ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެމަނިކުފާނު އަަޒުލުކުރަން ބޭނުންވާ 57 ވޯޓު ހަމަނުވާނެ ކަމަށް ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން މަގާމުން ވަކިކުރުމަކީ އިދިކޮޅު ފަރާތްތަކަށް ކުރުން ގާބިލު ކަމެއް ނޫން ކަމަށެވެ. އަދި އެފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް ތި ވިދާޅުވާ ގޮތަކަށް އިރާދަކުރެއްވިއްޔާ ތިކަން ވިޔަކަ އަޅުގަނޑުމެން ނުދޭނަމޭ. ރައްޔިތުންގެ މަޖިސްގެ ތެރެއިން ވެރިކަން ބަދަލު ކުރާ ވާހަކަ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިރާދަ ކުރެއްވިއްޔާ ވެރިކަން ބަދަލެއް ނުކުރެވޭނެ. އެފުރުސަތެއް ރައްޔިތުންގެ މަހިލީހަކުން އަޅުގަނޑުމެން އިދިކޮޅު ފަރާތްތަކަށް ނުދޭނަން އިނގޭތޯ."

އަބްދުލްރަހީމް ވިދާޅުވީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް އާާއި އެމްޑީއޭ ކޯލިޝަންގައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ރައީސް ޔާމީން އަޒުލު ކުރަން ބޭނުންވާ 57 ވޯޓު އިދިކޮޅު ފަރާތްތަކަށް ހަމަ ވިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުލްރަހީމް މިހެން ވިދާޅުވިއިރު މިއަދު ހެނދުނު "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުން ބޭލެން އޮތް މަގަކީ ރައްޔިތުންގެ މަޖިލީސް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނަކީ "މުރަނގަ ގަސް ދޮށު މާލިމީ" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ވެސް އަބްދުލް ރަހީމް ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ "ފަޅުތަކާއި ގިރިތައް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ކުޅަދާނަ މާލިމީއެއް" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ކައްޕި

  ޖެނެރަލް އަދުރޭ މެން ހަމަ ނުކުރިޔަސް ފާސްވޭ

 2. ލަކޫ

  ޤާނޫނު އަސާސީގައިވާ ގޮތުން ރައީސު މަޤާމުން ވަކިކުރެވޭނެ ރައްޔިތުންގެ މަޖިލިހަށް !

 3. ޓިނު

  ޢާ އިދިކޮޅުމީހަކައް މަޖްލިސް އާ ކައިރިވެވިގެންތާ

 4. ގުންޑާ

  އޮޅުވާލުމާއި ރިޝްވަތު ހިމެނުނީމަ ކަދުރެއްވެސް ޓިނެއްވެސް ހަމައެއް ނުވާނެ!

 5. ކެޔޮޅު

  މުރަނގަ ގަހު މާލީމީ ދޯ ފެބުރުވަރީ 07 ގަ އޮޑީ ދޫކޮށްލާފަ ކަނޑަށް ފުޢްމާލީ

 6. ހަލީ

  ހުރިހާ ކަމެއް ގޮއްމުށުގެ ބާރުން. ޢަޅޭ ނިކަން ނާޤާބިލު ކަން ދެކިބަލަ، ތިޔަވަރުގެ ތާއީދަކާއި، ފަންވަރެއްހުރިއްޔާ މެންބަރުން މިނިވަންކޮށް މަޖިލީހަށް ވައްދަބަލަ މުޅި ރާއްޖެ ކޮއްމަސް ގަނޑަކަށް ހަދާފައި ތިމާގެ ހަތަރެސްފައި ސަލާމަތުން! ކިހާ މަޖާ؟

 7. އަބްދުއްލާ

  ރަހީމް މެން މާބޮޑަށް އަނގަ ގަދަވެފަ ބޭކާރު ކަންކަމާ ނާގާބިލް ކަންކަން ގެންދިއުމުގެ ސަބަބުން ހުރިހާގެއްލުމެއް ޔާމީނުގެ ސަރުކާރަށް ރަހީމް މީހަކަށް ވޭތޯ ވިސްނަންވެއްޖެހެން ހީވަނީ ރަހީމްގެ އަނގޔާ އމަލުގެ ސަބަބުން ޕާޓީގެ މެމްބަރުންނަށާޕާޓިއަށް ގެއްލުން އެބަދިމާވޭ

 8. ޚާލިދު ވަޙީދު

  ގަދަބަސް ނުބުނޭ. ﷲ ގެ ކުޅަދުންވަންތަކަމުން މީހުންގެ ހިތް ވަގުތުން ބަދަލުވެދާނެ.

 9. ނަޝީދު

  އެހެން ދޮތަ..

 10. ނުރަބޯ

  ތިޔަމަޖްލިހަކީ ގަނެވިއްކާ ބާޒާރެކެވެ. އެއްގޮތަކަށްވެސް ނޭނގޭނެ ތިޔަމީހުންގެ ގޮތެއް. އަވަހަށް ދުރާލާ ފިޔަވަޅު އަޅުއްވާށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަށްޗަށް އިތުބާރު ނެތްކަމަށް މަޖްލިހަށް ހުށަހަޅައިގެން ފާސް ނުވެއްޖެނަމަ ދެން އަލުން ހަމަ އެމައްސަލަ އެ 5 އަހަރުގެ ތެރޭގައި މަޖްލިހަށް ހުށަނޭޅޭނެއެވެ. އަލުން އެ މައްސަލަ ހުށަހެޅޭނީ ރިޔާސީ އައު ދައުރެއްގައި 2.1/2 އަހަރު ފާއިތު ވުމުންނެވެ. މިގޮތަށް ގާނޫނަށް އިސްލާޙު ގެނެސްގެން ތިބޭށެވެ.

 11. އަމީރު

  ނަސީދަކީ ޅޮސްގަހު ދޮށު މާލިމީ.

 12. ނިއުމާ

  ނަޝީދަކީ ޅޮސްގަހު ދޮށު މާލިމީ. މި ކަލޭގެ އަށް ނޭގެ ކިޔޭ ނުކިޔޭ އެއްޗެއް.

 13. އަލްޖިބްރާ

  މަޖްލީހަކުން ތިކަމެއް ނުކުރެވޭނެތާ ! މަޖްލިސް ބޭއްވިއަކަ ނުދޭނެވިއްޔަ ! މަޖްލިސް ބާއްވާކަށް ކަލޭމެނަކަށް ނުވެސް ކެރޭނެ ! ސައްހަ މަޖްލިސްއެއް ބާއްވައިފިނަމަ ކަލޭމެންގެ އަތުން މަރިޔަބު ގެއްލި ، ކޮށިދަޑުގެއްލި ، ކަތިވަޅިވެސް ގެއްލޭނެ ! ކަން ކަލޭމެނަށް ޔަޤީންވާތީ ތިއުޅެނީ މަޖްލިސް ތަޅުއަޅުވައިގެން ! އަދުރޭމެން ގަންނަ ބިރު އެއަށްވުރެ މާބޮޑު !