އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުން ވަކި ވަގުތުތަކުގައި ކަރަންޓު ކަނޑާލަން ނިންމައިފިއެވެ.

ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ބުނީ ކުޅުދުއްފުށިގެ އިންޖީނަކަށް ދިމާވި މައްސަލައެއް ހައްލުކުރުމަށްޓަކައި ވަކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި މިއަދު ކަރަންޓު ކަނޑާލާނެ ކަމަށެވެ.

އެގޮތުން، މިއަދު މެންދުރު 12:00 އިން ފެށިގެން މިރޭގެ 20:00 އާ ދެމެދު އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ. ފެނަކަ އިން ބުނީ ކަރަންޓު ކަނޑާލާ ސަރަހައްދުތަކަށް އެއް ގަޑި އިރު ފަހުން އަލުން ކަރަންޓު ދޫކުރާނެ ކަމަށެވެ.

މިދިޔަ ރޯދަ މަހުވެސް އެ ސިޓީގެ ތިން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާިއ ގުޅިގެން މުޅި ސިޓީން ވަނީ ކަރަންޓު ކެނޑިފައެވެ. ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީނުތަކަށް ގެއްލުންވެ، ދިމާވި އެ މައްސަލަ ހައްލު ކުރި ފަހުން ވެސް ކުޅުދުއްފުށީގައި ވަނީ ކަރަންޓުގެ ހިދުމަތުގެ މައްސަލަތަކެއް ދިމާވެފައެވެ.

އެމައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ އެހީތެރިކަން ފެނަކައިން ވަނީ ހޯދާފައެވެ. އިންޖީނުތަކަށް މައްސަލަ ދިމާވަނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުން ކުޅުދުއްފުށީ އިންޖީނުތައް ރަނގަޅަށް މެއިންޓެއިންކޮށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވަނީ ކުރިން ވިދާޅުވެފައެވެ.