އަރަބިއަން ޓްރެވަލް މާކެޓުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ޗއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 253 މަންދޫބުން ބައިވެރިވެއްޖެއެވެ.

މި ފެއަރ ކުރިއަށްދާނީ މި މަހުގެ 6 އިން 9 އަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި ހަރަކާތްވެގެން ދާނީ މެދުއިރުމަތީގެ ދަތުރުފަތުރުގެ ދާއިރާގައި ރާއްޖޭގެ ނަން ފުޅާވެގެންދާނެ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.

އެމްއެމްޕީއާރުސީގެ އޭޓީއެމްގައި ބައިވެރިވުމަކީ މެދުއިރުމަތީގެ ޓްރެވަލް ދާއިރާގައި ރާއްޖެ އޮތް މިންވަރު އިތުރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ މެދުއިރުމަތީގެ ދަތުރުފަތުރުގެ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅުން ބަދަހިކޮށް، އެންމެ ފަހުން މި މުހިންމު މާކެޓުން ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށާއި މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ ޚިދުމަތްތައް ބަދަލުކުރުމަށް މަގުފަހިވެ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޓްރެވަލް ޕާޓްނަރުންނާއެކު އެކަކު އަނެކަކަށް މުޢާމަލާތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

"އޭޓީއެމް 2024 އަކީ އަޅުގަނޑުމެންގެ އިންޑަސްޓްރީގެ ޕާޓްނަރުންނަށް އެފަރާތްތަކުގެ އަމިއްލަ އުފެއްދުންތަކާއި ޕްރޮޕަޓީތައް ދައްކާލުމަށް ވަރަށް މުހިންމު ޕްލެޓްފޯމެއް. ރާއްޖޭގެ ފަތުރުވެރިކަމުގެ ތަޖުރިބާއަށް ފުރިހަމައަށް ދައްކާލުމަށް ވެސް މަގުފަހިވާނެ" އެމްއެމްޕީއާރްސީން ބުންޏެވެ.

މިއީ އޭޓީއެމް ފެއަރ ބާއްވާ 29 ވަނަ އަހަރެވެ. އަރަބިއަން ޓްރެވެލް މާކެޓިން ފެއާ އަކީ، ޓްރެވެލް ޓްރޭޑްގައި އޮންނަ އެންމެ ބޮޑު އެއް ފެއާއެވެ.

އޭޓީއެމް ފެއަރގެ ތެރެއިން ފޮޓޯ: އެމްއެމްޕީއާރްސީ

މެދުއިރުމަތީގެ މާކެޓަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓެކެވެ. މި އަހަރު މާރިޗް މަހުގެ ނިޔަލަށް މެދުއިރުމަތިން 13،974 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މެދުއިރުމަތީގެ އެންމެ މަތީ ދަތުރުފަތުރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ އިތުރަށް ހަރުދަނާ ކުރުމަށް، އެމްއެމްޕީއާރުސީން އަންނަނީ އެކި އެކި މަސައްކަތްތައް ހިމެނޭ ގޮތަށް، އަހަރެއްހާ ދުވަހުގެ މާކެޓިން ސްޓްރެޓެޖީއެއް ބޭނުން ކުރަމުންނެވެ.

އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ހިންގާ ކެމްޕެއިންތަކާއި، އިމަރސިވް މީޑިއާ ފެމިލިއަލައިޒޭޝަން ޓްރިޕްތަކާއި، ލީޑިން ޕަބްލިކޭޝަންތަކާއި މަޖައްލާތަކާއެކު ޓާގެޓެޑް މާކެޓިންގ، ސްޓްރެޓެޖިކް އައުޓްޑޯ އެޑްވަޓައިޒިން ޕްލޭސްމަންޓްއަދި މުހިންމު އެއަރލައިންތަކާއެކު ކޯޕަރޭޓިވް މާކެޓިންގ ޕްރޮގްރާމްތައް ހިމެނެއެވެ. މި ތަފާތު މާކެޓިން ހަރަކާތްތަކުގެ ތެރެއިން މެދުއިރުމަތީގެ މާކެޓާ ސްޓްރެޓެޖިކް ގޮތުން ގުޅުން ބަދަހިކޮށް، އެމްއެމްޕީއާރްސީން އަންނަނީ ފަތުރުވެރިކަން ކުރިއަރުވައި، މި ސަރަޙައްދުގެ އެންމެ ކުރިއަރާފައިވާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ އިތުރަށް ހަރުދަނާ ކުރަމުންނެވެ.