ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން ދިން ގޯތި ލިބުނު މީހުންގެ ތެރެއިން ރެޖިސްޓްރީ ހަވާލު ނުވެވޭ މީހުންނަށް އަންގާރަ ދުވަހުން ފެށިގެން އަންގަމުން ގެންދާނެ ކަަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް، އަދި ލިބެން އޮތް އެއްޗެއްގައި ވެސް އަތެއް ނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ރައީސް އޭރު ވިދާޅުވީ، އެންމެ މުހިންމު ކަމަކަށް ވާނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި އެކަން ޔަގީނުން ވެސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިދިޔަ ސަރުކާރުން ދީފައިވާ އެއްވެސް ހިޔާވަހި ކަމެއް އަތުނުލާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ތަކުރާރުކޮށް ދެއްވިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓަރީ އަދި ގޯތި ލިބުނުކަމުގެ ލިޔުމާއި ހަވާލުނުވާ ފަރާތްތަކާއި ހަވާލުކުރުން، އަންގާރަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ މެންދުރު 14:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ދެމެދު އެ ވުޒާރާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، އެ ދުވަހަކަށް ސޮއިކުރުމަށް އަންނަ ފަރާތްތަކަށް ހާޒިރުވާނެ ގަޑި އަދި ތާރީހް މި އެ ވުޒާރާއިން އެފަރާތްތަކަށް އަންގާ ތަރުތީބަކުން ތާވަލް ކުރެވިގެން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު މިއަދުވެސް ވިދާޅުވިގޮތުގައި އެއިރު މާލެ ސަރަހައްދުން ދިން ގޯތިތައް ދޫކުރުމުގައި އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށާއި ގޯތި ރަޖިސްޓްރީ އާއި ލިޔުން މިހާރު ވެސް ދޫކުރަމުން ގެންދާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގިރާވަރާއި ގުޅީފަޅުގެ އިތުރުން ހުޅުމާލެ ފަޅުން ބިން ހިއްކައިގެން ދޫކޮށްފައި ހުރި ގޯތިތައް، ހުރިހާ އެންމެން ބާކީ ކުރުމެއް ނެތި ލިޔުމާއި ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ގިރާވަރުފަޅުން މިހާތަނަށް އައިއިރު 50 އަށް ވުރެ ގިނަ ހެކްޓަރު ހިއްކާފައިވާ އިރު، ގުޅީފަޅުން ވަނީ 100 އަށް ވުރެ ގިނަ ހެކްޓަރު ހިއްކައިފައެވެ. އަދި ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ވެސް ހަލުވިމިނެއްގައި ކުރިއަށް އެބަދެއެވެ.