(ހއ. މާރަންދޫ) ހއ. އަތޮޅުގެ ހުރިހާ ރަށަކީ ވެސް ރުށް ގިނަ، ފެހިކަން ގަދަ ރަށްތަކެކެވެ. އެ އަތޮޅު މާރާންދޫ އަކީ ރުށް ގިނަ އަދި ރާވެރިން ވެސް ރަށުގައި ގިނަ ރަށެކެވެ.

އިހު ޒަމާނަށް ބަލާއިރު، މާރަންދޫގައި 25 އަށްވުރެ ގިނަ ރާވެރިން އުޅޭ ކަމަށް އެރަށުގެ މީހުން ބުނެއެވެ. ނަމަވެސް ފަހަކަށް އައިސް އަދަދުތައް ދަށްވެ، މި ސަގާފަތް ނެތިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

"ވަގުތު" ހޭރިޔާ ޓީމުން މާރަންދު އަށް ކުރި ދަތުރުގައި އެރަށުގައި ރާވެރިކަން ކުރަން އުޅޭ ބައެއް މީހުންނާ ވަނީ ބައްދަލުކޮށްފައެވެ. ފާހަގަ ކޮށްލެވޭ އެކަކީ ކުޑައިރުއްސުރެ އެކަމުގެ ތެރޭގައި އުޅެ ބޮޑުވި މުހައްމަދު ގަފޫރު (66) އެވެ. ގަފޫރުގެ ވާހަކަތަކުން އެނގިގެން ދިޔައީ އެރަށަކީ އެންމެ ކުރީއްސުރެ ރާ ބާލައިގެން އެއިން އެކި ކަހަލަ ތަކެތި އުފައްދައިގެން ކައިގެން ބޮއެގެން އުޅުނު ބަޔަކު އުޅޭ ރަށެއް ކަމެވެ.

މާރަންދޫއަކީ ގިނަ ރުއްތަކެއް ހުންނަ ރަށެއް. --- ވަގުތު އިމޭޖަސް

ގަފޫރު ބުނީ، އޭނާ ރުކުރާ އެޅުމުގެ ތެރެއަށް ވަދެވުނީ އެންމެ ކުޑައިރުއްސެރު ފެށިގެން ގޯތި މީހުން ރުކުރާ އަޅަންދާ މަންޒަރު ފެނި، އެމީހުންގެ ފަހަތުން އެކަން ކުރާތަން ބަލަން ދިޔަ ހިސާބުން ކަމަށެވެ. އޭރު ސްކޫލުގައި އުޅުނު ނަމަވެސް، ވަކި ހިސާބަކުން ސްކޫލުން ވަކިވީއެވެ. އޭގެ ފަހުން ގޯތީގައި ގިނަ އަދަދެއްގެ ރުށްތައް ހުރުމުން މަޑު މަޑުން އެކަން ދަސްކުރީ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ކުޑައިރު ގޯތި މީހުން ރާ އަޅަން ދާތީ އެމީހުންގެ ފަހަތުން ދާން ފެށީ. އެގޮތަށް ގޮސް ދުރުގައި ހުންނަނީ އެމީހުން ހަދާ އެއްޗެއް ބަލަން. އެމީހުން މަހަށް ދިޔަޔަސް ފަހަތުން ދަން. އެހެން ގޮސް އެކަން ދަސްވީ. ފުރަތަމަ އަރަނީ 15 ވަރަކަށް ރުކަށް. އޭގެ ފަހުން 25 ރުކަށް ވެސް ދުވާލަކު އަރައި ހަދަން. މިހާރު ދުވަސްވީމަ ޖެހިލުން ވިއަސް އޭރު އެއްވެސް ޖެހިލުމެއް ނެތި އަރާލަން" ގަފޫރު ބުންޏެވެ.

ގަފޫރު "ވަގުތު" އާ ވާހަކަ ދައްކަނީ. --- ވަގުތު އިމޭޖަސް

މާރަންދޫއަށް ބަލާލި ކަމުގައި ވިއަސް ފެނިގެން ދަނީ އެކި ސައިޒުގެ ރުށްތަކެވެ. ގޭގޭ ގޯތިތެރޭގައި 12-15 ފޫޓުގެ ރުށްތައް ހުންނައިރު، އެރުށްތަކުން ރާ އަޅަން އުނދަގުލެއް ކުރިމައްޗެއް ނުވާނެއެވެ. ނަމަވެސް ބައެއް ގެތަކުގައި ދިގު ރުށްތައް ހުންނައިރު، އެއީ ޅާބު ނުވަތަ ދަނޑިކޮޅު ބަނދެގެން އަރަން ޖެހޭ ވަރު ރުށްތަކެވެ. މި ހުރިހާ ރުށްތަކަކީ ވެސް ގަފޫރު އަރާ، ރާ ބާލާފައިވާ ރުށްތައްކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ރާ ބޭލުމުގައި ގަފޫރު ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާއިރު، އޭނާ އެންމެ ހަނދާން ހުންނަނީ ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އެރަށަށް ވަޑައިގަތުމުން އޭނާ ބާލާފައިވާ ރާ އެމަނިކުފާނަށާއި އަނބިކަނބަލުންނަށް ދިން ހަނދާނެވެ.

އޭނާ ބުނި ގޮތުގައި ރައީސް މައުމޫން އެރަށަށް ވަޑައިގެންފައިވަނީ އޭނާ ރާ ބޭލުން ހުއްޓާލާފައި ހުރެފައި އަޅަން ފެށިތާ ދުވަސް ކޮޅެއް ފަހުންނެވެ.

"ރައީސް މައުމޫން އެ ބައްލަވާފައި ބުނީ، މާލެއިން ލިބޭ ރުކުރާއަށްވުރެ ތަފާތޭ. އޭރު ވަރަށް އުފާވި" ގަފޫރު ބުންޏެވެ.

ގަފޫރަކީ އާމްދަނީ ހޯދުމުގެ ގޮތުން ހަމަ އެކަނި ރާ އަޅާ މީހެއް ނޫނެވެ. އޭނާ އަކީ މީގެ ކުރިން މަސްވެރިކަމަށް ވެސް ގޮސް އުޅުނު މީހެކެވެ. ނަމަވެސް ވަކީ ހިސާބަކުން މަހަށް ދިއުން މަދުކޮށް އޭނާ ރާ އަޅަން ފެށި އޭރު ރަނގަޅު އާމްދަނީ އެއް ލިބެއެވެ. މިހާރު ގިނަ ބަޔަކު އެކަން ކުރާތީ އާއި އެއްކޮށް، ފަހުގެ ކުދިންނަށް އެއީ މީރު އެއްޗަކަށް ނުވާތީ ވިޔަފާރި ދަށްކަން އޭނާ ފާހަގަ ކުރިއެވެ.

މާރަންދު އަށް އުފަން ގަފޫރު، އޭނާއަކީ މޮޅު ރާވެރިއެއް. --- ވަގުތު އިމޭޖަސް

ގަފޫރު ބުނި ގޮތުގައި އެރަށުގައި މީގެ ކުރިން ރާވެރިކަން ކުރާ 22 އަށްވުރެ ގިނަ މީހުން ތިއްބެވެ. ނަމަވެސް މިހާރު ތިބި ކަމަށް އޭނާ އަންދާޒާ ކޮށްފައިވަނީ ހަ ވަރަކަށް މީހުންނެވެ. ރަށުން އެކަން ކުރާ މީހުން މަދުވަމާއި ރަށްތަކުގައި އެކަން ކުރާ މީހުން މަދު ކަމުން މީގެ ކުރިން ގަފޫރު ވަނީ ބައެއް ކުދިންނަށް އެކަން ކުރަން ވެސް ދަސްކޮށްދީފައެވެ.

"އާރަށަށް ގޮސް އުޅުނުއިރު، ދަސް ކޮށްދީފަ ހުންނާނެ ބައެއް ކުދިންނަށް. އެހެން ރަށްތަކުން ވެސް ދަސްކޮށްދިނިން." ގަފޫރު ބުންޏެވެ.

މާރަންދޫ ރުކުރާއަށް ހާއްސަވެފައިވާއިރު، އަތޮޅުގެ ބައެއް ރަށްތަށް ކަމުގައިވާ ދިއްދޫ، އުތީމު އަދި އިހަވަންދޫ ކަހަލަ ބޮޑެތި ރަށްތަކަށް ރުކުރާ ގެންދަނީ މާރަންދޫނެވެ.

މާރަންދު އަށް އުފަން ގަފޫރު، އޭނާއަކީ މޮޅު ރާވެރިއެއް. --- ވަގުތު އިމޭޖަސް

ރުކުރާ ނުވަތަ އިނގިރޭސި ނަމުން ނަމަ ޕާމް ޓޮޑީއަކީ ރުކުގެ އެތުން ނަގާ އެއްޗެކެވެ. މިއީ ވަކި ހާއްސަ ގޮތަކަށް ނަގާ އެއްޗެކެވެ. އެގޮތުން ރާ ނެގުމަށް ރުކުގެމާގަނޑު ނުވަތަ ރުކުގެ އެތްތަކުގައި އެއްޗެއް އޮޅައި އެތުގެ ކޮޅުކޮށައި ބަދި ނުވަތަ ފުޅިބުރިއެއް ހަރުކުރަނީއެވެ. އަދި ކޮންމެ ދުވަހަކު ރާ ނެގުމަށްފަހު އެ އެތް ކޮށަނީއެވެ.

ރުކުރާ އަކީ ދެކުނު އޭޝިޔާގެ ގައުމު ތަކުގައި ވަރަށް އާންމު ބުއިމެކެވެ. ރުކުރާ ރަނގަޅީ ތާޒާ ކަންމަތީ ހުއްޓައި ބުއިމެވެ. އެއީ ގިނަ އިރުވެއްޖެ ނަމަ ވަރަށް ފަސޭހައިން ރުކުރާ ނުބައިވާނެތީއެވެ. ނަމަވެސް އައިސް އަލަމާރީގައި ބަހައްޓައި ފިނިކޮށްގެން ވެސް ބޭނުން ކުރެވިދާނެއެވެ. ރުކުރާ އަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ބުއިމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    ޙުވަދު އަތޮޅު ގައި ދިވެހި ހަކުރު ( ރުކުރާ ހަކުރު ) އަކީ ވަރަށް ޑިމާންޑް ބޮޑު އަގުބޮޑު އެއްޗެއް ، 2.5 ލީޓަރ ގެ ފުޅިއެއްގެ އަގަކީ 350 ރ ،

    4
    2
    • ޙަސަނު

      ކޮޅުމަޑުލުގަ 1.5 ލިޓަރު -/350 ރުފިޔާއަށް.. ކޮންކޮޅެއްގަބާ ޑިމާންޑު އޮތީ

  2. އަޙްމަދް

    ރާގައްނަން ބޭނުން ރާބެގެ ނަންބަރު ޖަހާނުލީ ކީއްވެ.

  3. ކޮރަލް

    ގަފޫރު ގެ ނަންބަރު ޖަހާލަން ވީ އެވެ. ފައިދާ ބާނެ އެވެ.

  4. މުސްތަރީ

    އެއީ ތެދެއްމެ، ވަރަށް އަރާ

  5. މެހެހެ

    ގަފޫރުބެ ފެންނަނީ އުމުރަށް ވުރެ ހަގުކޮށް.