ރާއްޖޭގައި ކޮންމެ ބަޔަކަށް ވެސް ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހައްގު އޮންނާނެ ކަމަށާއި ޕީއެންއެފް އިން ޖަލްސާ ބާއްވައި ގާނޫނީ ކަންކަން ފުރިހަމަ ކުރެއްވުމުން އެކަމަށް މަރުހަބާ ދަންނަވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރޭގައި ބާއްވަން އުޅެނިކޮށް ހިނގައި ދިޔަ ކަންކަމާ ގުޅިގެން މުލިއާގޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކޮންމެ ބަޔަކަށް ވެސް ސިޔާސީ ޕާޓީ އުފެއްދެން ވާނެ ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް އޮންނަ ހައްގެއް ކަމަށެވެ.

އަދި ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް އެ ފުރުސަތު ވެސް އޮންނަން ވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

"އުފާ ވެސް ކުރަން އެބޭފުޅުންގެ ޖަލްސާ ބޭއްވިގެން އެބޭފުޅުންގެ ގާނޫނީ ކަންކަން ފުރިހަމަ ކުރެއްވީމަ މަރުހަބާ ދަންނަވަން. ދެން ވެސް އެހެން ބަޔަކު ސިޔާސީ ޕާޓީއެއް ހަދަން މަރުހަބާ ކިޔަން. މި ގައުމުގައި އޮންނަން ވާނެ މިނިވަންކަން. އެކަމަށް އަޅުގަނޑު ހުރަހެއް ނާޅާނަން،" ރައީސް ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގައެވެ. ޕީއެންއެފުން ވަނީ އެ ޖަލްސާ ބޭއްވުމަށްޓަކައި އެ ސްކޫލްގެ ހުއްދަ ވެސް ހޯދައިފައެވެ. އެކަމަކު، ލޮޖިސްޓިކް ބައެއް ސަބަބުތަކާ ގުޅިގެން ޕީއެންއެފްއާއެކު ޣިޔާސުއްދީންގެ ހޯލް ދޫކުރުމަށް ވި އެއްބަސްވުން އިއްޔެ މެންދުރު ވަނީ ބާތިލްކޮށްފައެވެ. އަދި އެކަން އީމެއިލް މެދުވެރިކޮށް ޕީއެންއެފަށް އެންގިއެވެ.

އެކަމަކު، ޕީއެންއެފުން ވަނީ އެ އެންގުމަށް ބޮލާލައި ޖަހައި ޣިޔާސުއްދީން ސްކޫލްގައި ޖަލްސާ ބާއްވަން މަސައްކަތްކޮށްފައެވެ. އެހެންވެ، ފުލުހުން ވަނީ އެކަން ހުއްޓުވަން ވެސް މަސައްކަތްކޮށްފައެވެ. އެ މަސައްކަތް ފުލުހުން ކުރުމުން ފުލުހުންނާއި ޕާޓީގެ ސަޕޯޓަރުންނާ ދެމެދު ކުރުމަތިލުމެއް ހިނގިއެވެ.

އެ ކުރިމަތިލުން ހިނގީ ޣިޔާސުއްދީންގެ ހުއްދަ ނެތި އެ ސްކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ޕީއެންއެފުން މަސައްކަތް ކުރުމުން ރައްކާތެރިކަމަށް އެދި ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ހުށަހެޅުމާ އެކު، ފުލުހުން ގޮސް ސްކޫލްގެ ގޭޓް ބަންދުކޮށް އެ ތަނަށް ސަޕޯޓަރުންނަށް ނުވަދެވޭ ގޮތް ހެދުމުންނެވެ. މި ކުރިމަތިލުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ބޭނުންކޮށްފައެވެ. ފުލުހުން އެކަން ހުއްޓުވި ނަމަވެސް، ޖަލްސާގައި ބައިވެރިވާން ދިޔަ ވަރަށް ގިނަ ބަޔަކު ޖަލްސާ ކުރާ ހޯލަށް ވަނެވެ. އެކަމަކު ޖަލްސާ ފަހުން ބާއްވާފައި ވަނީ ސިނަމާލެ ބްރިޖު ވިއު ޕްލެޓްފޯމްގައެވެ.

އެސްއޯ ފުލުހުން ބޭނުން ކުރީމަ ހިތާމަކުރަން، އެކަން ބަލައި ފިޔަވަޅު އަޅާނަން: ރައީސް

ޕީއެންއެފް އުފެއްދުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ރޭ ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ހަމަނުޖެހުންތަކުގައި އެސްއޯ ފުލުހުން ނުކުމެފައި ވަނީ ސީދާ އެމަނިކުފާނުގެ ސިޔާސަތާ ހިލާފަށް ކަމަށާއި އެކަން ހިނގި ގޮތް ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    ރައްޔިތުންބައިބައިވެ ހަމައެކަނި ވެރިކަމަށްތޮޅޭނެގުރޫޕެއް އިތުރުވުމުގެފައިދާއަކީ ކޮބާ؟

    1
    1
  2. ވަގުންގެ ރާއްޖެ

    ކަލޯ އެސްއޯ ފުލުހުންނެއް ނޫން މައްސަލައަކީ އަދި އެކަން ހުއްޓުވަން އެސްއޯ ފުލުހުން ފޮނުއްވި ކޮމާންޑަރ އެއްވެސް ނޫން ގޯހީ...
    އެކަން ހުންޓުވަން ފުލުހުންނަށް އަމުރު ކުރި މީހެއްގެ މައްސަލަ ތިޔައުޅެނީ....
    ބޮޑު ފޯސްއެއް ކޮންޓުރޯލް ކުރެވޭނީ އެތަނަށް އެސްއޯ ފޮނުއްވައިގެން...
    މެންދުރު ދިން ހުއްދަ ކެންސަލް ކޮއްފަ...
    ކަރަންޓް ކަނޑާލާފަ
    ފުލުހުންނަށް އެންގީ އެތަނަށް މީހުން ވަނީ ނުދިނުމަށް
    ސަރުކާރުގެ ބާރާއި ނުފޫޒު ރަނގަޅަށް ދައްކާލާފައި މިވަނީ

    8
    1
  3. ވަގުންގެ ރާއްޖެ

    ބާރުގެ ބޭނުން ކޮއްފަ ދެން މަތިޖަހަން ބޭކާރު ވާހަކަތަކެއް ބޭނުމެއް ނޫން...

    9
    2
  4. އަޙްމަދު

    ހޫނުފެނަށް ވެއްޓިއްޖެ

    9
    2
  5. ސަރަފަކައްދަ

    ޕާރޓީ އުފެއްދީ ގަދަ ބާރު ދައްކައިގެންނޯ އެ ގޯތި ހަސަނު ބުނި އަޑު އެހީމު!

  6. އަޙްމަދު

    މައްސަލަ އަކީ އެސްއޯ ފުލުހުން ގޮސް ހުއްޓުވުމެއް ނޫން....
    މައްސަލަ އަކީ
    އެޑިއުކޭޝަން
    ސްޓެލްކޯ
    ފުލުހުން
    ބޭނުން ކޮށްގެން މަގާމުގެ ނުފޫޒް ބޭނުން ކުރުން

    8
    2
  7. ފައިސާ

    އިދިކޮޅުން މުއިއްޒު ދެކޮޅަށް ކުޅޭނެ ކުޅިއެއް އުފައްދަން ހިންގާ ޖަރީމާ