ސަރުކާރު ބަންދުވިޔަސް މިއަދު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ސްކޫލް ބަންދާ ގުޅިގެން ޕާސްޕޯޓް ހަދަން އެދޭ މީހުންގެ އަދަދު އިތުރުވެފައިވާތީ، މިއަދު ސަރުކާރު ބަންދު ނަމަވެސް އެ އިދާރާއިން ދޭ ޕާސްޕޯޓުގެ ޚިދުމަތް ކުރިއަށްދާނެ ކަމަށެވެ.

ޕާސްޕޯޓަށް އެދި ހުށަހަޅަން ޖެހޭނީ، އިމުގާ ދިވެހި ޕާސްޕޯޓް ޕޯޓަލް މެދުވެރިކޮށެވެ. އަދި ޕާސްޕޯޓަށް އެދި ކޮންމެ ވަގުތަކުވެސް ހުށައެޅޭނެއެވެ.

ޕާސްޕޯޓް ހަވާލުކުރުމަށް ނަންބަރު ދޫކުރުން ކުރިއަށްދާނީ ހެނދުނު 08:30 އިން ހަވީރު 17:00 އަށެވެ. އެހެންނަމަވެސް މެންދުރު 12:00 އިން 12:45 ޕާސްޕޯޓް ހަވާލުކުރުމަށް ދޫކުރާ ނަންބަރު ދޫކުރުން މެދުކެނޑޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މެޑިކަލް އެމަޖެެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ގޮތް ވެސް މީގެ ތިން މަސް ކުރިން ވަނީ ހަމަޖައްސާފައެވެ.

މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެއްދުމަށް އަންނަ މީހުންނަށް ކޮންމެ ވަގުތަކުވެސް އެ ހިދުމަތް ލިބިގެންދާނެ ކަމަށާއި، މިފަދަ މީހުންނަށް ޕާސްޕޯޓް ހެއްދުމަށް އިމިގްރޭޝަނަށް ހާޒިރުވުމުން، އިމިގްރޭޝަންގެ އެހީތެރިކަމާއެކު ޕާސްޕޯޓަށް އެދި ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެެވެ. އަދި ޕާސްޕޯޓަށް ބޭނުންވާ ޕޮޓޯ ނެގުމުގެ އިންތިޒާމް ވެސް ފޯރުކޮށްދެވޭނެކަމަށް އޭރު އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ވަނީ އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފޯމް ހުށަހެޅުމަށް ދަތިވާ ހާލަތްތަކުގައި ޕާސްޕޯޓަށް އެދޭވެނެ އެހެން މަގެއް ފަހިކޮށް ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.

އެހެންކަމުން މި ވައުދާ އެއްގޮތައް މިއަދުން ފެށިގެން މެޑިކަލް އެމެޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށާއި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ މީހުން ބޭނުން ނަމަ، އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިފައިިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.