ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މަގާމަށް ފާތިމަތު ހަބީބާ އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ހުސްވެފައިވާ ސީއެސްސީގެ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ.

އެގޮތުން މި ތިން ބޭފުޅުންނަކީ، ދަފްތަރު 9472، ފާތުމަތު ހަބީބާ އާއި ދަފްތަރު ނަންބަރު 7505، އަބްދުލް ހަސީބު އިސްމާއިލްގެ އިތުރުން، މއ. ފޮރެސްޓު، މަރިޔަމް ޝާހިދާއެވެ.

ސީއެސްސީގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ތަޅުމަށް ފޮނުވާފައިވަނީ ފާތިމަތު ހަބީބާގެ އިތުރުން އަބްދުލް ހަސީބު އިސްމާއީލުގެ ނަމެވެ. މި ދެ ނަމަށް މިއަދުގެ މަޖިލީހުގެ ތަޅުމުގައި ވޯޓަށް ވަނީ އަހާފައެވެ.

މިއަދު ނެގި ވޯޓުން، ވޯޓުގައި ބައިވެރިވި 38 މެމްބަރުން ވަނީ ހަބީބާއަށް ރުހުން ދީފައެވެ. ހަސީބަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 37 މެމްބަރުންގެ ތެރެއިން 18 މެމްބަރެކެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ މަގާމުގައި ހުންނެވި، ފާތުމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހްއާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.