ރަށްރަށުގައި އިޖްތިމާއީ ބޭނުމަށް ދިއްލާ ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

މި ފަހުން ވަނީ ރ. އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި އެ ކުދިންނަށް ކަރަންޓު ޖެހުނީ ވާރޭވެހިގެން ހެދިފައިވާ ފެންގަނޑަކަށް އެ މަގުގައި ހުރި މަގު ބައްތިން ކަރަންޓު ފެތުރިފައިވުމުންނެވެ.

އެ ހާދިސާހެ ފަހުން ފެނަކައިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރަށްރަށުގައި ދިއްލާފައިވާ ބައްތިތައް ސްޓޭންޑަޑައިޒް ކުރުމަށް ފެނަކައިން ކައުންސިލްތަކާއި މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރަށްރަށުގެ އިޖްތިމާއީ ދިއްލުންތަކަށް ބޭނުންކުރާ (ބަނދަރާއި މަގުމަތީގެ ) ބައްތިތަކަކީ ކައުންސިލްތަކުގެ ބެލެނިވެރިކަމުގެ ދަށުން ބަލަހައްޓާ އެ ކޯޕަރޭޝަނުން ކަރަންޓު ފޯރުކޮށްދެމުން ގެންދާ ބައްތިތަކެއް ކަމަށް ފެނަކައިން ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް ގިނަ ރަށްރަށުގެ އެބާވަތުގެ ބައްތިތަކުގައި އީއެލްސީބީ ހަރުކުރެވިފައި ނުހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތަށް ހުންނަ މަގުބައްތިތަކީ އެންމެ ރައްކާތެރި ބައްތިތަކަކަށް ނުވާތީ، އެކަންތައް ހައްލުކުރުމަށްޓަކައި ކުރިޔަށް އޮތް މަހެއްހާ ދުވަސްތެރޭ އެ ކޯޕަރޭޝަނުން ހިދުމަތް ދެމުން ގެންދާ ހުރިހާ ރަށެއްގައި އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ފެނަކައިން ވިދާޅުވެފައި ވެއެވެ.

އަދި ކައުންސިލްތަކާއި އެއްބަސް ވެވޭ ގޮތެއްގެ މަތިން، ދެމެހެއްޓެނެވި ގޮތެއްގައި ފެނަކައިގެ ފަރާތުން އިޖްތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ބެލެހެއްޓުމަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މިހާރުވެސް ކައުންސިލްތަކުން ގޮވާލާ ވަގުތުތަކުގައި ފެނަކައިގެ ޓެކްނިކަލް ބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެމުން ދާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.