ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ޕާކެއް ހުޅުވައިފިއެވެ.

މާލޭގެ ކުޑަކުދިންގެ ބަގީޗާގެ ތެރޭގައި އެ ޕާކް ހުޅުވާފައިވަނީ އިއްޔެއެވެ. އެ ޕާކް ތަރައްގީ ކުރީ ރޮޓަރީ ކްލަބް އޮފް މާލެ (އާރްސީއެމް) އާއި ސިފައިންގެ ކުންފުނި ސިފްކޯ ގުޅިގެންނެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޕާކް ހުޅުވާ ދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް އިބްރާހިމް ހިލްމީއެވެ.

އެ ރަސްމިއްޔާތުގައި ރޮޓަރީ ކްލަބްގެ ރައީސް އަބްދުﷲ ނައުޝާދު ވިދާޅުވީ، އެ ޕާކް ތަރައްގީ ކުރީ އެއްވެސް ޕާކެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަކިން ބޭނުން ކުރެވޭ އިކުއިޕްމެންޓްތައް ނެތުމުން އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރާ ކަމެއް. މިއީ ރާއްޖޭގެ ގިނަ ޕާކުތަކެއްގައި އެއްކޮށް ކުޅެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ފެށުން." ނައުޝާދު ވިދާޅުވިއެވެ.

ސިފްކޯގެ ސީއީއޯ ހައްވާ ޝެނިން ވިދާޅުވީ، ކުޅިވަރުތަކުގައި ހުރިހާ ކުދިންނަށް ބައިވެރިކުރުވުމަކީ ކުޑަކުދިންގެ ބަގީޗާއަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށެވެ.

އިއްޔެ ހުޅުވި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ޕާކްގައި ފުރޮޅުލީ ގޮނޑީގައި ތިބޭ ކުދިންނަށް އެހެން ކުދިންނާ އެކީ ތިބެވޭނެ ގޮތަށް ހަދާފައިވާ ކެރެސޯލަކާއި، އިށީނދެ ނުތިބެވޭ ކުދިން ބާއްވައިގެން ހެއްލާ ފަދަ އުނދޯލި ހުރެއެވެ.

އަދި ބެލެނިވެރިއެއް ފަރާތުގައި އިނދެގެން ކުދިންނާއެކު ކުޅުމަށް ބޭނުން ކުރެވޭނެ އެހެން އާލާތްތައް ވެސް އެތަނުގައި ގާއިމުކޮށްފައިވެއެވެ.