(ހއ. މުރައިދޫ) އާބާދީގައި ނުވަސަތޭކައެއްހާ މީހުން ދިރިއުޅޭ ހއ.މުރައިދޫއަކީ ހަތަރު އާއިލާއެއްގެ ބިނާވެފައި އޮތް ރަށެއް ކަމަށް ބުނެވެއެވެ. ފަނޑިޔާރު އާއިލާ އާއި ކުރޮޅި އާއިލާ އާއި ހޮޅި އާއިލާ އާއި ކަތީބު އާއިލާގެ ތެެރެއިން މިއަދު މި ރަށުގައި އެންމެ ދޮށީ ރަށްވެއްސަކަށް ހުންނެވީ ފަނޑިޔާރު އާއިލާއަށް އުފަން އަބްދުލް ރަހްމާންއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުން ފެންނަ ގޮތުގައި އަބްދުލް ރަހްމާންގެ އުމުރުން މިހާރު އުމުރުން 102 އަހަރު ފުރިއްޖެއެވެ. އެކަމަކު މި އާއިލާގެ ގިނަ މީހުންނާއި ރަށު މީހުން ބުނާ ގޮތުގައި އަބްދުލް ރަހްމާންގެ އުމުރުން 110 އަށް ވުރެ ދޮށީ ވެދާނެއެވެ. އޭނަގެ އެންމެ ދޮށީ ދަރިއަށް 87 އަހަރުވިއިރު، ބައެއް ކާފަ ދަރިންގެ އުމުރު އުޅެނީ 50 އިން މަތީގައެވެ. އެހެންވެ 102 އަހަރަށް ވުރެ އަބްދުލް ރަހްމާން ދޮށީ ވާނެ ކަމަށް ބެލެވެއެވެ.
މުރައިދޫގެ ކަތީބުކަން ސާޅީހެއްހާ އަހަރު ކުރައްވާފައިވާ އަބްދުލް ރަހްމާން މި ދިގު ހަޔާތުގައި ބައިވެރިއެއްގެ ގޮތުގައި ހުރި ހައްވާ އާދަމް ވެސް ވަނީ މީގެ 13 އަހަރެއްހާ ދުވަސް ކުރިން ނިޔާވެފައެވެ.
އަބްދުލް ރަހްމާނަށް ލިބިފައިވާ ދަރިންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބީ ހަ ދަރިންނެވެ. އެއް ދަރިއަކު ވަނީ ނިޔާވެފައެވެ. ނިޔާވި ދަރިއަކީ އަލީ އަބްދުލް ރަހްމާންއެވެ. އަލީގެ ދަރިން ހއ. ފިއްލަދޫއާއި، މާލެއާއި، ހދ. ކުޅުދުއްފުށީގައި ތިބިކަން އެނގެއެވެ.
އެންމެ ދޮށީ ދަރިފުޅު ހާޝިމް އަބްދުލް ރަހްމާން ދުނިޔޭގައި އެބަ ހުއްޓެވެ. އޭނާ ދިރިއުޅެނީ އާއިލާއާ އެކީގައި ށ. މިލަންދޫގައެވެ. ހާޝިމްގެ ހަތް ދަރިން އެބަ ތިއްބެވެ.
އަބްދުލް ރަހްމާންގެ ދަރީންގެ ތެރެއިން އިބްރާހިމް އަބްދުލް ރަހްމާން އޭނާގެ އާއިލާއާއެކު އުޅެނީ ހދ. ހަނިމާދޫގައެވެ. އޭނާގެ ހަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
އަބްދުލް ރަހްމާންގެ ދަރިންގެ ތެރެއިން މުރައިދޫގައި މިހާރު އުޅެނީ ހަސަން އަބްދުލް ރަހްމާންއާއި، ރަޝީދާ އަބްދުލް ރަހްމާންއާއި، އައިމިނަތު އަބްދުލް ރަހްމާންއާއި، މަރިޔަމް އަބްދުލް ރަހްމާންއެވެ. ހަސަންގެ ނުވަ ދަރިން، ރަޝީދާގެ ނުވަ ދަރިން، އައިމިނަތުގެ ހަތް ދަރިން، އަދި މަރިޔަމްގެ ހަތް ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
މިއިން ކޮންމެ ދަރިއަކު، އެ ދަރިއެއްގެ އާއިލާއާ އެކީ ވަކި ގެދޮރެއްގައި ދިރިއުޅެމުންދާ އިރު، އަބްދުލް ރަހްމާން އުޅެނީ އެންމެ ހަގު ދަރިފުޅު މަރިޔަމް އަބްދުލް ރަހްމާންގެ ގޭގައެވެ. ހއ. އަތޮޅުގެ ރަށްތަކަށް "ވަގުތު ހޭރިޔާ" އިން ކުރަމުންދާ ދަތުރުގައި މުރައިދޫގެ މި ގެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ.
އުމުރުން ދުވަސްވުމުގެ ސަބަބުން މިއަދު ހިނގާބިނގާވެ އުޅެން ދައްޗެވެ. މީހުން ދައްކާ ވާހަކަ ވެސް އިވެނީ ވަރަށް ބާރަށް ދެއްކުމުންނެވެ. ރަނގަޅަކަށް ނުފެނެއެވެ. ދައްކާ ވާހަކަ ދެން ތިބި މީހުންނަށް ވެސް ސާފު ވާނީ ވަރަށް ކަނުލައި އަޑުއަހަން އިނުމުންނެވެ.
އެހެންވިޔަސް މި ދޮށީ އުމުރުގައި ވެސް އަބްދުލް ރަހްމާންގެ ދެ ލޯ ހުންނެވީ ދުނިޔެއަށް ހުޅުވައެވެ. މައުލޫމާތު ޖަމާ ކުރުމަށް ހުންނެވި ޝައުގަށް އަދިވެސް ބަދަލެއް ނާދެއެވެ. ދުނިޔޭގައި ހިނގަހިނގާ ހުންނަ ކަންކަން ރަނގަޅަށް އެނގެއެވެ. ރާއްޖޭގެ މަސްރަހު ރަނގަޅަށް އެނގެއެވެ.
މުޅި ދުނިޔޭގައި ކޮވިޑް-19 ނަމަކަށް ކިޔާ ވައިރަހެއް ފެތުރޭ ކަން އެނގެއެވެ. މީގެ ސަަބަބުން ދުނިޔެ ހުއްޓި، މުޅި ދުނިޔެ ފުރަބަންދުވި ކަން ވެސް އެނގުނެވެ. ހަޔާތުގައި މިފަދަ ކިތަންމެ ބަލިމަޑުކަމެއް ތަޖުރިބާކުރި ކަން ކިޔައި ދިނެވެ.
ރާއްޖޭގެ ރައީސް ކަމުގައި މި ވަގުތު ހުންނެވީ "ޅ.ހިންނަވަރު، ނޫރާނީއާގެ، އިބްރާހިމް މުހައްމަދު ސޯލިހް" ކަން ވެސް ހަނދާނުގައި އެބަހުއްޓެވެ. އެއީ "އަޅުގަނޑުގެ ބޮޑު ރައްޓެހި މީހާ" ކަމަށް ބުންޏެވެ. ރައީސްގެ ކާފާފުޅާ އޮންނަ ގުޅުން ކޮންމެ ވެސް ވަރަކަށް ކިޔައިދެއްވިއެވެ. މާ ބޮޑަކަށް މުޅި ވާހަކަ ސާފެއް ނުވިއެވެ.
ދުނިޔޭގައި މި ވަގުތު ތިއްބެވި ރައީސުން ވެސް އޭނާގެ ހަނދާނުން ކައްސައެއް ނުލައެވެ.
ކުރީގެ ރައީސް ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އާއި، ރައީސް ޔާމީންގެ ވާހަކަ އެނގެއެވެ. ރައީސް މުހައްމަދު އަމީން އާއި ރައީސް އިބްރާހިމް ނާސިރުގެ ވާހަކަ ވެސް ކިޔައި ދިނެވެ.
އަބްދުލް ރަހްމާން ބުނީ "ހުރިހާ ރައީސުން ވެސް ވަރަށް ރަނގަޅު، އަގުހުރި ޚިދުމަތްތައް ކޮށްދެއްވި،" ކަމަށެވެ. "ރައީސް އަމީން އަވަހާރަކޮށްލީ" ކަމަށް ކަމަށާއި "އެ ގޯހެއް، އެ ކަން ބަލައިނުގަންނަ" ކަމަށް ވެސް އޭނާ ބުންޏެވެ.
ކިތައް މީހުންނާ ކައިވެނި ކުރިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ވަރަށް ސާބިތުވެ ހުރެ ބުނީ "ހަޔާތުގައި ހޯދީ އެންމެ ބައިވެރިޔަކު، އެހެން މީހަކު ބޭނުމެއް ނޫން،" ކަމަށެވެ.
މީގެއިތުރުން އަބްދުލް ރަހްމާން ވަނީ ބެނދިކަން ނޫނީ ދަރިން ވިއްސުމާއި، އިލްމު އުނގަންނައި ދިނުމަށް ކުރި މަސައްކަތްތައް ހަނދާނުގައި ހުރި މިންވަރަކުންކިޔައިދީފައެވެ.
މުރައިދޫގެ ގިނަ މީހުން ވެސް އަބްދުލް ރަހްމާން ސިފަ ކުރަނީ އޭނާގެ އެ ވާހަކަތަކުން ވެސް ސާފުވާ ގޮތަށް، ހަރުދަނާ ޝަހްސިއްޔަތެއްގެ ގޮތުގައެވެ.
ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅުގެ ރަށްތަކުގައި ވެސް އަބްދުލް ރަހްމާންގެ ދަރިންނާއި ދަރިންގެ ދަރިންނާއި އެ ދަރިންގެ ދަރިން ވެސް އެބަ އުޅެއެވެ. މުރައިދޫ ނޫން އެހެން ރަށްރަށުގައި ތިބި އޭނާގެ ކާފަ ދަރިންތައް އޭނާއަށް ވީ ވަރަކުން ޒިޔާރަތް ކުރާ ކަމަށް ވެއެވެ.
އަބްދުލް ރަހްމާންގެ ދަރިފުޅު މަރިޔަމް ކިޔައިދިން ގޮތުގައި މި ދުވަސްވަރު ބައްޕައަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަށް އޮންނަނީ މިފަދަ ކާފަ ދަރިންނާ ބައްދަލުވުމެވެ. ކާފަ ދަރިން އައިސް ބައްދަލުވުން ގިނަ ވަގުތުކޮޅަށް ދޫނުކޮށް ހުންނަ ކަމުގައިވެއެވެ. އަދި ބައެއް ފަހަރު ރޮއެ ވެސް ހަދައެވެ.
ގަރުނެއްވާހާ ދުވަހު ދުނިޔޭގައި ހަޔާތެއް ހޭދަކުރަމުންދާ އަބްދުލް ރަހްމާންއަކީ "ޖީލެއްގެ ބައްޕަ" އެކެވެ.
އުމުރު ދިގު ކުރައްވާށި! އާމީން
102 ވެއްޖާ ރަނގަޅެއްނު އުމުރު ދޮށީ ދަރިޔައް 87 އަހަރުވެއްޖާ 15 އަހަރުގަ ތިޔަ ދަރިތިޔަލިބުނީ ކުރީ ޒަމާނުގަ 13 ނުވަތަ 12 އަހަރުގަވެސް ކުދިން ހޯދާފަ ތިބީ.
މަންޖޭ. މަންޖެގެ އުމުރުން 12،13 އަހަރުގަ ދަރިޔަކު ލިބިދާނެ. އެކަމަކު ފިރިހެނަކަށް ލިބުން ވަރަށް ނާދިރު. ފިރިހެން ކުދިން ބޮޑު ވާލެ ލަސްވާނެ އަންހެން ކުދިންނަށް ވުރެން. އެވްރެޖް ކޮށް ފިރިހެން ކުދިން ބޮޑު ވަނީ އުމުރުން 15 އަހަރުގަ. އަންހެން ކުދިން އެވްރެޖް ކޮށް ބޮޑުވޭ އުމުރުން 12،13 އަހަރުގަ. މަށެއްވެސް ގަބޫލެއް ނުކުރަން 115 އަހަރު ވެދާނެ ކަމަކަށް. ސަބަބަކީ ރަައްޖޭގަ ރަށްރަށުގެ މީހުންގެ ސީދާ އުފަން ތާރީހު ރެކޯޑް ކުރެވިފައެއް ނެތް. މިހާރުވެސް ރަށްރަށުގެ އުމުރުން 60 އަހަރުގެ ގިނަ މީހުންގެ އުފަން ތާރީހު ރަނގަޅެއް ނުވާނެ. ދޮށީ ދަރިޔަށް 87 އަހަރު ނުވެވެސް ވެދަަނެ. ދޮށީވެސް ވެދާނެ، ހަގުވެސް ވެދާނެ. ހަމަ އެހެންމެ އަބްދުއް ރަހްމާން އިބްރާހީމްގެ އުމުރު 110އަހަރަށް ވުރެން ދޮށީވެސް ވެދާނެ، ނޫނީ 102އަހަރަށް ވުރެން ހަގުވެސް ވެދާނެ. މީ ދިވެހި ތާރީހު ހަލާކު ކޮއްލާފަ އޮތުމުން ލިބޭ ވަރަށް ބޮޑު ދެރައެއް.
އަބްދުލް ރަހްމާން ބޭބެ ހެޔޮ ސިއްހަތެއްގަ ލަހައްޓަވާށި.އާމީން.އަބްދުލް ރަހްމާން ބޭބެ ވެސް އެއީ މެންޔޫ ފޭނެއް.މެންޔޫ ބެޑް ޝީޓްގަ ނިދާލަނީ.
ޙިދުމަތްތެރި ނަމޫނާ ސަ ހްސިއްޔަތެއް
ފިރިހެނުން އެދުވަސްވަރު މީހުންނާ އިންނާނީ އުމުރުން ވިހި ފަންސަވީސް އަހަރުގައި އެދުވަސްވަރު ދިހަ ބާރައަހަރުގައި މީހުންނާއިންނަނީ އަންހެނުން އެދުވަސްވަރު އަންއެނުން ވަރަށް މަދުވާނެ.
އަހަރެންގެ ކާފަވެސް 14 އަހަރުގަ ފުރަތަމަ ކުއްޖާ ލިބުން އޭރު މާމަގެ އުމުރުން 13.
މާތްﷲ އެކަލާނގެ މިންވަރު ކުރެއްގި އަޅަކައް ދިގު އުމުރު ދެެއްވައެވެ.
100 އަހަރު ދުނިޔޭގަ ދިރިހުރި މީހެއްގެ މަޢުލޫމާތު ވަރަށް މުއްސަނދިވާނެ. އެފަދަ މީހަކަށް އެކި ޒަމާނުގައި ކަންކަން ބަދަލުވެގެން އައިގޮތްވެސް ވަރަށް ރަނގަޅަށް އެނގިފަވާނެ. ވަގުތު ނޫސްވެރިންގެ ޓީމް އިން ތިބޭފުޅާގެ މަޢުލޫމާތުގެ ހަޒާނާއިން އެކި ޒަމާންތަކުގައި އެ ބޭފުޅާ ކުރެއްވި ތަޖުރިބާ ގެނެސްދިންނަމަ އާރޓިކަލް މާ ފުރިހަމަވާނެކަމަށް ޤަބޫލުކުރެވޭ. މިއީ ހަމަ ހިޔާލެއް.
އެ ދުވަސްވަރުގަ މާބޮޑެތި ކަންތަކެއް ރާއްޖޭގަ ހިނގާފަ ނެތުމާއި ދުނިޔެ އާއި ގުޅުން ކުޑަވުމުން މާގިނަ ކަންކަމެއް އަބްދުލް ރަހްމާން ބޭބެ އަށް އެނގިފަ ނެތުންވެސް އެކަށީގެންވޭ ނޫންތޯ!
އަޅުގަނޑު އަސްލު ތަޖުރިބާ މާނަކުރީ އަބްދުރަޙްމާން ބޭބެއަށް ދިމާވެފަ ހުރި ހާއްސަ ކަންތައްތައް އަދި އެ ބޭބެ ތަޖުރިބާކޮށްފައިވާ ބަދަލުތަކުގެ ވާހަކަ. މިސާލަކަށް ކުރީ ޒަމާނުގައި ދިރިއުޅުމާއި މިހާރުގެ ދިރިއުޅުން އަޅާކިޔުން ނުވަތަ އެކި ޒަމާންތަކުގައި އެ ރަށުގެ ސަގާފަތަށް އައި ބަދަލުތަކުގެ ވާހަކަތައް.