ފަނޑީޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް ޕީޕީއެމްއިން ހުށަހެޅި އިސްލާހުގައި ބުނެފި އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގައި މިއަދު އިއްވާފައިވާއިރު، އެ ބިލު ހުށަހެޅި މަގްސަދަކަށް ބުނެފައި ވަނީ ފަނޑިޔާރަކަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ އަންނަ ހުކުމަކާ ގުޅިގެން އެ ފަނޑިޔާރަކު އަމަލު ކުރަންޖެހޭ އިޖުރާއަތްތައް ބަޔާން ކުރުން ކަމަށެވެ.

މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ފަނޑިޔާރެއްގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރެއަށް ޝަރުތެއް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ ފަސް ވަނަ ނަމްބަރެއްގެ ގޮތުގައި އިތުރުކޮށްފައި ވަނީ ފަނޑިޔާރު ވާން ޖެހޭނީ "ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ނުދާ މީހެއް" ކަމަށެވެ.

އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ޖޭއެސްސީއިން އެ ފަނޑީޔަރަކު ސަސްޕެންޑު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޖިނާއީ ދައުވާއެއް އުފުލައިފި ނަމަ މުސާރަކަނޑާލަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ޕީޕީއެމްގެ ފަރާތުން މި އިސްލާހު ހުށަހަޅާފައި ރިޝްވަތު ހިފުމުގެ ތުހުމަތުގައި ދެފަނޑިޔާރުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު