ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ލިބުނު ފަރާތްތަކަށް ތިން މަސް ދުވަހުގެ ތެރޭގައި އެ ގޯތިތައް ހަވާލު ކުރަން ލާޒިމްވާ ގޮތަށް ރާއްޖޭގެ ބިމާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހް މިއަދު ފާސްކޮށްފިއެވެ.

މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މީގެ ދެ މަސް ކުރިން ހުށަހެޅި މި އިސްލާހް މިއަދު ފާސްކޮށްފައި ވަނީ މަޖިލީހާށް ހާޒިރުވި މެންބަރުންގެ ތެރެއިން 35 މެންބަރުންގެ ވޯޓުންނެެވެ. މި އިސްލާހާއި ދެކޮޅަށް ވޯޓު ދިން މެންބަރަކު މިއަދު މަޖިލީސް ޖަލްސާގައި ނެތެވެ.

މީކާއިލް މީގެ ކުރިން ވިދާޅުވިގޮތުގައި މި އިސްލާހު ހުށަހަޅަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން އެކަށަހަޅާފައިވާ ސިޔާސަތުތަކުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހިންގި ބިންވެރިޔާ ސްކީމްްގެ ދަށުން އެތައް އަހަރުތަކަކަށްފަހު، މާލެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ ބަންޑާރަ ގޯތިތައް، އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި އާންމު ކުރުމަށްފަހު، އެތައް ދުވަހެއް ފާއިތުވެފައިވީނަމަވެސް ގޯތިތައް ލިބިފައިވާ ފަރާތްތަކަށް ހަވާލު ކޮށްފައި ނުވާތީއާއި އެފަރާތްތަކުން ފާޅު ކުރަމުން އަންނަ ކަންބޮޑުވުންތަކަށް ޤާނޫނީ ގޮތުން ހައްލެއް ހޯދައިދީ، މިފަދަ މައްސަލަތައް ތަކުރާރުވެގެން ނުދާނެކަން ކަށަވަރު ކުރުމަށާއި ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، އެފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަން ޖެހޭ ގޮތަށް ހެދުމަށެވެ.

މީކާއީލް މިޤާނޫނަށް ހުށަހަޅާފައިވާ ފުރަތަމަ އިސްލާހަކީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓް ކުރާ ތާރީހުން ފެށިގެން ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެގޯތި ދޫކުރި ފަރާތްތަކުން ގޯތި ހަވާލު ކުރަން ވާނެ ކަމަށް ހުށަހަޅާ އިސްލާހެވެ.

ދެވަނަ އަށް ހުށަހަޅާފައިވަނީ އެ ޤާނޫނުގެ (ށ) އަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެއީ އެޤާނޫނަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓް ކުރުމަށްފަހު، ހަވާލު ކޮށްފައި ނުވާ ގޯތިތައް، މި ޤާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކާއި އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންވާނެ ކަމަށް ބުނެ ހުށަހަޅާފައިވާ އިސްލާހެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަބްދޫ

    ކަނޑުން ނާއި ފަޅުން ދީފަހުރި ގޯތި ތައް އެމްޑީޕީ ސަރުކާރުން ކުރެހި ލިއުން ހިފައިގެންގޮސް ކަނޑުގަ ރޯނުދަމާފަ ހަވާލުކޮށްލާ މާލެގަވެސް އަމިއްލަޔަށް ބިންހިއކްނަގޯތި ދޫކުރި، ވީމާ މިގޯތިވެސް ހަވާލުކޮށްލީމައަމިއްލަޔަށް ހިއްކަފާނެ. އެމްޑީޕީން 87.5 ބިލިއން ރުފިޔާގެ ދަރަނި ރައޔިތުންގެ ބޮލުގަ އެޅުވިއރު ބިންހިއްކުމަށް ހަރަދެއްނުކޮށް ބިން ނުހިއްކާ ބަޔަކު ހިއްކާފަ ހުރިބިމުންނާއި ކަނޑުފަޅުން ގޯތި ކެނޑުމަކީ ލަދުވެތިކަމެއް ނޫންބާ؟

  2. އަހްމަދު

    އަޅެ ތިޔައްވުރެމާރަނގަޅުވީސް ބާރަމަސް ދުވަހުތެރޭ 10 ބުރީގެ ގެއެއް ކޮންމެ ގޯއްޗެއްގަ ނިންމާފަ ހަވާލުކުރަން ފާސްކުރިނަމަ

  3. ޢަލީ

    ދޮންކަލޯ ގޯއްޗަކީ ބިމުން ދެވޭ އެއްޗެއް.. ކަނޑުން ގޯއްޗެއް ނުދެވޭނެ. ޤާނޫނަށް މި އިސްލާހުވެސް ގެނެސްދީބަލަ ކޮންމެވެސް މެމްބަރަކު.

  4. ސަރަންފީ

    ބަލަ ގޯތި ދެވޭނީ ހިކިފަސް ތަނަކުން ކަމަށް ކަނޑައެޅިއްޔާ މާތާހިރު ވާނެ ނު. އެހެން ބުނީމާ ދެން ހަނދުން ގޯތި ދޭނީކީ ނުން. އެތަނުން ފެން ނުފެނުގެން އުޅެނީ. އެހެންވެ ހުސް ހިކިފަސްތަނޭ ކިޔާފަ ގޯތިދޭނީކީ ނޫން.

  5. Anonymous

    ބިވެރިޔާ 2 ގެ ދަށުން ކުރިމަތިލާ ގެޒެޓް ކުރިމީހުނަށް ގޯތި ނުލިބޭތޯ !

  6. ރަބީއު

    މިކަލޭގެ އަށް ހުޅުމާލެއިން ދިން ތިންގޯތި ހަވާލުނުކޮށްގެން ހާދަވަރެއް އެބަހުއްޓޭދޯ . ބަޔަކު ހިއްކާނިންމާފައިއޮތްބިމަކުން މީކާއިލްމެންނަށްދީފައި އެހެންމީހުންނަށް ކަނޑުގެ އަޑިން .ކަލޭގެ ބިންވެސް ލިބޭނެ ހަމަޖެހިބަލަ ނޮރެއެ ސިޔާސީ ބޭބީ.

  7. އަލީ

    ދެން ލާހިކެއްނޫން އިރާދަކުރެއްވިއްޔާ ކަލޭމެން ބޭނުންހާ ގޮތަކައް ބޭނުން ކަމެއްކޮއްލްނ

  8. އަލީ

    ދެން ލާހިކެއްނޫން އިރާދަކުރެއްވިއްޔާ ކަލޭމެން ބޭނުންހާ ގޮތަކައް ބޭނުން ކަމެއްކޮއްލަން ތިގޮތައް ގޮނޑިޔަކަށް އަންނާކައް

  9. ާސަންތިމަރިޔަބު

    ކަނޑު ފަޅު ޖައްވުން ގޯތިދޫކޮށްފާއި 24 ގަޑިއިރު ތެރޭގަ ގޯތި ހަވާލު ކުރާށޭ ބުންޏަކަސް ހަވާލު ނުކުރެވޭނެ ކަން ކިރުތުބުން ނުވީއްލާ ކުޑަކުއްޖަކަށް ވެސް އެގޭނެ

  10. ރައްދު

    ތިއައީ ރަނގަޅު ނިޔަތެއްގައި ކުރިކަމެއްނޫންކަން ޔަގީނެވެ
    5 އަހަރު ވެރިކަމުގައި މަޖިލީހުގެ ސްޕަމެޖޯރިޓީ އޮތްއިރު
    މާލޭގައި ހާލުގައި އުޅުނު މީހުން ނުފެނުނު ކަމާމެދު ސުވާލު
    އުފެދެއެވެ މިއަދު ވެރިކަންބީވެ، މެޖޯރިޓީގެއްލި ގޮއްމުސުބާރު
    ގެއްލުނީމާ ރައްޔިތުންނަށް ހަމްދަރުދީވެގެން އުޅޭގޮތް ދެއްކު
    މަކުން ބަޔަކު ހައިރާނެއްނުވާނެއެވެ އެއީ މޑޕ އަކީ މަކަރުވެރި ހީލަތްތެރި ބަޔަކު ތިބި ތަނެއްކަން އެންމެން
    ދަންނާތީއެވެ.

  11. ކޮއްކޮ

    ނުހިއްކާ ހުރި ތަންތަނުން ތިމާމެންގެ ސަރުކާރުން ގޯތި ދީފައި އެހެން ބަޔަކު ވެރިކަމަށް އައިމާ މި މަޖުބޫރުކުރަނީ ވަކި މުއްދަތެއްގެ ތެރޭގައި ގޯތި ހަވާލުކުރަން. މިމީހުންގެ ބުއްދި ސަލާމަތުން ހުރިތޯ މެޑިކަލް ޓެސްޓެއް ހަދަން އެބަޖެހޭދޯ؟ ތިޔަ ޤާނޫނު ތަޞްދީޤު ނުކުރަން ރައީސަށް އިލްތިމާސްކުރަން.