ޗެލްސީގެ ކޯޗިން ޓީމާ ގުޅުމަށް އެ ކްލަބުގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ އަށް، ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ދައުވަތު އަރުވައިފިއެވެ.

ޗެލްސީގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު އުމުރުން 37 އަހަރުގެ ޓެރީ މިދިޔަ ސީޒަނުގައި ކުޅެފައިވަނީ އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ އެސްޓަންވިލާ އަށެވެ. ނަމަވެސް އެސްޓަންވިލާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން މިދިޔަ ސީޒަން ނިމުމުން ޓެރީ އެ ކްލަބު ދޫކޮށްލާފައިވާއިރު އޭނާ މިހާރު ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.

ޕްރިމިއާ ލީގުގައި މިރޭ ކާޑިފް ސިޓީއާ ދެކޮޅަށް ޗެލްސީން ކުޅޭ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ސާރީ ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ޓެރީ ގެނައުމުގެ ފުރުސަތެއް ނެތް ކަމަށާއި ނަމަވެސް ޗެލްސީގެ ކޯޗިން ޓީމާ އޭނާ ގުޅުމަށް ތާއީދުކުރާ ކަމަށެވެ.

"ޗެލްސީގެ ކޯޗިން ޓީމާ ޓެރީ ގުޅުމަށް އަހަރެން ތާއީދުކުރަން. އެކަމަކު އެކަން ވާނެއޭ ބުނަން އަހަންނަށް އަދި ނޭނގޭ. މީގެ ހަފްތާއެއްހާ ދުވަސްކުރިން އަހަރެން ޓެރީއާ ވާހަކަދެއްކިން. ޓެރީ ބުނި އިތުރު ސީޒަނެއްގައި އަދި ކުޅެން ބޭނުންވާ ވާހަކަ. އެއީ މީގެ ހަފްތާއެއްހާ ދުވަސްކުރިން. މިހާރު އެކަން އޮތް ގޮތަށް އަހަންނަކަށް ނޭނގޭ. އަނެއްކާވެސް ޖެހޭނީ ޓެރީއާ އެކަމާ ގުޅޭގޮތުން ވާހަކަދައްކަން" ސާރީ ބުންޏެވެ.

ޗެލްސީ އަކީ ޓެރީ އަށް އަމިއްލަ ގެއެއް ފަދަ ތަނެއް ކަމަށާއި އެކަމާ މެދު ގޮތެއް ނިންމުމުގެ ހުރިހާ ބާރެއް އޮތީ ޓެރީގެ އަތްމަތީގައި ކަމަށްވެސް ސާރީ ބުންޏެވެ.

"އިތުރު ސީޒަނެއްގައި ޓެރީ ކުޅެން ބޭނުންވުމަކީ މައްސަލައެއް ނޫން. އެކަމަކު ޓެރީ އަހަރުމެންނަށް އެހީވާން ބޭނުވެއްޖެއްޔާ އެކަމާ އަހަރެން ވަރަށް އުފާވާނެ" ސާރީ ބުންޏެވެ.

މިދިޔަ ސީޒަނުގައި އެސްޓަންވިލާ އަށް 36 މެޗު ކުޅެދީފައިވާ ޓެރީ އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ޗެލްސީގައެވެ. އެގޮތުން ޓެރީ ވަނީ އެ ކްލަބަށް 700 އަށްވުރެ ގިނަ މެޗު ކުޅެދީ ފަސް ފަހަރު ޕްރިމިއާ ލީގު، ފަސް ފަހަރު އެފްއޭކަޕް އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ.