އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ، ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެދަށުން ކަމަށެވެ

ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ ބްރޭންޑެޑް 1117 ފުޅި، 210 ޕެޓް ފުޅި އަދި 2357 ދަޅު ބިޔަރެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 53 އައިޓަމް ނައްތާލާފައިވެއެވެ.

ނައްތާލާފައިވާ ބަނގުރަލަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.