(ހއ. ދިއްދޫ) މީގެ އަހަރުތަކެއް ކުރިއަށް ޖެހިލައިފި ނަމަ ރާއްޖޭގައި ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހުނަރުވެރިކަމަކީ އަމިއްލަ ގޭގެ އިންފާރުން ބޭރުން ފެންނަ އެއްޗެއް ނޫނެވެ. އެމީހުންގެ ގައިގައި ކިތަންމެ ގާބިލްކަމެއް ހުއްޓަސް މުޖުތަމައު އަށް އެކަން ހާމަކުރާނެ ފުރުސަތެއް ނޯވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ޒިންމާދާރު ވަޒީފާތައް އަދާކުރުމަށް ކުޅަދާނަ ބައެއް ނޫން ކަން ދިވެހިންގެ މެދުގައި ގެންގުޅުނު ކޮށި ވިސްނުން ބަދަލުކޮށް، އެފަދަ ފަރާތްތަކަށް ވެސް ބޭނުންވަނީ އަތް ދިއްކޮށްލާނެ ފަރާތެއް ކަން ހާމަކޮށްދެއްވި އެއް ބޭފުޅަކީ ހއ.ދިއްދޫ އަށް އުފަން އަހުމަދު ރަޝީދު ހަސަން އާދަމް 63، އެވެ.

ލޯފަން ބޭފުޅަކަށް އަހުމަދު ވި ނަމަވެސް އެއީ އޭނާގެ ޚިދުމަތާއި ހުނަރުވެރިކަމަށް އޮތް ބުރައެއް ކަމަކަށް އަހުމަދު ފަހަރެއްގައި ވެސް ގަބޫލު ނުކުރައްވައެވެ. އޭގެ ބަދަލުގައި އަހުމަދަކީ އޭނާ އާ ހަވާލުކުރާ ކޮންމެ ޒިންމާއެއް ފުރިހަމަ އަށް އަދާކުރެއްވުމަށް ނުގުޑާނެ ފަދަ ވަރުގަދަ އަޒުމެއް ގެންގުޅުއްވާ ހަރުދަނާ ބޭފުޅެކެވެ.

އަހުމަދު ރަޝީދު "ވަގުތަށް" ދެއްވި އިންޓަވިއު؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އަހުމަދަކީ ރީތިކޮށް ގުރުއާން ކިޔެވުމުގައި އަޖައިބު ކުރުވާ ފަދަ ހިތްގައިމު ހުނަރުވެރިކަމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

ގުރުއާން ކިޔެވުމުގެ ޝައުގުވެރިކަން އުފެދިގެން އައި ގޮތް ހިއްސާ ކުރައްވަމުން އަހުމަދު "ވަގުތު" އަށް ވިދާޅުވީ އޭނާ އެ މަސައްކަތް ދަސްކުރެއްވީ މާލޭގައި އުޅުއްވި ދުވަސްވަރު ކަމަށެވެ. އަދި ވަރަށް ކުޑަ އިރުން ފެށިގެން ގުރުއާން ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ކަމަށާއި، ރީތި ރާގުތަކަށް ގުރުއާން ކިޔަވާ އަޑު އެހުމަށް ވެސް ޝައުގުވެރިވާކަން އޭނާ ވަނީ ހާމަކުރައްވައިފައެވެ.

އެގޮތުން ޓީވީ ޗެނަލްތަކުން ގުރުއާން ކިޔަވާ އަޑު އިވުމުން އެ އަޑު އައްސަވާ ކަމަށާއި، ތަފާތު ރާގުތަކަށް ކިޔަވަން ދަސްކުރެއްވުމަކީ އަބަދުވެސް ކުރައްވަން ބޭނުންވީ ކަމެއްކަން އަހުމަދު ފާހަގަކުރައްވައެވެ.

" މާލެ ގޮސް އުޅުނު އިރު ކެލާގޭގައި ހުރީ. މިހާރު ކިޔަނީ މަލިކު ވިއު. އިލްޔާސް އިބްރާމް އިނދެގެން އުޅޭ ފަލަކުމެންގޭ. އެގޭގައި އުޅެނިކޮށް ދިމާވި ރައްޓެހި ބައެއް. މއ.ހަނީސަކަލް. ހަނީކޯނަ އެހެރީ އެގޭގައި. އެގޭ ދައްތަގެ ހެޔޮކަމުން އެގެއަށް ގެންދިޔައީ. ގޮސްގެން އެގޭގައި އުޅެނިކޮށް އެ ފުރުސަތު ލިބުނީ." އަހުމަދު ވިދާޅުވިއެވެ.

ތަޖުވީދުމަގުން ގުރުއާން ކިޔަވަން ދަސްކުރުމުގެ މަސައްކަތް އަހުމަދު ފައްޓަވާފައި ވަނީ އޭރު ލީބިއާގެ އެމްސީގައި ހުންނެވި މުހައްމަދު ބަޝީރުލް ހުވެއިދު ތަނަވަސްކޮށްދެއްވި ފުރުސަތުތަކާ އެކުގައެވެ. އެގޮތުން ޝަހީދު އަލީ އާއި ގާރީ މުހައްމަދު ޔޫނުސްގެ އިތުރުން މައުހަދުގައި ވެސް ގުރުއާން އުނގެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ކަމަށް އޭނާ ވިދާޅުވެއެވެ. ދުވަހުގެ ބޮޑުބައެއް އަހުމަދު އޭރު ހުސްކުރެއްވީ ގުރުއާން ދަސްކުރެއްވުމުގައެވެ.

އަހުމަދު ރަޝީދު، އޭނާއަކީ ކުރިން މުދައްރިސެއް، އަދި އިމާމެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"އެއްގަޑީގައި މައުހަދަށް އަނެއްގަޑީގައި ހުކުރު މިސްކިތަށް ދަނީ. ހެނދުނު 8 އިން 11 އަށް ދަނީ މައުހަދަށް. ހަވީރު ދަނީ ހުކުރު މިސްކިތަށް. މައުހަދުގައި ދިގު ރާގަށް ކިޔަވަން ދަސްކޮށްދޭނެ. އޭރު މާލޫދު ކިޔަން ވެސް ދަސް ކުރިން. އަޅުގަނޑަށް މާލެ ދެވުނީ 10-12 އަހަރު ތެރޭގައި. ރާނީ ވަޑައިގެންނެވި އިރު ހަމަގައިމުވެސް މާލޭގައި ހުރީ." އޭނާ ވިދާޅުވިއެވެ.

އަހުމަދަކީ ރާއްޖޭގައި އޮތް އިސްލާމީ ރިސާލަތު އެހެން ދިވެހިންނާ ހަމައަށް ފޯރުކޮށްދެއްވުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މުދިމެއްގެ ވަޒީފާގެ އިތުރުން، ތުއްތު ޖީލުތަކަށް ގުރުއާނުގެ އިލްމު އުނގަންނަވައި ދެއްވުމުގައި އެތައް ދުވަހެއް އޭނާ ވަނީ ޝައުގުވެރިކަމާއެކު ހޭދަކުރައްވައިފައެވެ. އަހުމަދުގެ ޚިދުމަތުގެ ތެރެއިން، މުދިމެއްގެ ގޮތުގައި އޭނާ ކުރެއްވި ޒިންމާދާރު މަސައްކަތަށް އޭނާގެ ހިތުގައި ދެވިފައިވާ މަތިވެރި މަގާމު ދޭހަވާ އެއް ކަމަކީ މި މަސައްކަތުގެ ފުރަތަމަ ފިޔަވަޅު އޭނާ އެޅުއްވީ ކޮން ދުވަހަކުކަން މިހާރުވެސް އިހަށް ދުވަހު ހިނގި ކަމެއް ހެން އޭނާގެ ހަނދާނުގައި ހަރުލާފައި ހުރުމުންނެވެ. މުދިންކަމުގެ ހަޔާތް އަހުމަދު ފައްޓަވާފައި ވަނީ 1983 ވަނަ އަހަރުގެ 7 މޭއި މަހުގެ 7 ވަނަ ދުވަހުއެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައެވެ. އޭރު އޭނާ އެ މަސައްކަތް ފައްޓަވާފައި ވަނީ މާލޭގައެވެ. މި ފުރުސަތު އޭނާ އަށް ލިބިގެން ދިޔައީ ނިކަން ތަފާތު ގޮތަކަށެވެ.

އަހުމަދު ވިދާޅުވީ މުދިމެއްގެ މަގާމު އޭނާ އަށް ލިބެން މެދުވެރިވީ ކ.ގުރައިދޫގައި ބޭއްވި ޖަލްސާ އަކަށް ފަހުގައި ކަމަށެވެ. ކަންދިމާކުރިގޮތުން "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ" ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ގުރުއާން ކިޔަވަން ޖެހުނީ އަހުމަދަށެވެ. އަހުމަދުގެ ރިވެތި އަޑުން ގުރުއާން ކިޔަވާ ވިދާޅުވި އަޑު އިވިފައި އެތައް ބަޔަކު އާޝޯހުވިއެވެ. އެ ހިސާބުން އަހުމަދަށް ސަރުކާރުން ފަހިކޮށްދެއްވީ ރަނުގެ ފުރުސަތެވެ.

"ގުރުއާން ކިޔަވާ ނިމުނީމަ އޭރުގެ ރައީސް މައުމޫން އަބްދުލްގައްމް އެދުވަހު ވިދާޅުވި ރާއްޖޭގެ ލޯފަން މީހުންވެސް ވަޒީފާ އަދާ ކުރާތަން ދެކެވަޑައިގަންނަވާނެއޭ ވަރަށް ކައިރިން. އެއަށް ފަހު ހަވާލުކުރެއްވީ އިމާމު ކަމެއް ނޫން އޭރު ކިޔަނީކީ. އޭރު ކިޔަނީ ކިޔެވެލިކަން. ފަހުން ބަދަލުކުރެއްވީ މުސާއިދު ކަމަށް. މުސާއިދުކަމުން އިމާމަކަށް." އޭނާ ވިދާޅުވިއެވެ.

އިމާމުކަމުގައި ހަތަރު އަހަރާއި އަށް މަސްދުވަސް ހޭދަކުރެއްވުމަށް ފަހު ހަވާލުވެލެއްވީ ވެސް އެހާމެ ބުރަ ޒިންމާއަކާއެވެ. އެއަށް ފަހު އޭރުގެ އެޑިއުކޭޝަން މިނިސްޓަރ ޒާހިރު ހުސެއިންގެ އެދިލެއްވުމަކަށް އަހުމަދު ވަނީ ތައުލީމީ މަރުކަޒުގެ ގުރުއާން މުދައްރިސެއްގެ މަގާމު ފުރުއްވަން ފައްޓަވައިފައެވެ. އޭރުން ފެށިގެން 2008 އާ ހަމައަށް އޭނާ ވަނީ އެތައް ޖީލުތަކަކަށް ގުރުއާން އުނގަންނައިދިނުމުގެ މަސައްކަތް ކުރައްވައިފައެވެ. ނުހަނު ލޯތްބާއި، ޝައުގުވެރިކަމާއެކު ކުރަމުން އައި މުދައްރިސުކަމުގެ ފަލްސަފާ ނިންމާލަން ޖެހުނީ އަހުމަދު އެންމެ އުންމީދުކުރި ގޮތަކަށް ނޫނެވެ.

އަހުމަދު ރަޝީދު "ވަގުތަށް" ދެއްވި އިންޓަވިއު؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"2008 ވަނަ އަހަރާ ހަމައަށް ހުރީ ގުރުއާން މުދައްރިސެއްގެ ގޮތުގައި. އެހާ ގިނަ ދުވަހު ޚިދުމަތް ކުރީމަ އޭރު ދީފައި އޮތީ ތައުލީމާ ބެހޭ ބައިގެ ޚާއްސަ އެހީތެރިކަން. އެ މަގާމުގައި ހުއްޓާ ވަކިކުރީ. އޭރު ސިޔާސީ ވެރިކަމަށް އައިސް މުހައްމަދު ނަޝީދު ބޭލި ހަސަދައެއް އެއީ. އޭނަ ބުނީ މިއީ ޑީއާރުޕީ މީހެކޭ. އެކަމަކު އޭރުވެސް މިހާރުވެސް އަޅުގަނޑަކީ މިނިވަން ފިކުރުގެ މީހެއް." އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވަޒީފާއިން ވަކިކުރެއްވި އިރު އޭނާ ވަޒީފާ އަދާކުރައްވަމުންގެންދެވީ އުފަން ރަށުގައެވެ. ރަށުގައި އޭނާ ވަނީ 18 ވަރަކަށް އަހަރު ގުރުއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. މުދައްރިސެއްގެ ގޮތުގައި ކުރެއްވި ތަޖުރިބާ ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ ސްކޫލްގައި ކިތަންމެ ގިނަ ދަރިވަރުން ތިބިކަމުގައިވީ ނަމަވެސް ގުރުއާން ކިޔަވައި ދެއްވުމުގައި އޭނާ މަސައްކަތް ކުރެއްވީ ވަރުބަލިކަމެއް ނެތި ކަމަށެވެ. އެގޮތުން އެއްފަހަރާ 1000 ކުދިންނަށް ވެސް ގުރުއާން ކިޔަވާދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާގެ ޒިންމާ އަކީ އަހުމަދު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން އަދާކުރެއްވި ކަމެކެވެ. ނަމަވެސް ބައެއް މީހުންގެ ފަރާތުން މަދުން ނަމަވެސް ނޭއްގާނީ ބަސްތަކާއި ކުރިމަތިލައްވަން އޭނާ އަށް ޖެހިވަޑައިގަތެވެ. އެއިން އެއްވެސް ފަހަރަކު އެއްވެސް މީހެއްގެ ސަބަބުން އަހުމަދުގެ ހިތްވަރަށް އަދި ފަންވަރަކަށް ބަދަލެއް ނާދެއެވެ.

އަހުމަދު އެންމެ ފަހުރުވެރިވާ ކަމަކީ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތާއި މިއަދުވެސް އޭނާ ވޭތުކުރަމުންދާ ދިރިއުޅުމަކީ އަބުރުވެރި ދިރިއުޅުމަކަށް ވުމެވެ. ލޯފަން ވުމަކީ ލިބުނު އުނިކަމެއްގެ ގޮތުގައި ނުބަލާ ސާބިތުކަމާއެކު ކުރި މަސައްކަތުގެ ނަތީޖާ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އާއިލާއެއް ބިނާކުރުމުގެ ފަޚުރު އޭނާ އަށް ލިބިގެން ދިއުމެވެ. އަހުމަދުގެ އަތްބަކާއި ހަތަރު ކުދިން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މުޙައްމަދު

  ވަރަށް ހަނދާން ހުރޭ 2005 އަދި 2006 ގައި ގްރޭޑް 1 އަދި 2 ގައި ގަ ސަރ ގެ އަޑުދަށުން ކިޔަވަން ފުރުސަތު ލިބުނު. ސަރ އަކީ ހަމައެކަނި ގުރުއާން އެކަނި އުނގައްނައި ދެއްވި މީހެއް ނޫން. ރިވެތި އަހްލާގަ ދިރިއުޅުމުގައި އެކި ކަންކަމުގައި ގެންގުޅެންވީ ރިވެތި އުސޫލު ތަކުގެވާހަކަ އަބދުވެސް ކިޔާދޭނެ އެހާ ކުޑައިރުވެސް. ކިޔަވައި ދިނުމުގައި ގޮންޖެހުން ތަކެއް ހުރިކަމުގައި ވިޔަސް ފޫހިކަމެއްނެތި ކިޔަވައިދިން މޮޅު މީހެއް ސަރ އަކީ.

  31
  1
 2. ޙުސްނާ

  ޟމާވެޔޮމިސްކިތުންވަރައްގިނައިންފެނުން

  14
  1
 3. އާދަމް

  މަސްޖިދު ޔޫސުފުލް ބަރުބަރީގަ މުދިމްކަން ކުރެއްވިއިރު ވަރައްކައިރިން ފެނި ވާހަކަދެކެވިފަ ހުރީ އަހްމަދުއައް ބާއްޖަ ވެރިކަމައް އެދި ދުޢާކުރަން ވ،ސަލާމް

  18
 4. އެމް

  އަޅުގަޑުމެންނާއެކު ހުކުރު މުސްކިތު ހަރުގޭގައި ޤްރުއާން ހިތުދަސްުކުރުމުގައި އުޅުއްވި ވަރަށްބޮޑު ރަހުމަތްތެރިއެއް ހިތްހެޔޮ މަޖާ މިޒާޖެއް ގެންގުޅޭ ބޭފުޅެއް އަލްޤާރީ ޔޫނުސް އާއެކު އަޅުގަނޑުމެން ކިޔެވިއިރު ވަރަށް އެއްކޮއް އުޅުނީ ސަލާމު ސަާއަށް

  6
  1
 5. ދޮންދީނާ

  މި ޕެރެގްރާފުންވެސް އެނގޭ ނަޒާހ ހަތުގެ މޮޅުކަން.... ނޯ ޑައުޓް!!ވަގުތުގައި އުޅޭ އެންމެ ސްމާރޓް ނޫސްވެރިޔާ ..

  (((އަހުމަދުގެ ޚިދުމަތުގެ ތެރެއިން، މުދިމެއްގެ ގޮތުގައި
  އޭނާ ކުރެއްވި ޒިންމާދާރު މަސައްކަތަށް އޭނާގެ ހިތުގައި ދެވިފައިވާ މަތިވެރި މަގާމު ދޭހަވާ އެއް ކަމަކީ މި މަސައްކަތުގެ ފުރަތަމަ ފިޔަވަޅު އޭނާ އެޅުއްވީ ކޮން ދުވަހަކުކަން މިހާރުވެސް އިހަށް ދުވަހު ހިނގި ކަމެއް ހެން އޭނާގެ ހަނދާނުގައި ހަރުލާފައި ހުރުމުންނެވެ.)))

  12
  1
 6. މުޢާޛު

  ނަޒާހަތުގެ މޮޅުކަން މިއާޓިކަލް ފެއްޓިއިރުވެސް އެނގިގެން ހިނގަތްޖެ. ނަޒާހަތު އަށް ހަމަ ސާބަސް. "މީގެ އަހަރުތަކެއް ކުރިއަށް ޖެހިލައިފި ނަމަ ރާއްޖޭގައި ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހުނަރުވެރިކަމަކީ އަމިއްލަ ގޭގެ އިންފާރުން ބޭރުން ފެންނަ އެއްޗެއް ނޫނެވެ." މިއާޓިކަލް ކިޔާ ހިތުން އިންދާ ނިމިއްޖެ. ވަރަށް މޮޅު އިބާރާތް ކުރުން ތައް ވެސް. ކީޕިޓްއަޕް ނަޒާހަތު.

  5
  1
 7. އައްޑޫ ޝަކުވާ ބޯޓު

  ދޮންދީނާ ޖަހާފައި އެވެސް މަކުރި ކޮމެންޓެއް.
  މޮޅުވީމަ މޮޅޭ ބުނަނީ.
  މުއާދު ކޮށްފަ އިން ކޮމެންޓް ފެނިފައި ވެސް އުފާވި. ޢަހަރުމެން ކިޔަން ބޭނުންވާނެ ދޯ ކޮލިޓީ އެއްޗެސް. ޥަގުތަކީ މުހިންމު އެއްޗެެއް. ކިޔަން ހޭދަ މިކުރާ ވަގުތުގައި ވެސް ފައިދާހުރި ރަނގަޅު އެެއްޗެެއް ކިޔޭނީ. ޢެއީ ބު އްދިވެރިންގެ ގޮތްމ އޯކޭ ބާއި އުމްމްމްމަ