ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްގެންދަން ރައީސް، ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވުމުން އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަނުން ރައީސަށް ޝުކުރު އަދާކޮށްފިއެވެ.

މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ އިމާރާތުގައި ތިބެވޭނެ އިންތިޒާމް ހަމަޖެއްސިކަން ރައީސް އޮފީހުން އިއުލާން ކުރި ޕޯސްޓު ޝެއަރ ކުރައްވަމުން އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަނުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސް ނިންމުމަށް ޝުކުރު އަދާކުރާ ކަމަށާއި މި ނިންމުމަކީ އެމްއެންޔޫގެ އިތުރުން މެޑިސިން ކިޔަވާ ދަރިވަރުންނަށްވެސް ލިބިގެންދިޔަ ފަހި ފުރުސަތެއް ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތަޢުލީމީ ކަންކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެކަމަށް އުފެދުނު ކަންބޮޑުވުންތަކަކާއި ގުޅިގެން، އެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ރައީސްގެ އަރިހަށް 23 އޭޕްރީލް ގައި ފޮނުއްވި ސިޓީއާއި ގުޅިގެން، އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތީން، 26 އޭޕްރީލްގައި އެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު ވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވާފައެވެ.

މިކަމާއި ގުޅޭގޮތުން މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުން މެޑިސިން ކިޔަވާ ކުދިންނަށް ޖާގަ ހޯދައިދީފައެވެ .ރައީސްގެ މި ނިންމެވުމުގެ ސަބަބުން، ކިޔަވާކުދިންގެ ކަންކަމުގައި، ޚާއްޞަކޮށް މަތީ ތަޢުލީމު އުނގެނޭ ކުދީންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމުގައި އެމަނިކުފާނު ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެކަމުގައި ޤައުމީ ޔުނިވަރސިޓީން ވަނީ ފާހަގަކޮށްފައެވެ.