ރާއްޖެ އިން އިންޑިއާ އަށް ދައްކަން ޖެހޭ ދަރަނިތަކަށް ލުއި ހޯދަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާ މަޝްވަރާ ކުރެއްވި ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައި މިވަގުތު ހުންނެވި ޒަމީރު އެ ގައުމުގެ "ވިއޯން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން 2018 ވަނަ އަހަރު ފެށިގެން އައިއިރު، ރާއްޖޭގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށެވެ. އެކަމަކު، އެ ވެރިކަން ނިމި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން އައިއިރުގައި ދަރަނި 120 ބިލިއަނަށް އަރައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނީގެ ތެރެއިން ބޮޑު އަދަދެއް ދައްކަން ޖެހެނީ އިންޑިއާއަށެވެ. އެހެންވެ، މިކަމުގައި މަޝްވަރާ ކުރަން ޖެހޭ ކަން މިނިސްޓަރު ޒަމީރުގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތައް. -

ރައީސް ޑރ. މުއިއްޒު، މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖެ އިން ދައްކަން ޖެހޭ ބޭރުގެ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާއިރު، އެތެރޭގެ ދަރަނީގެ ގޮތުގައި ދިވެހި ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނި ވެސް ނުވަ ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން ނަމަ، ރާއްޖެ އިން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި އިންޑިއާ ހިމެނެއެވެ.

އިންޑިއާ އަށް ބަލާއިރު، އެ ގައުމުން ލޯނުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) ދޭން ކަނޑައެޅިއެވެ. އެ ބިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް އައިއިރު، އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ރާއްޖެ އަށް ލޯނުގެ ގޮތުގައި ދީފައިވަނީ 6.2 ބިލިއަން ރުފިޔާއެވެ. ސޮވެރިން ގެރެންޓީގެ ގޮތުގައި ދީފައިވާ 2.1 ބިލިއަން ރުފިޔާއާ އެކުގައި ރާއްޖެ އިން އިންޑިއާ އަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 8.3 ބިލިއަން ރުފިޔާ އަށް އަރައެވެ.

މިދިޔަ މާޗް މަހު "ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ އިން ނަގާފައިވާ ލޯންތަކުގެ ތެރެއިން މުއްދަތު ހަމަވާ ލޯންތައް ކަނޑައެޅިފައިވާ ތާރީހުތަކުގައި ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ މެދުވެރިކޮށް ނަގާފައިވާ ދަރަނީގެ ކަންކަމުގައި ލުއި ގޮތްތަކެއް ހޯދަން ޓްރާންސިޝަނަލް ޕީރިއަޑްގައި އިންޑިއާ ސަފީރު މުނޫ މަހާވަރުއާ ބައްދަލު ކުރައްވައި އެދިވަޑައިގެންނެވި ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި އިންޑިއާ ސަރުކާރަށް ދެއްވެން އޮތް އެންމެ ބޮޑު ލުޔެއް ދިނުމަށް ވެސް އިންޑިއާ ސަފީރުގެ ކިބައިން އެދިވަޑައިގެންނެވި ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންވެ، ދެ ގައުމުގެ ކަމާގުޅޭ އިދާރާތަކުން އެކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަކްމެޑް

    ތިޔަ ލޯނެއް ނެގި މީހަކު އިންޑިއާއަށް ދީ.