އިންޑިއާއިން ރާއްޖެއަށް އަބަދުވެސް އެހީވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ދެއްވައިފިއެވެ.

ޖައިޝަންކަރު އެ ޔަގީންކަން ދެއްވީ މިނިސްޓަރު ޒަމީރު މިހާރު އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމަކީ ރާއްޖެ-އިންޑިއާ ގުޅުމާއި ގުޅޭގޮތުން މުހިންމު ބައްދަލުވެއްކަމަށް ޖެއިޝަންކަރު ފާހަގަކުރައްވާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީއިން ބުނެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ޖައިޝަންކަރު ވަނީ ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމަށް އަލިއަޅުވާލާފައެވެ. އަދި އިންޑިއާއިން އަބަދުވެސް ގެންގުޅޭނީ "ނެއިބާހުޓް ފަސްޓް" ޕޮލިސީކަން ފާހަގަކޮށްފައިވެއެވެ. އެ ބައްދަލުވުމުގެ ސަބަބުން ދެ ގައުމު އެކުގައި ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވެފައިވެއެވެ.

"އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ ކަންތައްތަކެއް ކޮށްދީފައި. އިންޑިއާއިން ހިންގާފައިވާ މަޝްރޫއުތަކުން ދިވެހިންގެ ދިރިއުޅުން ވަނީ ފާގަތިވެފައި. އެގޮތުން އިންފްރާސްޓަކްޗާ، ސޯޝަލް، މެޑިކަލް އެކި މަޝްރޫތައް ވަނީ ހިންގާފައި. އަދި ރާއްޖެއަށް ވަނީ މާލީ ގޮތުން ވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފައި. ރާއްޖެއަށް ކަމެއް ޖެހިއްޖެ ހާލަތެއްގައި އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކުރަނީ އިންޑިއާއިން. އިންޑިއާގެ އެހީއާއިއެކު ރާއްޖޭގެ ރައްކާތެރިކަމާއި އެކި ދާއިރާތަކުގެ ގާބިލިއްޔަތު ވަނީ ކުރިއަރާފައި." ޖެއިޝަންކަރު ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ ހާލަތު ބަދަލުވަމުންދާ ކަމަށާއި ކުއްލިއަކަށްވެސް ހީނުކުރާ ކަމެއް ވެދާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. އެގޮތުން ކޮވިޑްގެ އާލަމީ ވަބާއަށް އަލިއަޅުވާލާ އެ ހާލަތުގައި އަވަށްޓެރި ގައުމުތަކުގެ މުހިންމުކަން ފެނިގެން ދިޔަކަމަށް ވިދާޅުވިއެވެ.

ޖައިޝަންކަރު ވިދާޅުވީ މިއަދު މަސައްކަތް ކުރަމުންދަނީ ރާއްޖެއާއިއެކު ގުޅުން ބަދަހިކޮށް ދެ ގައުމުގެ ގުޅުންކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށް ކަމަށެވެ. ޖައިޝަންކަރު ވަނީ އިންޑިއާއިން ރާއްޖެއަށް އަބަދުވެސް އެހީވާނެ ކަމުގެ ޔަގީން ވެސް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެން

    ބަލަގަ ތިޔަޤައުމައް އަހަރެމެންކުރި ހޭދަވަކި ކުޑައެއްނުވާނެ މިޤައުމު ކިތަންމެ ކުޑަޔަސް އަހަރެމެން ތިޔަހެން ލިސްޓުކިޔާދޭކައް ބޭނުމެއްނޫން ކިޔަންވެއްޖެއްޔާ ލިސްޓުވެސް ކިޔިދާނެ

  2. ސުދީރު

    އެއްވެސް ހިލޭ އެހީއެއްނުހޯދާތި، ނިމިދިޔަ ސަރުކާރުން ސޯލިހާއި ޝާހިދާއި ދެމީހުން އިންޑިޔާގެ އުނގަށް ވެއްޓިގެން އެމީހުންއަތުން އެގޮތް މިގޮތަށް ފައިސާހޯދައިގެން ގައުމު ހިންގީމައި މިއަދު އެކަލަ ގޮވަނީ. އިންޑިޔާގެ ބީޖޭޕީ ސަރުކާރަކީ އިޒްރޭލުގައި އޮތްކަހަލަ ބޮޑާ ޖައްބާރު ސަރުކާރެއް. ތިމާމެންނީ އެންމެ ގަދަމީހުންކަމަށް ބަލައިގެން ދެންތިބީ ތިމާމެންގެ އަޅުންކަމަށް ހަދަން އެމީހުން ބޭނުންވަނީ.

    2
    1