ސިއްހީ ދާއިރާގެ ހިދުމަތްތަކާ މެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރަމުންދާ ކަމަށް ބުނެ އެކަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ކުށްވެރިކޮށްފިއެވެ.

އެ އެސޯސިއޭޝަނުން މިހެން ބުނެފައިވަނީ އައިޖީއެމްއެޗްގައި ވިހެއި ތުއްތުކުއްޖަކަށް އެކަށީގެންނުވާ ގޮތަށް ސިއްހީ ފަރުވާ ދިނުމަށް މަސައްކަތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެނެވެ.

މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ހާއްސަކޮށް ޑޮކްޓަރުންނަށް އަމާޒުކޮށްގެން ސިއްހީ ހިދުމަތްތެރިންގެ އަގުހުރި ހިދުމަތުގެ އަގު ވެއްޓި ސިއްހީ ދާއިރާއިން ހިދުމަތްތަކާ މެދު އިތުބާރު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރައި ފޮޓޯ އާއްމުކުރުން ފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ކަމުގެ ހަގީގަތާއި ފުރިހަމަ މައުލޫމާތު ނޭނގި އެފަދަ ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއްހީ ހިދުމަތަށް ބޭނުންވެފައިވާ އާންމު ރައްޔިތުންނަށް. އެގޮތުން މިފަދައިން އަމަލުކޮށް ސިއްހީ މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަކީ ކުރަން ނުޖެހޭ އެތައް ހޭދައެއްކޮށް ތަކުލީފުތައް އުފުލައިގެން ރާއްޖެއިން ލިބެން ހުންނަ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެއް." އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ސިއްހީ ހިދުމަތްތެރިން ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ އެކި ކަހަލަ ގިނަގުނަ ގޮންޖެހުންތަކާއެކު ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުގެ ހިތްތަކުގައި އިތުރަށް މާޔޫސްކަން އުފެދި ރަނގަޅު ޕްރޮފެޝަނަލް ހިދުމަތްތެރިން ހިދުމަތުގައި ދެމެހެއްޓުމުގައި އިތުރު ދަތިތަކާ ދިމާވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އެހެންކަމުން ސިއްހީ ފަރުވާއާ ގުޅުންހުރި ކަންކަމުގައި ރަނގަޅު މައުލޫމާތު އެނގިހުރެ ހަގީގަތް ރަނގަޅަށް ބެލުމަށްފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ނުފެތުރުމަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އެ މީހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދެއްވުމަށް މެޑިކަލް އެސޯސިއޭޝަނުން ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    ކޮން މެޑިކަލް އެސޯސިއޭޝަނެއްތަ؟ މިރާއްޖޭގައި މުޅިންވެސް އޮތީ ތިގޮތަށް އިންޑަސްޓްރީތައް ހިމާޔަތް ކުރަންނުކުމެ ތިބި ރަތްޔިތުންގެ ހައްގުތައް ފޭރިގަންނަ ޖަމިއްޔާތައް... މީ ވާ ރާއްޖެއެއް...

    13
    1
  2. ސަނައްޓޭ

    ހަޔާތް ކުޑަކަން މި މީހުންގެ. ޑޮކްޓަރުންގެ ސަބަބުން އާންމުންގެ ކިތައް މީހުންގެ ފުރާނަ ގެއްލިގެން ގޮސްފައިވަނީ، އޭރަކު ކަލޭމެންނަކަށް ނުކެރޭ ކަމެއް ކުރާކަށް. ކުޑަމިނުން މި ގައުމުގަ ނޫނީ މެޑިކަލް ނެގްލިޖަންސް ގާނޫނެއްވެސް ނެތް ގައުމެއް ނޯންނާނެ.

    11
    2
  3. Anonymous

    ސިއްހީ ހިދުމަތްތެރިންގެ އިތުބާރު ގެއްލޭގޮތަށް ނުއުޅުމަށް، ސިއްހީ ހިދުމަތްތެރިންނަށް ނާންގާތަ؟

  4. ޅާމް

    ރައްޔިތުން ކަންބޮޑުވާ އަދި ހިތްހަމަ ނުޖެހޭ ކަންކަމާއި މެދު ހިޔާލު ފާޅު ކުރާނެ.

  5. ހަލީމް

    މި ހަބަރުގައި މިއޮތް ސީދާ ވާހަކައާމެދު އެއްޗެއް ބުނެވޭކަށް ނެތް.

    އެހެންނަމަވެސް ޑޮކުޓަރުންނަށް އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާނުކޮށް، އާންމު ރައްޔިތުންނަށް އިހާނެތިކޮށްހިތާ، ބޮޑާވެ، ބުލީކޮށް ދޭ "ފަރުވާ" ގެ ސަބަބުން ނިހާޔަތުގާ އާންމު މީހާއަށް އެތަކެއް ގެއްލުމެއް ލިބުމުން އެއްޗެކޭ . ބުނެވެން ޖެހޭނެ. ފިޔަވަޅުވެސް އެޅެން ޖެހޭނެ.

    މިދައްކަނީ ކޮވިޑު ވެކްސިންގެ ޖަރީމާގެ ވާހަކަ. އެދުވަސްވަރު ރައްޔިތުންގެ އަޑު ކަނޑުވާލީ. މިހާރު މިޔޮށް ފަޅާއެރީ. ކާކު ޒިންމާވާނީ ؟!