ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި އުޅުނު 900އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރާ ދާއިރާތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބޭރު ކުރުމަށް ނުވަތަ ފޮނުވާލުމަށް މިދިޔަ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރު އައިސް، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 900އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ބޭރު ކުރުމަށް ވަރަށް ބާރަށް އިމިގްރޭޝަނުން މަސައްކަތްތައް ކުރިއަށް އެބަ ގެންދޭ، ކޮންމެ ހަފްތާއަކު ބޮޑެތި ދެތިން ރެއިޑް އޮޕަރޭޝަން އެބަ ހިންގާ ގަވައިދާ ހިލާފަށް އުޅޭ މީހުން މަދުކުރުމަށް. މިހާރު 900 އަށް ވުރެ ގިނަވާނެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުރި އަދަދު،" ޝައްމާން ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ވީ އެންމެ އަވަސް މުސްތަގުބަލެއްގައި ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އަހަންމިއްޔަތެއް ދެއްވާ ކަމެކެވެ. އެހެންކަމުން ސަރުކާރުގެ ގުޅުންހުރި ގިނަ މުއައްސަސާތަކާއި ގުޅިގެން މި މައްސަލަ ހައްލުކުރަން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ޝައްމާން ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވެސް ވަނީ ވިދާޅުވެފައެވެ.

ވަޒީރު އިހުސާން ވިދާޅުވީ ބިދޭސީންގެ މައްސަލަތަކާ ގުޅޭ ހުރިހާ އެޖެންސީއެއް މިހާރު އެއް ވުޒާރާއެއްގެ ދަށަށް ގެނެސްފައިވާ ކަމަށާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބިދޭސީން ގެނެވޭ މެކޭނިޒަމްގެ ތެރެއިން އެކައުންޓެބިލިޓީ ހަރުދަނާ ކުރާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، ގަވައިދާ ހިލާފަށް އުޅޭ މީހުންނަށް އަމިއްލަ އިހްތިޔާރުގައި ރާއްޖެ ދޫކޮށް ދިއުމަށް ހުޅުވާލާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިހުސާން އިތުރަށް ވިދާޅުވީ ކައުންސިލްތަކާއި ފުލުހުން މެދުވެރިކޮށް ރާއްޖޭގައި ތިބި ބިދޭސީން އިނގިލީގެ ނިޝާން ނަގައި އެ ލެވެލްއަށް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތަށް ސޮފްޓްވެއާ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގި، އެމީހުންނަކީ ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައި ތިބި މީހުންކަން ކަށަވަރު ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޗާލިމް

    އޭގެ ތިންގުނަ މިހާރު ހުންނާނީ އެތެރެކޮށްފަ.

    6
    1
  2. ޢަހޫތަ

    ދޮގުން އުފަންކުރި ސަރުކާރަކުން ތެދެއްހަދާނެތަ

    2
    7
    • އަލީ ބަކުރީ

      އަދީބު ކުށެއް ނުކުރޭ ކިޔާފަ މިނިވަބން ކުރި މީހުން ވަރަށް ތާހިރު! ޝުކުރިއްޔާ

  3. ށުވޭސ

    މާރޗް މަހު ބަންގްލަދޭސް އިން ރާއްޖެއަށް ވަޒީފާއަށް އައި މީހުން މިހާރު މަޖީދީ މަގުން ލިބޭ އަދި ހުޅު.މާލޭ ރައްގަޑު 1 ސަރަހައްދުންވެސް ލިބޭނެ

  4. ކޮރަލް

    ގަވާއިދާ ހިލާފައް ވިޔަފާޜި ކުރާ ބިދޭސީން ޑިޕޯތް ކުރަން ވީ އެވެ.

  5. އައިދު

    އަދިވެސް ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުވާތަން މުޖުތަމައުން ފެންނަމުން ނުދޭ.. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނަށް މަސަކަތް ހަވާލު ކުރާ ފަރާތް ތަކަށް ފިޔަވަޅު އެޅެން ޖެހޭ