ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހަކީ ޖޫން އަށް ވަނަ ދުވަހެވެ. އެ ދުވަހާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ.

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ކޮންމެރަށެއްގައިވެސް މޫދުގެ ހަރަކާތްތަކެއް ހިންގުމަށް ރަށު ކައުންސިލްތަކާއި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން މައުލާމާތު ދެއްވައެވެ.

އެގޮތުން "އެންމެން މޫދަށް" ގެ ނަމުގައިރަށްރަށުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވާ ހަރަކާތްތަކެއް ދެ ދުވަހު ކުރިއަށް ގެންދިއުމަށް މި އެ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކަނޑުތަކުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށްވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. އެއިން ކޮންމެ މުބާރާތަކުންވެސް ވަނަތައް ހޮވައި އިނާމު ދޭނެއެވެ.

ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ވުޒާރާގެ މީސް މީޑިއާ މެދުވެރިކޮށް 1-8 ޖޫންގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ކަނޑުފަޅާ ބެހޭ އާންމު މައުލޫމާތު ހިއްސާކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދަން ނިންމާފައި ވެއެވެ. އަދި އެ ވުޒާރާގެ މީސްމީޑިއާ މެދުވެރިކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ކުއިޒް މުބާރާތެއްވެސް ކުރިއަށް ގެންދާ ގޮތަށް ނިންމާފައި ވެއެވެ.

އަދި މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަހާ ގުޅޭ ހާއްސަ މައުލޫމާތު ސެޝަނެއްވެސް ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ކުރިއަށް ގެންދަން ނިންމާފައިވާއިރު، މި ސެޝަންގައި ބައިވެރިވާ ދަރިވަރުން، މޫދަށް އަޅާ ކުނި މަދު ކުރުމަށް ގަރާރެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޑައިވް ހަރަކާތެއް ހިންގުމާއި މާލެ ސަރަހައްދުގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ކަނޑުރޯދި އުފާ ފެސްޓިވަލް"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާނެއެވެ. މި ފެސްޓިވަލްގައި ދުވަހާ ގުޅޭ އެކި މައުލޫމާތު ދިނުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.