(ހއ. އިހަވަންދޫ) މި ރަށުގެ އިރުމަތީ ފަރާތުންނާއި އުތުރު ފަރާތުގެ ބޮޑު ސަރަހައްދެއްގައި ހުރީ ހަރުގެއަކަށްފަހު ހަރުގެއެކެވެ. ބޮޑު، އެ ބިން ދޫކޮށްފައި ވަނީ ދޯނި ބަނުމަށެވެ. އެއީ ބޮޑެތި ފައިބަރު ދޯނިތައް އެހެލުމަށް ހާއްސަ ސަރަހައްދެކެވެ. އެކަމަކު ހަރުގެތައް އަޅަން ބިން ދޫކޮށްފައިވާ ސަރަހައްދާއި އާއްމުން މި އުޅޭ ސަރަހައްދާއި ފުދޭ ވަރަކަށް ކައިރިއެވެ. މިއީ ޔަގީނުންވެސް ރައްޔިތުންނަށް އުނދަގޫވާނެ ކަމެކެވެ. އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅޭނެ ކަމެކެވެ. ސިއްހީ އެތައް މައްސަލަތަކާ ވެސް ގުޅިފައިވާ ކަމެކެވެ.

އެކަމުގެ ހިތި ތަޖުރިބާ ކުރަން ޖެހުނު އެކަކަކީ ޒުވާން މަންމައެކެވެ. އޭނާ ކިޔައި ދިން ގޮތުގައި ފައިބަރު ހަރުގެތަކުން އޭނާއަށާއި، އޭނާގެ އާއިލާއަށްވަނީ ގެއްލުމެވެ. ދިހަ ވަރަކަށް މީހުން އެއް ގެއެއްގައި އުޅެމުންދާ އެ އާއިލާއަށް ކުރިމަތިވެފައި ވަނީ ދަތި ދުވަސްތަކެކެވެ. ލޭ އަޅާ ދަރިފުޅަށް ތަހަންމަލު ކުރަން ޖެހިފައިވަނީ ވޭނީ ދުވަސްތަކެކެވެ. މިހާގެ މޫޑު ހަރާބުކޮށްލާ ވަސްގަދަ، ފައިބަރު ކުނޑިއަށް އޭނާ ނަފްރަތު ކުރެއެވެ. މީހާގެ މޭ ނުބައިކޮށްލައެވެ. ހޮޑުލަވާ ވަރުވެއެވެ. ޔަގީނުންވެސް ދޮރު ހުޅުވައިގެން މީހަކަށް ގޭތެރޭގައި ކެތެއް ނުވާނެއެވެ. އިންނަން ޖެހޭނީ ހުރިހާ ދޮރެއް ބަންދުކޮށްގެންނެވެ.

ހއ. އިހަވަންދޫގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުމަށް ހަދާފައިވާ ހަރުގެތައް. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ވާހަކަތައް އަސަރާއެކު ކިޔައި ދިން އެ ޒުވާނާ ބުނާ ގޮތުގައި، އެކަމުގެ އުނދަގޫތައް އޭނާ ތަހައްމަލު ކުރަމުންދާތާ އެތައް އަހަރެއްވެއްޖެއެވެ. ފައިބަރު މަސައްކަތް ކުރަން ވަކި ވަގުތެއް ނޯވެއެވެ. އެ ސަރަހައްދުގައި އުޅޭ މީހުންނަށް އުނދަގޫވާނެ ކަން ފައިބަރު މަސައްކަތް ކުރާ މީހުން ވެސް ދަނެއެވެ. އެކަމަކު ވެސް ކުރާނެ ކަމެއް ނެތެވެ. އެއީ ވެސް ބަޔަކު ކާން ބޯން ކުރާ މަސައްކަތެވެ. ޝުކުރުކޮށްލައިގެން ތިބުން ނޫން ގޮތެއް ނެތެވެ.

އެ ޒުވާނާ ދިރިއުޅެމުންދާ ގެއާ 300 ފޫޓުވެސް ނޯންނަހާ ކައިރީ ހިސާބެއްގައި ފައިބަރު ހަރުގެތައް ހުންނަ އިރު، މިއީ ހައްލު ނުވެ އޮތް މައްސަލައެއް ކަން އެނގުނެވެ. ކައުންސިލްތަކާ މަޝްވަރާކޮށްގެން ވެސް އެކަމަށް އަލިމަގެއް ލިބޭ ގޮތެއް ނުވިއެވެ.

"އެބޭފުޅުން ވިދާޅުވަނީ މިއީ ބަޔަކު ކާން ބޯން ކުރާ މަސައްކަތޭ. އެހެންވީމަ އެ މީހުންނަށްވެސް އެކަން ހައްލު ކުރެވޭކަށް ނެތޭ، އެކަމަކު އަޅުގަނޑުމެން ދަންނަވާ ވާހަކައަކީ އަޅުގަނޑުމެން ތިބެންވީތޯއޭ ފުރާނަ އަތް މައްޗަށް ލައިގެން ނުރައްކަލުގެ ތެރޭގައި؟،" އެމީހާ ކިޔައި ދިނެވެ.

އިހަވަންދޫގައި ދިރިއުޅޭ މީހަކު "ވަގުތު" އާ ވާހަކަ ދައްކަނީ. ؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

އެ ޒުވާނާ ބުނާ ގޮތުގައި، އެ ފައިބަރު ހަރުގެތަކުގައި މަސައްކަތް ކުރަމުންދާ މީހުން އެ މަސައްކަތުގައި އުޅެނީވެސް އެކަން އަސްލު ކުރަން ޖެހޭ ގޮތަކަށް ނޫނެވެ. އެއްވެސް ހަރުގެއެއް "ކަވަރު" ކޮށްފައިނުވެއެވެ. އޭނާ ބުނާ ގޮތުގައި، އެ މަސައްކަތް އެ މީހުން ކުރަމުން ދަނީ ހަރުގެތަކުގެ ބޭރުގައި ޓައްޕު ޓައްޕަށް ފައިބަރު އަޅައިގެން، އަންދައިގެންނެވެ. މިކަން އެ ސަރަހައްދުގައި އުޅެމުންދާ އެހެން ރައްޔިތަކުވެސް ފާހަގަކުރިއެވެ. މިއާއެކު އެ މަސައްކަތް ކުރާ ދުވަހެއްގައި މުޅި ސަރަހައްދުގައި ވަސް ހިފާފައި ހުރެއެވެ. އެކަން އެގޮތަށް ކުރާތީވެސް ކަމާ ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނައެވެ. އެކަމަކު ކޮންމެ ފަހަރަކުސް ބުނަނީ "ބަލަނީ" ކަމުގައެވެ. ދުވަހަކުވެސް ހައްލުވާ މަންޒަރެއް ނުވެއެވެ.

ހަރުގެތަކުގެ އުނދަގުލުގައި ދަތި 12 އަހަރު!

ބައެއް ދުވަސް ދުވަހު ހެނދުނުން ފެށިގެން އިރުއޮއްސެންދެން އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުން އުޅެން ޖެހެނީ ގޭގައި ބަންދުވެގެންނެވެ. ގޭގެ ކުޑަދޮރުވެސް ހުޅުވާލަން ނުކުރެއެވެ. ބަދިގޭގައި އެއްޗެއް ކައްކަން އުނދައިގެން އިނަސް ޖެހޭނީ ދޮރުލައްޕައިގެން އިންނާށެވެ.

"އެ ވަހާއި އެ އުނދަގުލުގައި މި އުޅެނީ، އަނެއްކޮޅުން ގާނާ ގަޑީގައި، ސައިކަލުވެސް އެތަނުގައި ބަހައްޓާފައި ހުރިއްޔާ ކުނޑި އަރާވަރު އިހްސާސް ކުރެވޭނެ، ހަމައެއްކޮށް ފުރިފައި ކުނޑިން". އެސަރަހައްދުގައި އުޅޭ މީހަކު ކިޔައި ދިނެވެ.

އެ ޒުވާނާ ބުނާ ގޮތުގައި، އޭނާ 2011 ވަނަ އަހަރުން ފެށިގެން އެގެއަށް އައިފަހުން އުޅެން ޖެހިފައި ވަނީ އެ ހާލުގައެވެ. ފުރަތަމަ އެ ވަސް ޖެހުމުން ބޯ އަނބުރާ ހޮޑުލަވާ ގޮތްވީއެވެ. މިހާރު އެގެއާ ސީދާ ކުރިމައްޗަށް ވާ ގޮތަށް ހަރުގެތައް އަޅާފައިވާއިރު، އޭގެ ކުރިން ހުރީ އެގެއާ ކޮންމެވެސް ވަރެއްގެ ދުރުގައެވެ. އެކަމަކުވެސް އެއިރުވެސް އެކަމުގެ އުނދަގޫ އެ މީހުންނަށް ޖެހެއެވެ.

އިހަވަންދޫ ފައިބަރު ހަރުގެ ކައިރިގައި އުޅޭ ރައްޔިތުން އުޅެނީ ވޭނީ ދިރިއުޅުމެއްގައި، ހައްލު ނުވެ އޮތް ބޮޑު މައްސަލަގަނޑެއް ؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

ލޭއަޅާ ފަސް އަހަރުގެ ދަރިފުޅަށް ސިއްހީ މައްސަލަތައް!

މި ވޭނުގައި އުޅޭ އެކަކަކީ އޭނާގެ އެންމެ ފަސް އަހަރުގެ ލޭ އަޅާ ދަރިފުޅެވެ. އެފަދަ ކުދިންނަކީ ދިފާއީ ނިޒާމު ބަލިކަށި ކުދިން ކަމަށްވާއިރު، އަބަދުވެސް އުޅެން ޖެހެނީ ރޯގާ ރަނގަޅު ނުވެގެންނެވެ. އަދި އަނގައިގައި ފާޑެއްގެ އެއްޗެހި ތަކެއްވެސް ނާގަފައި ހުރެއެވެ.

"އޭގެ ވަސްދުވީމަ، މިދޭތެރެއިން، ކޮވިޑް ފެށުމުގެ ކުރިން ހަމަ އުޅުނީ އެއްގޮތަކަށް ވެސް ރޯގާ ރަނގަޅުނުވެގެން، ދެން ބޭރަށް ނެރެލާއިރަށް ހުން އަންނަނީ، މިހެން އުޅެފައި މާލެ ދިޔައީ، މިކޮޅުން ފަރުވާދީދީ އެއްގޮތަކަށްވެސް ރަނގަޅުނުވެގެން، އެކަހަލަ ވަސްވަސް އެރީމަ އެ ކުދިންގެ އިމިއުނިޒަމް ވީކްދޯ ވަނީ"، އެ ޒުވާނާ ކިޔައި ދިނެވެ.

އެ ޒުވާނާ ކިޔައި ދިން ގޮތުގައި، ދަރިފުޅުގެ ހާލަތަށް ބަދަލެއް އާދޭތޯ ބެލުމަށް އެހެން ގެއަކަށް ބަދަލުވިއެވެ. ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ދުވަހަށް އެ މީހުން އެގެއިން ބަދަލުވުމާއެކު، ދަރިފުޅު ރަނގަޅުވަމުން އަންނަކަމުގެ ނިޝާންތައް ފެންނަން ފެށިއެވެ. ނަމަވެސް އެގޮތަށް ވަކި ތަނަކަށް ބަދަލުވެގެން އުޅޭ ފަދަ ފާގަތިކަމެއް އެ އާއިލާގެ ނެތެވެ. އެހެންވެ އެގޮތަށް ބަދަލުވެގެން އުޅެން އެ އާއިލާއަށް އުނދަގުލެވެ.

ހއ. އިހަވަންދޫގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުމަށް ހަދާފައިވާ ހަރުގެތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެއިރު ރޯގާއެއްވެސް ނުޖެހޭ އެއްވެސް ކަހަލަ، ވަރަށް ފިޓްކޮށް ހުރީ. އެހެންވެ އަޅުގަނޑުމެންނަށް މި ބުނެވެނީ އެހެންވާތީއޭ ބަލިތައް މި ޖެހެނީ، އަޅުގަނޑުމެންނަށް ވަރަށް ދަތިވެއޭ ވަރަށް ދަތިވޭ އަބަދުވެސް ބުނަން ޖެހެނީ".

މިއީ އެ ފަސް އަހަރުގެ ކުއްޖާ އުޅެމުންދާ ހާލެވެ.

މިއީ ފަސް އަހަރުގެ ކުއްޖާ އަށް އެކަނި ދިމާވާ ކަމެއް ނޫނެވެ. މި ސަރަހައްދުގައި ދިރިއުޅެމުންދާ އެތައް ބައެއްގެ ޝަކުވާއެވެ. އެ މީހުންނަށް އެކަމުން މިންޖު ވެވޭކަށް ނެތެވެ. ބޮޑު ހަރަދުކޮށްފައި އެހެން ސަރަހައްދަކަށް ބަދަލުވެވޭކަށް ނެތެވެ. އަދި މިހާރުވެސް އެ ސަރަހައްދުން އިތުރު ހަރުގެ ވަޅުތައް ދޫކުރުމުގެ މަސައްކަތްތައް ކުރަމުންދާތީ ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނަށް މިހާރަށްވުރެ އުނދަގޫ ވާނެއެވެ.

އެ ސަރަހައްދުގައި އުޅޭ އެހެން މީހަކު ބުނެފައިވާ ގޮތުގައި، އެތަނުގެ ބޭރުގައި ދޮވެފައި އަންނައުނުވެސް ނޭޅޭނެއެވެ. މުޅި އަންނައުނު ހުންނާނީ ކަޅުވެފައެވެ.

އިހަވަންދޫ ފައިބަރު ހަރުގެ ކައިރިގައި އުޅޭ މީހަކު "ވަގުތު" އާ ވާހަކަ ދައްކަނީ.- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

"އެއް ކުއްޖަކު މަރުނުވީ ކިރިޔާ"

އެ ސަރަހައްދުގައި ދިރިއުޅެމުންދާ ސައިދާ އަހުމަދު ބުނެފައި ވަނީ، ފައިބަރު މަސައްކަތްތައް ހުއްޓުވާދޭން އެތައް ފަހަރެއްގެ މަތިން ކައުންސިލްގެ އަރިހުގައި އެދުނު ކަމަށެވެ. ނަމަވެސް އެކަން ކޮށްދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ވަސްއެރީމަ ބޯއަނބުރާފަ ބަނޑުގައި ރިއްސާފައި، ނޭވާ ހާސްވެ ކަންކަން ވޭ، އެހެންވެ އެ ވަސްގަނޑު އަރާ އިރަށް ގޮސް އޮންނަނީ"ސައިދާ ކިޔައި ދިނެވެ.

އޭނާ ބުނީ، އެގޮތަށް ވަސް އަރަން ހެދުމުން ދުރުގެއަކަށް ގޮސް ތިބެނީ ކަމަށެވެ. އެކަމަށް އިތުރު ގޮތެއް އެ މީހުންނަށް ނެތީ ކަމަށް އޭނާ ބުނެފައި ވެއެވެ.

ސައިދާ ފާހަގަކުރިގޮތުގައި، އެ ވަސް ޖެހިގެން އޭނާގެ އެއް ދަރިފުޅު މަރުނުވީވެސް ކިރިޔާއެވެ. އެއީ އޭނާގެ 30 އަހަރުގެ ދަރިފުޅެވެ.

"އެއް ކުއްޖަކު މަރުނުވީވެސް ކިރިޔާ، ސިއްހީ މަރުކަޒަށް ގެންދިޔައީ ނަސީބު، ވަސް އެރީމަ އޭނާގެ ބަނޑު ފުއްޕާފައި ނޭވާ ހާސްވެފައި، ވަގުތުން އެމްބިއުލާންސް އަށް ގުޅާފައި، އޮކްސިޖަން ގުޅިފަހުން އޭނާ ހަމައަކަށް އެޅުނީ، ވަރަށް ހާލަތު ދަށްވެގެން ދިޔަ އެފަހަރު" މީގެ އެއް އަހަރު ކުރިން ތަޖުރިބާ ކުރަން ޖެހުނު ކަމެއްގެ ވާހަކަ ހިއްސާ ކުރަމުން ސައިދާ ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ ސައިދާ ބުނީ، އެއީ ކެމިކަލެއްގެ ސަބަބުން ދަރިފުޅަށްވީ ކަމެއް ކަމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ފާހަގަކުރާ ގޮތުގައި، އެ ސަރަހައްދުގައި ސިއްހީ އެކިއެކި މައްސަލަތައް ހުންނަ ކުދިން ގިނައެވެ.

އެ ސަރަހައްދުގައި އުޅޭ އެހެން ޒުވާނަކު ބުނީ، ހަރުގެތަކުގައި ކުރާ މަސައްކަތްތަކުގެ ސަބަބުން ގައިކަހާ ހިރުވާވެސް ހަދައެވެ. އަދި ވަރަށް ބޮޑަށް ހަންގަނޑަށް ގެއްލުންވެފައި ހުންނަކަންވެސް ފާހަގަކުރިއެވެ.

އެ ސަރަހައްދުގައި އެ މަސައްކަތް ކުރަމުންދާ މަންޒަރު ކައިރިން ފެނުނު ބައެއް މީހުން ބުނާގޮތުގައި، އެ މަސައްކަތް ކުރާ މީހުންވެސް އެކަން ކުރަނީ ސިއްހީ މިންގަނޑުތަކަށްވެސް ބެލުމެއް ނެތި، އަމިއްލަ ފުރާނާ އަތްމައްޗަށް ލައިގެންނެވެ.

ކަމާ ގުޅުން ހުރި އިދާރާތަކުން ބީރު ކަންފަތެއް!

އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުން ބުނަނީ އެ މީހުންނާ މެދު ވިސްނާނެ ބަޔަކު ނެތް ކަމަށެވެ. އެ މީހުން އުޅެމުންދާ ދަތި އުނދަގޫ ދުވަސްތަކާއި، އެ ވޭނީ ދުވަސްތަކުގެ ވާހަކަތައް އަޑުއެހި ނަމަވެސް، ހައްލު ކޮށްދޭނެ ބަޔަކު ނެތް ކަމަށް އެމީހުން ބުންޏެވެ.

"ކައުންސިލަށް ގުޅުނު އަދަދެއް ނޭނގޭނެ، ހަމައެ މީހުން ބުނަނީ އަހަރުމެންނަކަށް ނުހުއްޓުވޭނެއޭ ހުއްދަ ހޯދައިގެންނޭ އެކަން ކުރަނީ، އެ ހުއްދަ ދޭ ފަރާތުންވެސް އެނގެން އެބަ ޖެހޭ ކަން ނޭނގެ މިއީ ހުއްދަ ނޫން ކަމެއް ކަން، މިހާ ކައިރިން އެއްވެސް ރައްކާތެރިކަމުގެ ނެތް ގޮތުގައި ދިނުން".

ހއ. އިހަވަންދޫގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުމަށް ހަދާފައިވާ ހަރުގެތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިކަން ފުލުހުންގެ ސަމާލުކަމަށްވެސް ގެނައެވެ. އެއިން ކޮންމެ ފަހަރެއްގައިވެސް އެކަން ބަލަނީ ކަމުގައި ބުނެއެވެ.

"އަޅުގަނޑުމެން އެބަތިބެން ފުލުހުން އައިސް އެކަން ބަލަމުންދޭތޯވެސް ބަލަން، މި ބަލަނީއޭ ބުނެފައިވެސް ހަމަ ބަލާލަންވެސް ނާދޭ ވަރަށް ފަސޭހައިން ބުނާނެ ބަލަނީއޭ.". އެމީހާ ކިޔައި ދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލަތައް ރިޕޯޓްކޮށްފައިވާ ކަަމަށް ރެކޯޑް ތަކުން ދައްކާ ކަމަށެވެ. އަދި އެއިން ކޮންމެ ފަހަރަކު އެކަން ސަމާލުކަން ގެންނަނީ ކައުންސިލަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އިހަވަންދޫގައި މީހުން ދިރިއުޅޭ ސަރަހައްދާއި ކައިރިން ފައިބަރު ހަރުގެތައް އަޅަން ބިން ދޫކޮށްފައިވާއިރު، މިރަށުގައި ސިނާއީ އެފަދަ މަސައްކަތެއް ކުރަން އިތުރު ބޮޑު ސަރަހައްދެއް ނެތްކަން ފާހަގަކޮށްލަން ޖެހެއެވެ. އެކަން ކުރުމަށް ބިން ދޫކޮށްފައި ވަނީ ޖާގަ ދެވެން އޮތް ސަރަހައްދުންނެވެ. މިރަށުގައި 20 އެއްހާ ދޯނި ބަނުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. ގިނައީ މުދާ އުފުލާ ދޯންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަބޫ

    ދެން މިވަރުވެގެންދާއިރު ހަމަ ބަލަން ތިބެންވީ. ސަރުކަަރުން ނުހުއްޓުވައިފިއްޔާ އަމިއްލަޔަށް ކުރޭ. އެނޫންގޮތެއް މިސަރުކާރަކު ނެތް

  2. ފަރުހާޒު

    ކިހިނެއތޯ ހުއްޓުވާނީ ރަންކޮޅާ. މުޅިންވެސް ރަށުގެ އިސްވެރިންގެ މަސްލަހަތާގުޅޭ ވިޔަފާރިތައް...

  3. ކުރަލް

    މިރާއްޖޭގައި އާންމު ނިކަމެތި ރައްޔިތުންގެ އިންސާނީ ހައްގުތައް އޮންނަނީ ލިޔެވިފައި. އެނޫންތާކުން އެ ހައްގުތަކެއް ނުފެނޭ!!! މީ ވަރަށް ވާހަކަ އިނގޭ! ރީތިކޮށް އިބާރާތްކޮށްގެން އެއްޗިހި ލިޔަން ކެރޭ ކުދިންކޮޅަކަށް މަހަު ލައްކައެއްދޯ؟

  4. ޑުންޑާ

    ހައްހައް! އާންމު ރައްޔިތުންގެ އިންސާނީ ހައްގަށް ކޮޅުފައިން އެރުމަކީ މިރާއްޖޭގެ މުއްސަނދިންނަށް ހުއްދަ ކަމެއްހެން ހީވަނީ މިހާރު. ކަމާ ބެހޭ މުއައްސަސާތައް ބޮޑު ގުގުރީގަ ލަދެއްނެތި ނިދާފަ!