ފަތުރުވެރިކަމުގެ ދާއިރާ އަރަބި މާކެޓަށް ޕްރޮމޯޓްކޮށް އެ ސަރަހައްދުން އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން އައިޝަތު ނޫރެއިން ޖަނާހު ވިދާޅުވެއްޖެއެވެ.

ނޫރައިން ޖަނާހު ވަނީ 6 މެއި 2024 ގައި ބޭއްވި މޯލްޑިވްސް މީޑިއާ މީޓް ޕްރެސް ކޮންފަރެންސްގައި އިނޮވޭޝަން، ސަސްޓެއިނަބިލިޓީ، ލަގްޒަރީއާ ބެހޭ މުހިންމު ވާހަކަތަކެއް ދައްކާފައެވެ.

ރާއްޖެއަށް ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑު އިން ނޭޝަން ލިބުމުން އެއީ ރާއްޖެއަށް ލިބިގެންދިޔަ ބޮޑު ފަޚުރެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ނޫރެއިން ވިދާޅުވީ، ކޮވިޑް-19ގެ އާލަމީވަބާއާއި ގުޅިގެން ފަތުރުވެރިކަމަށް އައި ލޮޅުން މިހާރު ރަނގަޅުވަމުންދާ ކަމަށާއި މިހާރުގެ ޓާގެޓަކީ އަރަބި މާކެޓުން އިންވެސްޓަރުންނާއި ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.

އަދި ހަމައެއާއެކު ރާއްޖެއަށް ލިބިގެންދިޔަ ހަނީމޫން ޑެސްޓިނޭޝަން އެވޯޑާއި ގުޅިގެން ވާހަކަ ދައްކަވަމުން ނޫރެއިން ވިދާޅުވީ މި އެވޯޑަކީ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އަދި ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މާހައުލު ހިމާޔަތް ކުރުމަށް ކުރާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ހަމައެއާއެކު މޫސުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމުގެ އިތުރުން ލަގްޒަރީ އާއި ފަތުރުވެރިންގެ މިނިވަންކަމަކީ ވެސް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ނޫރެއިން ވިދާޅުވީ، ރިސޯޓްތަކުގައި ވަކިން ހާއްސަކޮށް ވަން އައިލެންޑް ރިސޯޓުގައި ދެމެހެއްޓެނިވި ގޮތެއްގައި ތަފާތު ލަގްޒަރީ ތަޖުރިބާތައް ފަތުރުވެރިންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެ ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީން ގެންގުޅޭ ޑޭޓާ ޑްރައިވަން އުސޫލުގެ މައްޗަށް ވެސް ޗެއާޕާސަން ނޫރައިން ވަނީ އަލި އަޅުއްވާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ވަޒީފާ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވައި އިނޮވޭޓިވް ޕާޓްނަޝިޕްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ މުހިންމުކަން އޭނާ ހާކުރިއެވެ.

2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިން އަންނަ މިންވަރު ފާހަގަކޮށްލެވޭ ގޮތުގައި %15.3 ވަނީ އިތުރުވެފައެވެ.

ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ޖެހިޖެހިގެން 17 ވަނަ މޮޅާއި، ލީޑިން ޑައިވް ޑެސްޓިނޭޝަންގެ ގޮތުގައި 9 ވަނަ މޮޅާއި، އިންޑިއާ ކަނޑުގެ 6 ވަނަ މޮޅާއެކު، އިންޑިއާ ކަނޑުގެ ލީޑިން ގްރީން ޑެސްޓިނޭޝަންގެ ގޮތުގައި ފުރަތަމަ ފަހަރަށް ބަލައިގަތުމަށް ދާދިފަހުން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް ކޮންފަރެންސްގައި ޗެއާޕާސަން ނޫރައިން ބާރުއެޅިއެވެ.