ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ކުންފުންޏަކުން ހިންގި ސްކޭމުގައި އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުން އަންނަނީ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލްއަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ. އެގޮތުން ތަހުގީގު ކުރަމުން އަންނަނީ އެ ކުންފުނިން ގިނަ ބައެއްގެ އަތުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއް ކަމަށެވެ.

ފުލުހުން މިއަދު ވަނީ އެ ކުންފުނިން އޮޅުވާލައިގެން އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެފަދަ މީހެއް ވާ ނަމަ ފުލުހުންނާ މައުލޫމާތު ހިއްސާ ކުރަން އެދުނެވެ.

ފުލުހުން އެދުނީ، އެ ކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކާވާފައިވާ ފަރާތެއްވާނަމަ، މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާ ކުރުމަށެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ އެ މައްސަލައިގައި އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން އާންމުކޮށް އިއުލާނުކޮށްފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    ކިތަންމެ ވަރަކަށް ތަހުގީގު ކުރިއަސް ސްކޭމް ހިންގި މީހުން ހައްޔަރު ނުކުރާނަމަ އޮންނާނީ ހަމަ އެކަނު ބަޔާން ތަކެކެވެ. ކުންފުނީގަ ހުރި ފައިސާ ކޮޅު ނެގީމަ ކުންފުނި ޒިންމާ ކުރުވިއަސް ގެއްލުން ވި މީހުންނަށް ފައިސާ އެއް ނުލިބޭނެ އެވެ. ވެހިކަލެއްވެސް ނުލިބޭނެ އެވެ.