މި ހިނގާ ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަންއިން ކޮޗިންއާއި ޓްރެވިންޑްރަމްއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ ހަވަނަ ދުވަހާއި 10 ވަނަ ދުވަހާއި 20 ވަނަ ދުވަހު ޓްރެވިންޓްރަމްއަށް އިތުރު ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލެއިން ޓްރިވެންޑްރަމްއަށް ރޭގަނޑު 19:35 އަށް ޝެޑިއުލް ކޮށްފައިވާއިރު، ޓްރިވެންޑްރަމްއިން މާލެއަށް އައުމަށް ޝެޑިއުލްކޮށްފައިވަނީ 22:20 އަށެވެ.

އަދި މި މަހުގެ 8 ވަނަ ދުވަހާއި، 17 ވަނަ ދުވަހާއި، 19 ވަނަ ދުވަހާއި 21 ވަނަ ދުވަހު ކޮޗިންނަށް އިތުރު ދަތުރުތަކެއް ކުރާނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުނެއެވެ. މާލެއިން ކޮޗިންއަށް ދަތުރު ކުރުމަށް ޝެޑިއުލްކޮށްފައިވަނީ ރޭގަނޑު 19:35 އަށެވެ. ކޮޗިންއިން މާލެއަށް ދަތުރު ކުރުމަށް ޝެޑިއުލްކޮށްފައިވަނީ 22:35 އަށެވެ.

މޯލްޑިވިއަން ޑިމާންޑް ބޮޑުވެ ފްލައިޓްތައް އިތުރުކޮށްފައިވާއިރު، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މަންޒިލްތަކަށް ވަކިވަކިން ޓިކެޓް ނަގަން ނުޖެހޭ ގޮތަށް ވެސް ވަނީ ހަދާފައެވެ.

މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ނިންމަވާފައެވެ. އެގޮތަށް ނިންމެވުމާއެކު ވަރަށް ގިނަ މީހުން ވަނީ ރަށްތަކަށް ފުރައިގެން ގޮސްފައެވެ. މިއާއެކު ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރު ކުރުމަށް އޮތް ޑިމާންޑް އިންތިހާއަށް ބޮޑުވެގެންދާނެ ކަމަށް މިވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޔާ ﷲ އަޅަމެންގެ މޯޑިވިއަން ފުލެއިޓުގައި ބަރަކާތް ލައްވައި ގިނަދަތުރުކުރުމުގެ ތައުފީޤާއި ސަމާތްތެރިކަން ދެއްވައި އަޅަމެންގެ އިޤުތިސޯދު ރަގަޅުކޮށްދެއްވައި ފުދުންތެރި ތަނަވަސް ޤައުމެއްކަމުގައި އަޅަމެންގެ މިދިވެހިރާއްޖެ ލައްވާށި ! ޢާމީން