފާންގަނޑު މުޅި ރަށަށް ފެތުރިގެން ދިޔަކަމުން، އޭރު ދިއްދޫގައި މީހުން ދިރިއުޅެމުން ދިޔަ ގެތައް ހުރީ ވަރަށް ކައިރި ކައިރީ، ޖެހިޖެހިގެން ކަމަށް ގަބޫލު ކުރަން ބާރު ލިބެއެވެ.

ހއ. ދިއްދޫގައި މަލިކުގެ އާއިލާއަކަށް ނިސްބަތްވާ ބައެއް ދިރިއުޅެމުންދާގެ މަތިން ނަގާފައިވާ ފޮޓޯއެއް (ތިން ގަހުގެ މެދުން އެ ފެންނަނީ އޭރު ސަލާމަތްވި ގެ) -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ހިތާމަވެރި ހާދިސާގެ މައުލޫމާތު އެނގޭ ދިއްދޫ ގުލްފާމްގޭ އުމުރުން 86 އަހަރުގެ އަލީ ސާލިހް އަބުދުއް ރަހުމާން ބުނެފައި ވަނީ ކަންވެ ނިމުނު އިރު އަލިފާންގަނޑާ އެކި ޒުވާން ދެ ކުއްޖެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ފިހުނު ކަމަށެވެ.

ދިއްދޫ "ފީ ހަސަންބެ" ނަމަކަށް ކިޔާ މީހަކާ ހަވާލާދީ އަބްދުއް ރަހުުމާނަށް މިވާހަކަ ކިޔައިދިން ގޮތުގައި އަލިފާނުގެ ބޮޑު ހުޅުގަނޑެއް ރަށާއި ދިމާލަށް މިސްރާބު ޖަހާތަން ފެނުމުން ގަތް ބިރުން ކުޑަ ދެ އަންހެން ކުއްޖަކު ދުވަމުން ގޮސް ގެއަށް ވަނެވެ. ދެން އެގެއިން ފެނުނީ ފުރާނަ ނެތް ދެ މަސްގަނޑެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ނިޔާވީ، ފިލަން ވެގެން ގޭގެ ދެކުނު ކަނަަށް ވަދެ އޮއްވާ ކަމަށް އަބްދުއް ރަހުމާން ބުންޏެވެ.

އުމުރުން 86 އަހަރުގެ އަލީ ސާލިހް އަބުދުއް ރަހުމާން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އޭނާ ގުޅައަކަށް އިންދާ، އިންގޮތަށް އަނދާފައި އިނީ، އެއީ އަންހެން ކުއްޖެއް، އެއީ ގާތްގަނޑަކަށް އަށެއް ނޫނީ ނުވަ އަހަރުގެ ކުއްޖެއް، އަނެއް ކުއްޖާ ނިޔާވީ ބިރުން ހަބަރު ހުސްވެގެން ގޮސް، އެގޮތް މިގޮތް ވެގެން، އެއީވެސް އަންހެން ކުއްޖެއް، އެއީ އުމުރުން 11 ވަރަކަށް އަހަރުގެ ކުއްޖެއް" އަބްދުއް ރަހްމާން ކިޔައިދިނެވެ.

މިރަށު ގިނަ ބަޔަކު ދިން މައުލޫމާތުން އެނގޭ ގޮތުގައި ރަށު ތެރެއަށް ހުޅުގަނޑު ފެތުރުނުތާ މާ ގިނަ އިރުތަކެއް ނުވެ ބޯކޮށް ވާރޭ ވެސް ވެހެން ފެށިއެވެ. އެއީ އަލިފާންގަނޑު ނިވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބެވެ. މި ހާދިސާ ހިނގުމުގެ ކުރިން ދިއްދޫ އިން މަސްވެރިކަމަށް ފުރައިގެން ގޮސް އެނބުރި ރަށަށް އައި މީހުންގެ މުޅި ދިރިއުޅުން ލޯ ކުރިމަތިން ގެއްލުނު ކަހަލައެވެ. އެ މީހުންނަށް އެ މީހުންގެ އަމިއްލަ ފަސްގަނޑު ވެސް ފާހަގަ ނުކުރެވުނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ރަށުގެ މަލަމަތިން އެއްވެސް ގެއެއް، ހަރުގެެ އެެއް ފެންނާކަށް ނެތެވެ. އެ މީހުން ފުރިިއިރު، ރަށުގެ މަލަމައްޗާއި ހާލަތު އޮތީ އެގޮތަަކަށް ނޫނެވެ. ޖީޕީއެސް ނެތް އެ ޒަމާނުގައި ރަށުގެ މަލަމަތި ތަފާތު ގޮތަކަށް ފެންނާން އޮތުމުން ދެވެނީ ރަނގަޅު މިސްރާބަކަށްތޯ މަސްވެރިން އެމީހުންގެ މެދުގައި ސުވާލު އުފެއްދިއެވެ. ކުރިމަތިން ފެންނަން އޮތީ ދިއްދޫ ކަން އެމީހުންނަށް ގަބޫލުކުރަން ދަތިވިއެވެ.

ހއ. ދިއްދޫ މަސްދޯންޏެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މީހުން މަހަށް ގޮސް ރަށަށް އައިއިރު ކިޔަނީ ކޮބާހޭ ތިމަންނާމެންގެ ރަށް، ރަށެއް ނެތޭ، ދެން ރަށެއް ނޯންނާނެތާ ފެންނަން މުޅި ތަން އަނދައިގެން ދިޔައީމަ، އެއްވެސް ގެއެއްވެސް ހަރުގައެއްވެސް ނެތް، މިއީ ތިމަންނާމެންގެ ރަށް އޮތް ތަނޭ ކިޔާފައި މިރަށަށް އައިސް ލެފީ، ރަށާއި ކައިރި ކުރިއިރު ވެރިންނާއި އެންމެން ތިބީ ގޮޑުދޮށަށް އެއްވެ، އެމީހުން ބުނީ އަލިފާން ރޯވެ މުޅި މިރަށް އަނދައިގެން ހިނގައްޖެ އޭ" އަސަރާއި އެކު އަބްދުއް ރަހްމާނު އިތުރަށް ތަފްސީލް ކޮށްދިނެވެ.

ރަށުގެ ތާރީހުގައި ހޫނު އަލިފާނުގެ އަކުރުތަކަކުން ބިންވަޅު ނެގުނު މި ހާދިސާ އަށް ދިއްދޫ މީހުން ނިސްބަތް ކުރަނީ "ރަށް ފެންވި" ހާދިސާގެ ގޮތުގައެވެ. އަދި މިކަން ހިނގި އަހަރަށް މިރަށު މީހުން ކިޔައި އުޅެނީ ދިއްދޫ ފެންވި އަހަރުގެ ގޮތުގައެވެ. އަލިފާނުގެ ހާދިސާ އޭ ކިޔާފައި މިރަށު މީހުން މި ހާދިސާ އަކަަށް ނިސްބަތެއް ނުކުރެއެވެ.

ހއ. ދިއްދޫ ގޮނޑުދަށް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ދުވަސް ފާއިތުވެ އޭގެ އަނެއް ދުވަހު އަތޮޅު ތެރެއިން އެރަށަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. އަތޮޅު ތެރެއިން މީހުން އައިސް، ދަނޑިފަން ގެެނެސްގެން މިރަށު މީހުންނަށް ގެތައް އަޅައިދިނެވެ. އަނެއްކާވެސް އާ ފެށުމަކުން ފަށައި، ދިރިއުޅުން އާރާސްތު ކުރަން ޖެހުނެވެ. ރަށުގެ އެއްބަޔަކު އާމްދަނީ ހޯދުމަށް ކަނޑުމަތީ ދަތުރު ކުރަމުންދިޔަ ގިނަ ދޯނި ފަހަރުތަކެއް ރަށް އަނދައިގެން ދިޔަ ވަގުތު ރަށުގައި ނެތުމުން ސަލާމަތް ވުމަކީ ހަމަ ނަސީބެކެވެ.

މުޅި ރަށް އެނދި ފަހުން، މިރަށުގެ ހުރިހާ ގެތަކެއް މަޑުމަޑުން އީޓުން ހަދާފައިވާ ގެތަކަށް ބަދަލު ކުރިއެވެ. އޭރު އީޓަކީ ރާއްޖޭގައި އެހައި އާއްމު އެއްޗަކަށް ނުވާ ހިނދު، ދިއްދޫގެ ގެތައް އީޓުން ހަދާފައި ހުރުމުން، ކެލާގައި އިނގިރޭސިން އުޅުނު ޒަމާނުގައި ދިއްދޫ މަތިން ދަތުރު ކުރާ ސިފައިންނަށް އެ މަންޒަރު ފެނި، ދިއްދޫ އާއި އިންޑިއާ އާއި ދެމެދު ކޮންމެވެސް ކަހަލަ ގުޅުމެއް އޮތްކަން އެމީހުންނަށް ފާހަގަވެ، އެވާހަކަ އިނގިރޭސި ސިފައިން ދެއްކިކަން އާދަމްބެ ވަނީ ފާހަގަކޮށްފައެވެ. ތެދެކެވެ. ދިއްދޫ ރައްޔިތުން އޭރު ގަވާއިދުން އިންޑިއާ އަށް މުދާ ގަތުމަށް ދަތުރު ކުރާކަމުން ދިއްދޫ އާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން ވަރަށް ބަދަހިއެވެ. މީގެ އިތުރުން، އެދުވަސްވަރު ކުރީގެ ރާއްޖޭގެ ބައެއްގެ ގޮތުގައި އޮތް މަލިކު މީހުން ވެސް ދިއްދޫ އަށް ގިނަ އަދަދަކަށް ހިޖުރަ ކުރަމުން ގެންދިޔައެވެ.

މަލިކުގެ, މިއީ އަމީން ދީދީ ބޭނުން ކުރެއްވި ސަރަންފީ ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި ހާދިސާގައި އަނދައިގެން ގޮސްފައި ނުވާ ގެއެއް އަދިވެސް ދިއްދޫގައި އެބަ ހުއްޓެވެ. އެގެއަކީ މިރަށުގައި އުވައިން ހެދި ފުރަތަމަ ގެއެވެ. އެންމެ ފުރަތަމަ އިންޑިއާއިން އީޓް ގެނެސްގެން ހެދި ގެއަކީ މިއީއެވެ. މީގެއިތުރަށް މި ގެ ހާއްސަ ވަނީ ރާއްޖޭގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދިއްދޫ އަށް ވަޑައިގެން މި ގޭގައި މަޑުކުރައްވާތީ އެވެ. "ވަގުތު" ހޭރިޔާ ޓީމުން މި ގެއަށް ކުރި ޒިޔާރަތުގައި މިގޭގެ ތެރޭގައި ހުރި އާސާރީ ތަކެތި ބަލާލުމުގެ ފުރުސަތު ލިބުނެވެ. އެ ތަކެތި ވެސް އެތެރޭގައި ހުރިގޮތަށް އެބަހުއްޓެވެ.

މަލިކުގޭގެ އެތެރެ ހޭރިޔާ ޓީމުން ބަލާލަނީ: ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެ ގެއަށް މާބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ފާހަގަވާން ހުރި ހަމައެކަނި ބަދަަލަކީ ފުރާޅަށް ގެނެސްފައި ހުރި ކުޑަ ބަދަލެއް ކަމަށް މަލިކު ބޭފުޅާ އަށް ކާފަ ކިޔާ އުބާ ވަނީ ބުނެފައެވެ. ކުރީގެ އާސަރީ އެއްޗެހި އެ ހުރީ އެގޭ ތެެރެއިން ފެންނާށެވެ. މުހައްމަދު އަމީނަކީ ވަރަށް ގިނައިން ދިއްދޫ އަށް ޒިޔާރަތް ކުރެއްވި ބޭފުޅެއް ކަމުގައިވާއިރު އެއިން ކޮންމެ ފަހަރަކު ވެސް ހުންނެވީ ހަމަ މި ގޭގަައެވެ. އެބޭފުޅާ އަރާމު ކުރައްވަން ގެންގުޅުއްވި ސަރަންފީ އާއި އެނދުވެސް އަދިވެސް ފެންނާން އެބަހުއްޓެވެ. މި ގެ ހާއްސަވާ ސަބަބުތައް ނިމުނީ އެއް ނޫނެވެ. މިއީ މަލިކުން ދިއްދޫ އަށް ހިޖުރަ ކުރި މީހެއްގެ ގެއެވެ. މި ގޭގައި މިހާރު މީހަކު ދިރިނޫޅޫނު ނަމަވެސް، އަދިވެސް މި ގޭ އިންނަނީ މިދެންނެވި މަލިކު ބޭފުޅާގެ ގޯތި ތެރޭގައެވެ. އެ ގޯގިތެރޭގައި މިހާރު ވެސް ދިރިއުޅެމުން އަންނަނީ މަލިކުން ހިޖުރަ ކޮށް، ދިއްދޫ އަންހެނަކާއި ކައިވެނިކޮށްގެން އުފެދުނު ދަރިފަސްކޮޅުކަން ފާހަގަކޮށްލެވެއެވެ.

ހއ. ދިއްދޫ ފުޓުބޯޅަ ދަނޑު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދިއްދޫ އަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އުނދަގޫ ދިރިއުޅުމަކާއި ހިތާމަވެރި ހާދިސާތައް އެންމެ ގިނައިން ތަޖުރިބާ ކުރަން ޖެހުނު އެއް ރަށެވެ. މިރަށު މީހުން ދޮނަކުޅީގައި އުޅުނު އިރު އިންޑިއާގެ މަލާބާރީން ރަށަށް އަރައި އަންހެނުންނާއި ކުޑަކުދިން މަރަން ފެށުމުން ދިއްދޫ އަށް ހިޖުރަ ކުރީއެވެ. އެއަށްފަހު އުތީމު ގަނޑުވަރަށް ބޮޑު ޖިޒީ އެއް ދައްކައިގެން އެތައް އަހަރެއް ވަންދެން އުޅެފައި ރަށުގެ ހުރިހާ ގެއެއްހެން އަނދައި އަޅިއަށްވި އަލިފާނުގެ ބޮޑު ހާދިސާ އެއްވެސް ކުރިމަތިވީއެވެ. މިއީ އެއްވެސް ބަޔަކަށް ތަޖުރިބާކުރަން ފަސޭހަ ކަންކަމަށް ނުވާނެއެވެ. މިއަދު އަހަރެމެންނަށް މިކަން ތަސައްވަރު ވެސް ނުކުރެވޭނެއެވެ. ދިއްދޫ ރައްޔިތުން މިވަނީ އަޑިގުޑަންތަކުން އަރައިގަނެ، ހިތްމަތާއެކު މަސައްކަތް ކުރުމުން ކޮންމެ ކަމެއްވެސް ވާނެކަން ސާބިތު ކޮށްދީފައެވެ. މިއަދު ދިއްދޫ އަކީ ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރައިފައިވާ އަދި އެންމެ ބޮޑު އާބާދީ އެއްވެސް އޮތް އެއް ރަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލިބެ

    ވަރަށް ބުރަ މަސައްކަތް ކުރި ބައެއް ދިއްދޫ މީހުންނަކި

    56
    1
    • ޔެސް

      އިހުގެ ދިއްދޫ މީހުން އެ އޮތް ގޮތުގަ އޮތްނަމަ މާލެ އަށް ވުރެން ވަކި ދޫ ނުކުރާނެ. އަހަރެން ކާފަ ވެސް ބުނި ދިއްދޫ އަކީ އޭރު ބޭރުން މުދާ ގެނައުމާ މަސްވެރިކަމާ އޭގެ ވިޔަފާރި އަށް އެއްވަނަ އޭ.

      51
      2
  2. އައްޑޫ ޝަކުވާ ބޯޓު

    ދިއްދޫ އަކި އުތުރުން އެންމެ ވަރުގަދަ ސަގާފަތަކާއި އިގްތިސާދެއް އޮތް ރަށްކަމަށް ފާހަގަ ކުރެވޭ.

    37
    2
  3. ކާފަ

    ހެހެހެހެހެހެ. ކާޑު ބަހާ.... ސިރާޖޫ......

  4. ތިނަދޫ

    ދިއްދޫ އިބްރާހިމް ކަލޭފާނު ޑީއައިކޭ ކަލޭފާނު އަކީ މަސައްކަތްތެރި ސަގާފަތަކުން އުފެދިގެން އައިސް މި ރާއްޖެ ދުއް އެއްމެ ބޮޑު އެއްވިޔަފާރި ވެރިޔާ.

    ޑީއައިކޭ ކަލޭފާނު ވާހަކަ ނުގެނެސް ދިއްދޫގެ ވާހަކަ ފުރިހަމަ ނުވާނެ.

  5. ޕޮގުބާ

    ބުރަދަނެއްނެތް ފްލޯކް ވާ ހަކައެއް

    1
    7
    • ފުލޯކު

      ބުރަދަނެއްނެތް ކޮމެންޓެއް.