ކުޑަކުދިންނަށް ހެޔޮ މަގަށް މަގު ދެއްކުމަކީ ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިވިފައިވާ ވަރަށް މުހިންމު މަސްއޫލިއްޔަތެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި ހިތާބުގައެވެ.

ކުޑަކުދީންގެ ދުވަހުގެ ހެޔޮ ދުޢާތަކާއި ހެޔޮ އެދުންތައް، ދިވެހި އެންމެހައި ކުޑަކުދީންނަށް، އަދި އެ ކުދީންގެ މައިންބަފައިންނަށާއި، ބެލެނިވެރީންނަށާއި، ޢާއިލާތަކަށް، އަދި ކުދީންނަށް އުނގަންނައިދީ ހޭހަންކޮށް އަޅައިލުމުގައި ރެޔާދުވާލު ހޭދަކުރައްވާ ޚިދުމަތްތެެރީންނަށް ރައީސް ވަނީ އަރިސްކޮށްފައެވެ.

ރައީސް ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ޤައުމީ މަސްއޫލިއްޔަތެއް އެބައޮތް ކަމަށެވެ. އެގޮތުން "ކުޑަކުދީންނަށް ރައްކައުތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކު ވެސް ދެމިހުރުމެވެ." ރައީސް ވިދާޅުވިއެވެ.

މަރުޙޫމް މުޙައްމަދު ޖަމީލް ދީދީ އެ ވިދާޅުވި ފަދައިން، "ހައްތާވެސް ދަރީން" ކަމުގައި ދެކި، ކޮންމެ ކުއްޖަކާމެދުވެސް ދަރިކުލުނާ އިމެއްމިނެއް ނެތް ތެދުވެރި ލޯތްބާއެކު މުޢާމަލާތު ކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.

"ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ރައްކާތެރިވުމުގެ ރިވެތި ނަމޫނާ ކީރިތި ރަސޫލާގެ ސީރަތުން ފެންނަން އެބައޮތެވެ. ދަރީން ފަދައިން ލޯބި ދެއްވައިގެން، ތަރުބިއްޔަތާއި، ރިވެތި ނަމޫނާއާއި، ދިރިއުޅުމަށް ބޭނުންވާނެ މުހިންމު ދަރެސްތައް އުނގަންނައިދެއްވައިގެން އެކަލޭގެފާނުގެ ނަބަވީ މަދަރުސާއިން ދަސްވެނިވެ މުޅި އިންސާނިއްޔަތަށް އަލިގަދަ ދަންމަރުތަކެއްކަމުގައި ގިނަ ބޭކަލުން މުޖުތަމައުއަށް ނެރުނުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.