އެހެން ބައެއްގެ ސަގާފަތް ކިޔަން އެދޭ މީހާ އާއި އެ ދިރާސާކުރަން އެދޭ މީހާ، ފުރަތަމަ ދެނެގަންނަންޖެހެނީ ތިމާގެ ސަގާފަތް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. .

ވިލާ ކޮލެޖްގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް އިން ބޭއްވި “މަލްޓި ކަލްޗަރަލް ނައިޓް” ގައި ރޭ ދެއްކެވި ވާހަކަފުޅުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ތިމާގެ ސަގާފަތް ތިމާއަށް ރަނގަޅަށް އެނގުނު ވަރަކަށް، އޭގެ މާނަ ފުންވި ވަރަކަށް ތިމާއަށް އެހެން ސަގާފަތްތަކުން މާނަތައް ލިބެން ފަށާ ކަމަށެވެ. އަދި ސަގާފަތަކީ ލޮލަށް އޮންނަ އެއްޗެއް ނޫންކަމަށާއި އެއީ ސިކުނޑިއަށް އަދި ފިކުރަށް އޮންނަ އެއްޗެއް ކަމަށް ވިދާޅުވިއެވެ.

އަދި ލޮލަށް ފެންނަނީ އެއިން ބޭރަށް އަންނަ އެއްޗެއް ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެހެންވުމުން އޭގަ މާނައެއް އޮންނާނެ ކަމަށާއި ސަގާފަތުގެ މާނަތައް ދަސްކުރެވޭ އިލްމުތަކުގެ އަލީގައި މީހުން ވަރަށް ފުންކޮށް ސަގާފަތާ މެދު ވިސްނާ ކަމަށެވެ.

"ސަގާފަތާއި އެއާ ގުޅިފައިވާ ތަރިކަތައް މިދެންނެވި ގޮތަށް މާނަ ނަގައިގެން ކިޔަން ނޭނގެންޏާ ދިމާވެދާނެ އެއް ކަމަކީ ބައެއް ސަގާފަތްތައް މާ ރީތިވެގެން، ތިމާގެ އަސްލުން ގެއްލިގެން އޭގެ އޮއިގައި ޖެހިގެންދިއުން. އަނެއް ގޮތަކީ ބައެއް ސަގާފަތްދެކެ ނުރުހުންވެ ޢިލްމީ ނަރަޒަރަކުން އެއަށް ބަލަން ނޭނގުން. މި ދެ ގޮތްވެސް ގޯސް. މި ކަންކަމުން ސަލާމަތްވެ ތިމާ އެހެން ސަގާފަތްތަކާ އެކު ތިމާގެ ސަގާފަތުގައި ދިރިއުޅޭނީ ކިހިނެއްތޯ ވިސްނުން އެއީ މުހިންމު ކަމެއް،". ވަޒީރު ވިދާޅުވިއެވެ.

ހަރަކާތުގައި ބައިވެރިވި ދަރިވަރުންނާ މުޚާތަބު ކުރައްވަމުން ވަޒީރު ވަނީ ސަގާފަތާ ގުޅޭ ބައެއް ޢިލްމީ ވާހަކަތައް ހިއްސާކުރައްވާފައެވެ.

"ސަގާފަތުގެ މާނަ ދެނެގަންނަށް ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އެއް ދިރާސާއެއް ކޮށްފައިވޭ. އެ ދިރާސާގައި ސަގާފަތުގެ މައްޗަށް ގާތްގަނޑަކަށް 80 ވަރަކަށް ތަޢާރަފު ނުވަތަ ޑެފިނީޝަން ހޯދި. މިހުރިހާ ތަޢާރަފުތައް ޚުލާޞާ ކޮށްލީމައި އަޅުގަނޑަށް އެންމެ ފަސޭހަ ވަނީ، ފަޟީލަތުލްއުސްތާޛުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ ސަގާފަތާ ބެހޭ ގޮތުން ލިޔުއްވާފައި އޮތް ވަރަށް ކުރު އިބާރާތަކުން ސަގާފަތުގެ މާނަ ގެންނަން. އެމަނިކުފާނު ލިޔުއްވަނީ ސަގާފަތަކީ އިންސާނީ އެއް ޖަމާޢަތެއް އަނެއް ޖަމާޢަތަކާ ވަކިކޮށްދޭ ސިފަތަކޭ. އެއް ބަޔަކު އަނެއް ބަޔަކާ ތަފާތުކޮށްދޭ ސިފަތަކޭ،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ސަގާފަތެއް އުފެދެނީ ބަޔަކު ދިރިއުޅެން، ބަޔަކު ދިރިތިބެން ކުރާ މަސައްކަތެއްގެ ތެރެއިން ކަމަށާއި، ދިރިއުޅެން އަދި ދިރިތިބެން ކުރާ މަސައްކަތުގެ ތެރެއިން އެއްބަޔަކާ އަނެއް ބަޔަކު ތަފާތުވަނީ އޭގައި ހިމެނޭ ތަފާތު އަސާސްތަކާއި ތަފާތު ބަހާ ތަކުގެ ތެރެއިން ކަމަށެވެ. އެއީ އެބަޔަކު ދިރިއުޅޭ ތަނާއި އެބަޔަކު ދިރިއުޅޭ ޒަމާނާއި، އެބައެއްގެ ތަނާ، އެތަން އުފެދިފައި އޮންނަ ގޮތެއްގެ މައްޗަށް އެބައެއްގެ ކަންކަން ސަލާމަތްކޮށް ރައްކާތެރިކުރަން އެބަޔަކު ވިސްނަން ޖެހޭ ގޮތުގެ މައްޗަށް ވަރަށް ބޮޑަށް ބިނާވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަގާފަތުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސަގާފަތެއް އެކުލެވިގެންވަނީ މައިގަނޑު 3 ބައެއްގެ މައްޗަށް. އެއީ، އެބައެއްގެ އެކުވި ހަނދާންތައް، އެބަޔަކު ދުނިޔެ ދެކޭ ގޮތް، އެދެކޭ ގޮތެއްގެ މައްޗަށް އެބަޔަކު އުޅޭ އުޅުން،". ވަޒީރު އިތުރަށް ވިދާޅުވިއެވެ.

ވިލާ ކޮލެޖްގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް އިން ކުރިއަށް ގެންދިޔަ “މަލްޓި ކަލްޗަރަލް ނައިޓް” ގައި ތަފާތު 11 ގައުމެއްގެ ސަގާފަތްތައް ދައްކާލާފައިވެއެވެ. މި ހަރަކާތާ ބެހޭ ގޮތުން ވަޒީރު ވިދާޅުވީ ވަރަށް ގިނަ ކަންކަން ދަރިވަރުންނަށް ދަސްވާނެ ހަރަކާތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ދަރިވަރުން ވަރަށް ފުން ދިރާސާތަކެއް ކޮށްފައި ހުރި ކަމަށް ގަބޫލުފުޅުކުރެއްވޭ ކަމަށެވެ.

ވަޒީރު ވަނީ ދިވެހީންގެ މުއްސަނދި ސަގާފަތް ދިރާސާކޮށް އެއާއެކު އުޅޭ ބަޔަކަށް ދަރިވަރުން ވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާހިރާ

    ސަގާފަތުގެ ވާހަކަ ދައްކަންވާނީ، އެއްމެ ފުރަތަމަ އިސްލާމް ދީނުގެ ކަންތައްތައް ދިވެހީންނަށް ރަނގަޅަށް އޮޅުންފިލާފައިވޭތޯ ބެލުމަށްފަހު.

  2. Anonymous

    އަހަންނަށް އެނގޭ އެއްޗަކީ މުސްލިމުން ވިއްޔާ އުޅެންވެސް ވާނީ މުސްލިމުން އުޅެން އަންގަވާފައި އޮތް ގޮތަށްކަން. އެކަމަކު މި %100 މުސްލިމް ޤައުމުގައި އެންމެ އުނދަގޫ ކަންތައް ތޯއްޗެ އެއީ

  3. ކަނަސް

    ބޮޑު ސިންގާ ފޮރުފިސޯރެއް ދޯ؟