ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިހާބުކުރާ އިރު ތިއްބަވާ ޕާޓީން ވަކިވެވަޑައިގަންނަވައިފި ނަމަ އޮޓަމެޓިކުން މެމްބަރުކަން ގެއްލޭ ގޮތަށް "އެންޓި ޑިފެކްޝަން" ބިލު މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފި އެވެ.

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، އެންޓި ޑިފެކްޝަން ބިލް އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށުު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ.

މި ބިލު ވަގުތީ ކޮމިޓީއަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ. މި ބިލު އެ ކޮމިޓީން ފާސްކޮށްފައިވަނީ ގިނަ ބަދަލުތަކެއް ގެނައުމަށްފަހުއެވެ. އެގޮތުން ރީކޯލް ވޯޓު ނެގޭނެ ހާލަތު ވަނީ އުނިކޮށްފައެވެ.

މި ބިލުގައި ވަނީ، ގާނޫނު އަސާސީގެ 27ވަނަ މާއްދާގެ ރ. ގެ ފަހަތަށް އަކުރެއް އިތުރު ކޮށްދިނުމަށް އެދިފައެވެ. މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ މެމްބަރުކަން ގެއްލޭ ހާލަތްތަކެއް މި އަކުރުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން މެމްބަރުކަމުން ވަކިވާ ހާލަތްތަކުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރެއްގެ އަމިއްލަ އިސްނެގުމަށް އޭނާ އިންތިހާބުވީ ޕާޓީއަކުން ވަކިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމެވެ. މީގެ އިތުރުން:

  • އެމީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ޙައިސިއްޔަތުން ކަމަށްވެފައި އިންތިޚާބުވީ ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓު ދިނުން ފިޔަވައި އެ ނޫން ސަބަބަކަށްޓަކައި ޕާޓީގެ މެންބަރުކަމުން ވަކިކުރާ ހާލަތުގައި، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަޤާމުން ވަކިކުރުމަށް ނިންމުން.
  • މެންބަރަކު މަގާމުން ވަކިކުރުމަށް، އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކިކުރުމަށް އެ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމުން.
  • މީގެ އިތުރުން މި ބިލުގެ ދަށުން މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާއި ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލް، އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ގެއްލޭނެ ހާލަތްތައް ވެސް މިހާރު ވަނީ ބަޔާންކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަންޑިކުޑަ

    ތި ބިލު ސަކަރާތް މިހާރު ތި އޮތް ގޮތުން. ވަރަށް ސާފުކޮއް ކުރުކޮއް ބިލުގައި ބަޔާން ކޮއްފައި ނުވަތަ ހުދާއި ކަލުން ލިއަންވީ ޕާރޓީ ބަދުލު ކޮއްފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމާއި އަދި އަމިއްލަ މެމްބަރުންވެސް ހޮވުމަށްފަހު ޕާޜޓީ އަކާއި ގުލިއްޖެ ނަމަ އެ މެމްބަރެއްގެ ވެސް ގޮނޑި ގެއްލޭނެ މިހެން. މާކަ ގިނަ ހާސާރު ތަކެއް ލިއުމުގެ ބޭނުމެއްނެތް ކަމަށް މި ނިކަމެތި އަލާ ދެކޭވާހަކަ ދަންނަވަން. އަދި ދަޢުލަތުގެ ބަޖެޓަށްވެސް ބާރު ބޮޑު ނުވެ މިކަން ނިމުނީ. އެހެން ނޫނިއްޔާމު 2 ފަހަރަށް އެއް ކަމަކަށް ވޯޓު ލާންޖެހި ބޭކާރު ގޮތުގައި ފައިސާ ތަކެއް އިސްރާފު ވުން އެކަށީގެންވޭ. ވ ވެދުން.

  2. އއ

    ތިމަންނާ މިއީ އެއްވެސް ސިޔާސީ ޕާރޓީއެއްގެ އަޅަކަށްވާނެ މީހެއްނޫންކަމަށް ދާއިރާގެ ރައްޔިތުންގެ ކުރިމަތީގައި ފޮނިކަނޑާފައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ހޮވުނީމައި، ދާއިރާގެ ރައްޔިތުންގެ ބޮލަށް ގުއިރީފައި ގޮސް، (ނީލަންކިޔާ ބީދައިން ) އެންމެގިނަ ފައިސާ ދޭންބުނާ ޕާރޓީއަކަށް ސޮއިކުރީމަ ގޮނޑި ނުގެއްލޭބާ؟

  3. އއ

    ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ސިޔާސީޕާރޓީތަކުން އޮޕަރޭޓް ކުރާ ރޮބަރޓް ތަކަކަށްހަދައި، ރައްޔިތުން ވޯޓްލައިގެން އެކިއެކި މަޤާމްތަކަށް އިންތިޚާބުކުރާ މީހުންނަކީ ސިޔާސީ ޕާރޓީތަކުގެ އަޅުންނަށްވާންޖެހޭގޮތަށް ޤާނޫނުއަސާސީ ފަރުމާ ކުރެވިގެން ނުވާނެ.

  4. Anonymous

    ތިޔަ ބިލްގައި އޮންނަންވާނެ ދާއިރާގެ ރައްޔިތުންނަށް މެމްބަރު ވަކިކުރެވޭނެ ގޮތްވެސް، ނޯކޮންފިޑެންސު ވޯޓް ލައިގެން މެމްބަރު ވަކިކުރެވެންވާނެ ، ގޮޅީގައި ގޮނޑީގައިވެސް ސޭލް ތިޔައީ ބޮޑު ނީލަން ފިހާރަ ގޮންޑި ލިބުނީމާ އަބަދު ސޭލް އަޅުވައިގެން އުޅެނީ !

  5. Anonymous

    އެމްޑީޕީން ވެރިކަމަށް އައިއިރު ޔާމީނުގެ ދުވަސްވަރު ތަސްދީޤު ކޮށްފަ ކުރަމުން ދިޔަ ތިޔަ ޤާނޫނު އުވާލާފަ މެމްބަރުން ހިތުހުރި ގޮތަކަށް އުޅެފައި މިހާރު އަނެއްކާ ދައުރު ހަމަވީނާ ތުޔައެއްޗެއް ތިޔަ ފާސްކުރީ ، ތިޔައީ އިހުލާސްތެރި ކަމެއް ހުރެގެން ކުރާކަމެއްނޫން، ތުޔައީ ވެރިކަން ކުރާ ޕާޓީއަށް ޖެއްސުން ކުރަން ކަލޭމެން އެމްޑީޕީ މީހުންކުރާ ކަމެއް !

  6. Anonymous

    މިޔަކީ ބަރުލަމާނީ ނިޒާމަށް ހިގާ ގައުމެއްނޫން، މިތާ އޮތީ ރިޔާސީ ނިޒާމެއް ސިޔާސީ ޕާޓީތަށް އުވާލަން ޖެހޭ ޤައުމު ފަސާދަ ކުރާބަޔެއްމީ !

  7. އަސްދޫނި

    ޕެޓިޝަން މަޖިލިހަކަށް ހުށަހަޅަން ނުޖެހޭ. މަޖިލިސް މެމްބަރުންގެ އަމިއްލަ އެދުން ތިއިން ފެންނަނީ. ޕެޓިޝަން ހުށަހަޅަން ޖެހޭނީ އިލެކްޝަނަށް. ނޫނީ ކޮންމެވެސް އެހެންތާކަށް. ތި ތާ ތިބޭ މީހުން އެބައުޅޭތަ އެމީހުންގެ މީހުން ބޭރުކުރަން؟ އަމިއްލަ މަސްލަހަތު ފުށުނާރާ ގޮތަށް މި މީހުނަށް އެއްކަމެއް ވެސް ނުވޭދޯ؟

  8. އަބްދޫ

    ތިޔަ ގާނޫނަކީ ގާނޫނުއަސަސީއާއި ހިލާފު ގާނޫނެއް . އެކަންއެގެނީ ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ ހާއިން. މަޖިލީހުގެ މެމްބަރުންނަކީ އެއްވެސް ބަޔަކު ކޮންޓްރޯލް ކޮށްގެން ވަކިގޮތަކަށް ވޯތްދޭން ވަލި ޕާޓީއެއްގަ ތިބެން މަޖްބޫރު ކުރެވިދާނެ ބައެއް ނޫންކަން ގާނޫނުއަސަސީ ގެ 90 ވަނަ މާއްދާއިންވެސް އެގޭ. ރައޔިތުންގެ މަޖިލީހަށް ރައޔިތުން އިންތިހާބުކުރާ މެމްބަރުގެ ގޮނަޑިޔާއި ބެހޭގޮތުން އެއްވެސް ގޮތެއް ކަނޑައެޅޭނީ ގާނޫނުއަސާސީގަ 73 ވަނަ މާއްދާގަ މަޖިލީހުގެ މެމްބަރުގެ ގޮނޑި ގެއްލޭނެގޮތާއި ސަރުތު ފުރިހަމަ ވުމާއި ނުވުން ހިމަނާފައިވޭ. ގާނޫނުއަސަސީގެ 75 ވަނަ މާއްދާގަ ބުނާގޮތުން.ރައްޔިތުންގެ ލާބަޔާއި މަންފައަށް އިސްކަންދީގެން ކުރިޔަށް ދިއުމުގެ މާހައުލެއް ހޯދުމަށް ޓާކާ ޕާޓީ އިންވަކި ވުމާއި އެހެން ޕާޓީއަކަށް ގުޅުންވެސް ހުއްދަކަން 75 ވަނަ މާއްދާއަށް ބެލުމުންއެގޭ ވީމާ ތިޔަ ގާނޫނަކީ ރައޔިތުންގެ މަޖިލީހުގެ މެމްބަރުންކުށްވެރިކޮށް މަގާމުންވަކިކުރާ ގާނޫނެއްކަމުގަ ވާތީ ބާތިލް ގާނޫނެއްކަން ޔަގީނވޭ.