ވ.ފެލިދޫގެ ބައު އިންޖީނުގޭގެ އަޑު ކެނޑި 30 އަހަރު ފަހުން ރައްޔިތުންނަށް ހަމަޖެހުމެއް ލިބިއްޖެއެވެ.

ސްޓެލްކޯގެ ބައު އިންޖީނުގޭގެ އަޑުގަދަ ކަމުން ރަށުގެ ރައްޔިތުންނަށް ރޭގަނޑުގެ ހަމަނިދިވެސް ނުލިބޭތާ މިހާރު 30 އަހަރު ވެދާނެއެވެ. ވަކިން ހާއްސަކޮށް އިންޖީނުގެ ހުންނަ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ވަނީ މިއީ ބޮޑު ވޭނަކަށް ވެފައެވެ. ޖަނަރޭޓަރުތަކުގެ އަޑާއި އިންޖީނުގެއިން ބޭރުވާ ދުންތަކުގެ ސަބަބުން ބޮޑު ތަކުލީފަކަށް ވަނީ ވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ މިވަނީ ފެލިދޫގެ ބައު އިންޖީނުގޭގައި ހުރި އިންޖީނުތައް ނިއްވާލައި، އެ ރަށުގައި ސްޓެލްކޯއިން ޤާއިމްކުރި އައު ޒަމާނީ އިންޖީނުގެއިން ރަށަށް ކަރަންޓު ދޭން ފަށައިފައެވެ.

ފެލިދޫ އައު އިންޖީނުގޭގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެ އިންޖީނުގެއަކީ، ފަޔަރ ފައިޓިންއާއި، ސައުންޑް ޕްރޫފިންގ އަދި ސްޓާފް އެކޮމޮޑޭޝަންއަކާއި، ޓްރެއިނިންގ ހޯލެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިއްބައިދެވޭނެ ކަސްޓަމަރ ސާވިސް ބިލްޑިންގއަކާއި އެކު، އަޅާފައިވާ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށެވެ.

ބައު އިންޖީނުގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލުމާއި ގުޅިގެން ރަށުގެ ކައުންސިލުން ވެސް ވަނީ އެކަން ފާހަގަކޮށް، މިއީ ޒަމާންތަކަކަށްފަހު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެއްކަން ފާހަގަކޮށްފައެވެ.

ފެލިދޫ ބައު އިންޖީނުގެ އޮޕަރެޝަނަށް ގެނެވުނީ 31 ޖަނަވަރީ 1994 ގައެވެ. 25 ކިލޯވޮޓްގެ ޖަނަރޭޓަރަކާއިއެކު ފެލިދޫގައި ކަރަންޓު ދޭން ފެށިއިރު އޭރު ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10–12 ކިލޯވޮޓެވެ.

2014 ވަނަ އަހަރު ފެލިދޫ އިންޖީނުގެ ސްޓެލްކޯއާއި ހަވާލުކުރުމާއި ގުޅިގެން ރަށުގެ ކަރަންޓު ޑިމާންޑަށް ބަލައި، ސްޓެލްކޯއިން ދިޔައީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަލަށް އިތުރު ކުރެވުނު 304، 250 އަދި 500 ކިލޯވޮޓުގެ ޖަނަރޭޓަރުތަކާއިއެކު ރަށުގައި ކަރަންޓު އުފެއްދޭ ކެޕޭސިޓީ ވަނީ 1054 ކިލޯވޮޓަށް އިތުރު ކުރެވިފައެވެ.

މިވަގުތު ފެލިދޫގެ އެވަރެޖް ޕީކް ލޯޑަކީ 355 ކިލޯވޮޓެވެ. ފެލިދޫގައި ސްޓެލްކޯއިން ޤާއިމްކޮށްފައިވާ އިންޖީނުގެއަކީ ޒަމާނީ އަޑުމަޑު، ކަސްޓަމަރ ސާވިސް އިމާރާތަކާއެކު ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ދެވޭނެ ފަދަ އިންތިޒާމްތަކާއި އެކު އަޅާފައިވާ އިންޖީނުގެ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެނެރީ

    ސުކުރިއްޔާ ތަރައްގީގެ ބާނީ ރައީސް ޔާމީނު

    2
    4
  2. ށުވޭސ

    2މަސްދުވަހުން އިންޖީނުގެއެއް މިއީ މުއިއްޒު ސްޕީޑަކީ

  3. ބާމީން

    ސުކުރިއްޔާ އިބޫ....