ފުލުހުންގެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި " ޖަޒީރާ ލިންކް" ހަބަރުގެ ނަމުގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ އެ ހިދުމަތުން ތަހުގީގްކޮށް، އެ ޗެނަލްތައް ހިންގާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މި މަހުގެ ހަވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ 28 އަހަރު ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުންބުނެއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބާ ޕޮލިސް ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަލައި ފާސްކޮށް އެ މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހުގައި ކަމަށް ބަޔާނުގައިވެއެވެ.

އެ ތަކެތީގެ ފޮރެންސިކް ތަހުލީލުތައްކޮށް ހެކި ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ކުރަމުން ކަމަށް ފުލުހުންގެ އިދާރާއިން ބަޔާނުގައި ބުނެފައިވެއެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އެ ޗެނަލްތައް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފައި ކަމަށެވެ.

"މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިން އާއި ޑްރަގް ޓްރެފިކުން އާއި ހަށިވިއްކުމާއި ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި އޮރޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތުކުރެވޭ." ފުލުހުން ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފަިއވާ މީހުންގެ މާލީ މުއާމަލާތުތަކަށް ބަލާއިރު އެ މީހުން ކުރާ މަސައްކަތާއި ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތުތަކެއް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ފަހަރު ފަސް ދުވަހަށް ބަންދުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރިކަމަށެވެ. އަދި ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަކާ

    މުއިއްޒުއާއި އޭނާގެ ވަރިކަން ރަނގަޅުގޮތްމަތީ ރައްކާތެރި ކުރައްވާށި.

  2. ކާނިވާއިން

    ސާބަހޭ ފުލުހުން، ދޫނުކުރާތި...