ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު މިރޭ ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 20:30 އިން ފެށިގެން 00:30 ގެ ނިޔަލަށެވެ.

މި ވަގުތުގައި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފައިވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގައި ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެކުނުގެ ރަށްތަކަށް ކަނޑު މަޑުވެ މޫސުން މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު