ލ. މާވަށުގައި ހިއްކުމަށް ހަމަޖެހިފައި ވަނީ 15 ހެކްޓަރު ބިމުގެ ބަދަލުގައި 30 ހެކްޓަރުގެ ބިން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު ލ. އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ލ. މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަށް އެންމެ މުހިންމީ ބޯހިޔާވަހިކަން ކަމަށާއި ބޯހިޔާވަހިކަމަށް ބަލާއިރުގައި މާވަށް ހިމެނޭ ގޮތަށް ގިނަ ރަށްރަށުގައި ބިން ނެތް ކަމަށެވެ. ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ބިން ހިއްކައި ގޯތި ދިނުމާއި ސޯޝަލް ހައުސިން ޔުނިޓްތަކެއް އަޅަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ތިޔަބޭފުޅުންނަށް (މާވަށް ރައްޔިތުން) ކުރިން އޮތީ 15 ވަރަކަށް ހެކްޓަރުގެ މަޝްރޫއެއްގެ މަސައްކަތް. ރައްޔިތުން ބޭނުން ވަނީ އެ ވަރެއް ނޫން. އަޅުގަނޑު ގަސްދު ކުރަނީ އެއަށް ވުރެ އިތުރު ކުރަން. އެހެންވީމަ އިރާދަކުރެއްވިއްޔާ 15 ހެކްޓަރެއް ނޫނޭ، 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަމޭ." ރައީސް ވިދާޅުވިއެވެ.

ލ. މާފަުށިގައި ބޭއްވި ޖަލްސާގެ ތެރެއިން -- ވަގުތު ފޮޓޯ: މުހައްމަދު އަލީފް

ރައީސް ވިދާޅުވި ގޮތުގައި 30 ހެކްޓަރުގެ ބިން ވީހާވެސް އަވަހަށް ފެށޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި 30 ހެކްޓަރުގެ ބިން ހިއްކުމަކީ ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންގެ ގެދޮރުވެރިކަމުގެ މައްސަލައަށް އެންމެ ބޮޑު ހައްލެއް ލިބޭނެ ކަންތަކަށް ވާނެއެވެ. ބިން ހިއްކުމާ އެކީގައި ހައުސިން މަޝްރޫއުތައް ހިންގައި ގޯތި އެޅުމަށް ލުއި ލޯން ދޫކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައސް ވިދާޅުވީ ރާއްޖެއަށް ހުޅުވާލައިގެން %5 ކުޑަ އިންޓަރެސްޓުގައި ލޯން ދޫކުރައްވާ އިރު، އެއީ މާ ބޮޑު އާމްދަނީއެއް ނުލިބޭ ފަރާތްތަކަށް ވެސް އެކަށީގެންވާ ލޯނެއް ކަމަށެވެ. އަދި ސަރުކާރުން ދޫކުރަނީ ލުއި، އަތްފޯރާ ފަށުގެ ލޯންތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގެދޮރުވެރިކަމަށް ހިންގާ މި ޕްރޮގްރާމް ހަގީގަތަކަށް ހައްދަވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މާ ލަސްތަކެއްނުވެ މާވަށް ކައިރީގައި ޓޫރިސްޓު ރިސޯޓް ތަރައްގީކުރުންވެސް ފެށޭނެ ކަމަށެވެ. އަދި މަގުތައް ތަރައްގީ ކުރުމާއި ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމާއި ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ފަޅު ރަށެއް ކަނޑައެޅުމާއި އެނޫންވެސް ގިނަ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"މި ހުރިހާ ކަމެއް ރޭވިފައި މިއޮތީ. ޕްލޭން ކުރެވިފައި މިއޮތީ. މިކަންކަމުގައި ކުލަ ޖައްސައިދީ ރައްޔިތުން ބޭނުން ގޮތަށް މިކަންކަން ކޮށްދޭން ބޭނުން ވަނީ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުއިއްޒުއާއި އެކު މަޖިލިސް

    ވެހޭތާ ފެންނެގޭނީ. 2018ގަ އުމްރާނީ ތަރައްގީ ބޭނުމެއް ނޫނޭ ކިޔާ އިބޫމެން އައިމަ ރައްޔިތުން ހެއްލުމުން މިދިޔަ 5 އަހަރު ގައުމު އެހާ ފަހަތައް ދިޔައީ.

    5
    2
  2. ދަތްނެތްކުއްޖާ

    އަޅުގަނޑަށް ފެނޭ ރާއްޖެ އެއްކޮށް ހިއްކާލަން. އޭރުން ތި ގޯތީގެ މައްސަލަ ތަކަށް ހައްލެއް އަންނާނެކަން ޔަޤީން.