ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ގައުމީ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ވެސް ރީނދޫ ސަމާލު ނެރިފައެވެ.

އިއްޔެ ވެސް އެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރިފައިވެއެވެ. އެ ސަމާލު ރޭގައި ވެސް ވަނީ ދަންމާލާފައެވެ.

މެޓްއިން އެ އަތޮޅުތަކަށް ރީނދޫ ސަމާލު އެންމެ ފަހުން ނެރިފައިވަނީ މިއަދު ހެނދުނު 10:30 އިން މެންދުރު 14:30 އަށެވެ.

ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މެޓްއިން ލަފާކޮށްފަައިވެއެވެ.

މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅައި، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް ކޮންސްޓަރަކްޝަން މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކަނޑުތައް ގަދަވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.