މީޑިއާތަކުގެ އޮފީސްތަކަށް ހުޅުމާލެއިން ބިމެއް ހަމަޖެހިފައިވާކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ޕީއެސްއެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްއަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަދި ނޫސްވެރިންނަށާއި މުޖުތަމައުގެ އެހެން އަފުރާދުންނަށްވެސް ލިބޭނެ ހިތްހަމަޖެހުމަކީ ރައްޔިތުން އިތުބާރުކޮށްފައި ހޮވާ ސަރުކާރަކުން، އެ ރައްޔިތަކާ ދޭތެރޭގައި އަޅާލުން ގެންގުޅުން ކަމަށެވެ.

އަދި ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ހިދުމަތުގެ އަގުވަޒަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

"ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސްކުރެއްވޭ. 2023 ގެ ރިޔާސީ އިންހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް މުއިއްޒު އިންތިގާލީ މަރުޙަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއް. އެ ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދުމަށް މަސައްކަތް ފެށުނު.". ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސް ވައުދުވެވަޑައިގެންނެވި އެއްކަމަކީ ހަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ދައުލަތުގެ މީޑިއާވެސް އަދި އެހެނިހެން މީޑިއާތަކުގެވެސް ހިންގުމަށް އޮތް ގޮންޖެހުމަށް ހައްލެއް ގެނައުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ދައުލަތުން މީޑިއާތައް އަދި ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން އިހުސާސްވެވަޑައިގެން، ރައީސްގެ އިސްނެންގެވުމުގެ މަތިން މަސައްކަތްޕުޅުތަކެއް ފެއްޓެވިކަމަށާއި ރައީސް ބޭނުންފުޅުވީ، އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ރައީސްގެ އިސްނެންގެވުމުގެ މަތިން މިކަމަށްޓަކައި ވަކި އުސޫލެއް ކަނޑައަޅުއްވައި، ރައްޔިތުން ރައީސްއަށް ކުރެއްވި ފުރިހަމަ އިތުބާރާއެކުގައި ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ރައީސް ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވަނީ. މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވަނީ.". ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ނޫސްވެރިންނަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދައުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަމުގައި ވިދާޅުވިއެވެ. އަދި ގައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަޅިގަޑުމެން ހިޔާ އަވަށުގެ ރައްޔިތުން ވެހިކަލް ޕާކުކުރާނެ ބިންކޮޅެ ހަމަޖައްސާ ނުދެވެނީތޯ !

    3
    2
    • ބޮޑުމަސް

      ތިގޮތަކަށްނޫން ކޮމެންޓް ކުރަންވީ. ކޮމެންޓް ކުރަންވީ "އަޅުގަނޑުމެން ހިޔާ އަވަށުގެ ރައްޔިތުން ވެހިކަލް ޕާކު ކުރާނެ ބިމެއް ހަމަޖައްސަވައި ދެއްވުން އެދެން" މިގޮތަށް.

  2. ދެން ނުޖަހާނެ!

    ތިވީ ގޮތުން ނެގެޓިވް ކޮމެންޓެއް ވެސް ދެން ނުޖަހާނެ އެވެ.

    7
    3
  3. ހަސަނު

    ބޭނުން ނުކޮށް 10 އަހަރުވެފައި ހުރި ބޮޑެތި އިމާރާތްތަށް ހުޅުމާލޭގަ އެބަހުރި. ރައްޔިތުންގެ ފައިސާއިން ބޭކާރު ޚަރަދުތަށް ނުކޮށް އެތަންތަން ތިކަހަލަ ބޭނުންތަކަށް ދޫކުރަންވިނޫންތޯ.