ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކޮރަޕްޝަންގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ފައްޔާޒް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާ މެންދުރު ފަހު 15:00 އަށެވެ.

ފައްޔާޒް ހާޒިރު ކުރަން ފޮނުވި ޗިޓުގައި އޮތީ އާރުޑީސީ އަށް ލިބޭ ފައިސާ ކުންފުނީގެ ވެރިންނާއި އާރުޑީސީއާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރުޑީސީން ކުރި މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒް އަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށެވެ.

އެކަމާ ގުޅިގެން ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށިފައިވާ ކަމަށެވެ. އާރުޑީސީން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ، ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން." ފައްޔާޒް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި އާރުޑީސީގެ ހިޔާނާތާ ގުޅޭ މައުލޫމާތު ދިނުމަށް، މި މަހުގެ ކުރީކޮޅު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމާންޑް ޕޮލިސް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް ވިދާޅުވީ އާރުޑީސީގެ ހިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވޭ އިރު، ތިން މީހަކު ބައިވެރިވާ ކަމަށް ޔަގީން ކުރެވޭ ކަމަށެވެ.

އެ ތިން މީހުންގެ އަމިއްލަ އެކައުންޓަށް ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެ އިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކުޑޭ

    ތީނަ ހަށްޔަރުކުރުން މާލަސްވެއްޖެ ގާނޫނަށްވުރެ އޭނަހުރީ މަތީގަ އަންނި މަޖިލިސް ރައީސްކަމުގެމަގާމުން ވަކިކުރަން މަސައްކަތްފެށީވެސް ހިޔާނާތް ފޮރުވަން އަބަދުވެސް ފަށްޔާޒު މަސައްކަތްކުރީ އޭނަގެ މަންފާއާއި ފައިދާއަށް ދޭދޭ ފަރުދުންގެ މަނީ އެކުސްޖޭންޖިން ހުއްދަވެސް އޭނަދެނީ އޭނަގެ ރަށްޓެހިންނަށް މިކަންބަލަންޖެހޭ ގާނޫނީ ފިޔަވަވަޅު މީނައާއި ދެކޮޅަށް އަޅަންޖެހޭ މިކަމުގާ ސާމިލުވާ ޗޯރުވެސް ހަށްޔަރުކުރަންޖެހޭ މިއީ ގައުމީ ވާޖިބެއް.

  2. ައަންހެންމަންޖެ

    އިބޫ ވެރިކަމުގަކުރިހުރިހާ ދައުވާ ކަލެއަށް އޯކޭދޯ ހުންނަޖައްބާރުކަންނިކަން ދެކިބަލަ ނަސީބެއް ކަނޑުގައި ނުލެއްވިކަން ބޮޑެތި އާގުބޯޓުފަހަރުގެ ބުރަފަތިވެސް ހަފާކެއިސް

  3. ކުޑައެއް ބޮޑެއް ނޯންނާނެ

    ހައްޔަރުކުރަންޖެހޭ ހުރިހާމީހުން ޤާނޫނީ އިމުގެތެރެއިން ހިފާ ހައްޔަރުކުރުމައް ގޮވާލަން

  4. ކަޑަޭ

    ތި ގޮލާ ހާޒިރުކުރަންވީ ކޯޓައް

  5. ކޮއްޔާ

    ހައް ހައްހާ //

  6. ހަސަނު

    ތިޔަކަހަލަ ފިލްމު ބަލާ ބަލާ ދެން ވަރައްފޫހި ! އޭނަޔައް ވާނެ އެއްކަމެއްވެސް ހަރާންވާނެ! ހެޑްލައިން ހަދަނީ !

  7. ވަާޑު

    އަދިކިރިޔާ އިންސާފުގެ މަގަށް މުއިއްޒުގެ ސަރުކާރުގައި ކަމެއް މިފެށުނީ ! އިބުރާހިމް މުހައްމަދު ޗޯލިހު " ޗޯރު " ގައުމު ވިއްކާ ހަލާކުކޮށް ރައްޔިތުން ބިކަކުރީ ގާނޫނީ އިމުގެ ތެރެއިން ހައްޔަރު ނުކޮށްފިނަމަ އަޅުގަނޑު ދުވަހަކުވެސް އިންސާފު ވެރި ވެރިކަމެއް މުއިއްޒު ކުރިކަމަކަށް ގަބޫލެއްް ނުކުރާނަން !

  8. ޙިންނަބެ

    ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން." ފައްޔާޒް ވިދާޅުވިއެވެ.
    މީ ފައްޔާޒު އަދި ސޯލިހު ގަދަޔަށްކުރި ކަންކަން ހާއްސަކޮއް ކުންފުނިތަކުގެ މުވައްޒަފުންލައްވާ ކޮން ޗުކްޗުކް ކިޔާކަށް