އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވެގެން މީހަކު ނިޔާވި ކަމަށް ބުނާ މައްސަލައެއް ސިއްހީ ވުޒާރާއިން ބަލަން ފަށައިފިއެވެ.

ސިއްހީ ވުޒާރާއިން ވަނީ މި މައްސަލަ ބަލަމުންދާކަން "ވަގުތު" އަށް ކަށަވަރުކޮށްދެއްވާފައެވެ. ހޮނިހިރު ދުވަހުގެރޭ ނިޔާވެފައި ވަނީ ތ. ކިނބިދޫ، ހިތައްފިނިވާގޭ، 74 އަހަރުގެ އަޒީޒާ އިބްރާހީމެވެ.

ވޭމަންޑޫ ހޮސްޕިޓަލުން ތިން ދުވަހު ފަރުވާދިނުމަށް ފަހު، ބަލިމީހާ ދެރަވެގެން މާލެ ގެންދަން އިރުޝާދު ދިނެވެ. ހާލު ދެރަވުމުން އެމީހާ މާލެ ގެންދިޔުމަށް ސީ އެމްބިއުލާންސްގައި ތިމަރަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ އޮކްސިޖަން ގުޅައިގެންނެވެ. އަދި ހާލު ދެރަވީ ސިއްހީ މަރުކަޒުން އެއާޕޯޓަށް ދިޔަ މަގުމަތީގައެވެ. އޭރު އޮކްސިޖަން ފުޅި ހުރީ ހުސްވެފައި ކަމަށް އެކި މީޑިއާތަކުން އާއިލާއާ ހަވާލާދީ ވަނީ ރިޕޯޓްކޮށްފައެވެ.

އިއްޔެ "އެކްސް" ގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ ވަކިވެގެން ދިޔަ އަޒީޒާ އަކީ ގާތްތިމާގެ ދައްތައެއް ކަމަށެވެ. ނަމަވެސް ދެރަވަނީ ނޭވާލުމުގެ މައްސަލައެއް ދިމާވެގެން އެމަޖެންސީކޮށް އެއަރޕޯޓަށް ގެންދިޔައިރު އޮކްސިޖަން ފުޅި ހުސްވެފައި ހުރުމުން ކަމަށެވެ.

މިފަދަ ސިއްހީ އިހުމާލުގެ މައްސަލަތައް އަބަދުވެސް ފެންމަތިވެ، ސިއްހީ ދާއިރާއަށް ތުހުމަތުތަކެއް ކުރެވެއެވެ.