ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލޭ ގެ ޒިކުރާ މިސްކިތް އަލަށް އިމާރާތްކޮށް ނިމޭ އިރު ހުންނާނެ ގޮތުގެ ކުރެހުމެއް ހިއްސާ ކުރައްވާފައެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އެސްޖޭ ކޮންސްޓްރަކްޝަންގެ ހިލޭ އެހީގައި އަޅަނީ ތިން ބުރީގެ މިސްކިތެކެވެ.

އެތަނުގައި އެސްޖޭގެ ހަރަދުގައި ތިން ބުރީގެ މިސްކިތެއް އަޅަން ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މާލޭގެ އިތުރު ދެ މިސްކިތް އަޅަންވެސް ސަރުކާރުން ބަޔަކާއި ހަވާލު ކޮށްފައި ވެއެވެ.

މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތް ތަޅާލައި އެތަނުގައި އޮފީސް އިމާރާތަކާއެކު 10 ބުރީގެ މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެ ބިން ސަރުކާރުން ހަވާލު ކުރިއެވެ. އެކަމަކު، މަޝްރޫއު ހަވާލުކުރުމުގައި އެއްބަސްވުން މިދިޔަ ސަރުކާރުން ވަނީ ބާތިލް ކޮށްފައެވެ.

އޮފީސް އިމާރާތަކާ އެކު 10 ބުރީގެ މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެ ބިން ހަވާލު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި މިހާރު 500 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިޝާރ

    ހުޅުމާލެ ވަގުތީ މިސްކިތް ހުއްޓާލުނަކީ ލިބުނު ވަރަށް ބޮޑު ހިތް ދަތިކަމެއް ބަންގީގެ އަޑެއް ނީވޭ ތަނުގަ ކުޑަކުދިންނާއި މުސްކުޅިން އެކަނި ނަގުމައްޗަށް ދޫކޮށްލުން މިއީ ކުރަން ވަރަށް ދަތިކަމެއް.

  2. ހިމް

    އެސްޖޭގެ ހިލޭ އެހީގައި އަޅާ މިސްކިތެކޯ. ކޮބާ އެސްޖޭއަށް ދިން 30 މިލިއަން ރުފިޔާ ޒިކުރާ މިސްކިތް އަޅަން؟

  3. އޮޑިހަނު

    ކީއްވެތަ ތިކަހަލަ ކުލައެއްލަނީ. ރަން ކުލަހެން ހީވިއެއްކަމަކު، ގެރިގުއި ގަނޑެއްގެ ކުލަ ޖަހާނީ ދުވަސް ކޮޅަކުން. ހުސް ހުދު ކުލަ ނޫނީ އޮފް ވައިޓް ކުލަ ލިޔަސް ހުންނާނީ މާ ހިތްގައިމުކޮށް ލޮލަށް ބަލާލަން ފަސޭހަކޮށް.