މާލޭގެ އެޕާޓުމެންޓެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރި މި މައްސަލައިގައި އަންހެނަކު ހިމެނޭހެން ފަސް މީހަކު ހައްޔަރުކުރިއެވެ. މި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހާފައެވެ. މީގެ ތެރޭގައި ހިމެނޭ އުމުރުން 47 އަހަރުގެ ހުސައިން ފަޒީލްގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ފަޒީލް ލައިގެން ހުރި އަންނައުނު ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ވައަތުން ފެނުނު ވޮލެޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ އަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ މީހެއް ކަމަށާއި އަދި މީހުން ބައިވެރިކޮށްގެން އެކަން ކުރަމުން އަންނަ މީހެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ހުރި ކޮޓަރިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅާއި ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ. އަދި މިތަނުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ބަރުދަނުގައި 999.6 ގުރާމް ހުރި ހެރޮއިން ކަމަށް ޝައްކު ކުރެވޭ އެއްޗަކާއި ބަރުދަނުގައި 43.77 ގުރާމްހުރި ކެނެބިސް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަމަށްވެސް އަމުރުގައިވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން މކުރާ ތުހުމަތަށް ފަޒީލް ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ. އަދި މި ކޮޓަރިތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗިހި ކަމަށާއި އެއީ މަސްތުވާތަކެތިކަން އެނގޭ ކަމަށްވެސް އޭނާ ކޯޓުގައި ވަނީ ބުނެފައެވެ.