މާލެ-ހުޅުމާލެ ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާ ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ. އަދި މާލެ-ހުޅުމާލެ ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ބުންޏެވެ.

އެ ހިދުމަތް އަލުން ފަށާނެ ގަޑި އަދި ބުނަން ދަތިކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މޫސުން ގޯސްވެ މެދުރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ނެރުނު އޮރެންޖް އިންޒާރު ވެސް ވަނީ ދަންމާލާފައެވެ.

މިއީ މި ފަހުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މާލެ ސިޓީ ހިމެނޭ ހެން މެދުރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް އޮރެންޖު އިންޒާރު ނެރުނު ހަތަރު ވަނަ ފަހަރެވެ.

މެޓުން ނެރުނު އިންޒާރުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރުސަބު

    އެތާ އޮންނާނެ ކަނެކްޓިންގ ބަހޭ ކިޔާފަ ބަސްތަކެއް. އެވެސް ތަންކޮޅެއް މީހުންނަށް ބޭނުން ހިފޭކަހަލަ ރޫޓަކުން ދުއްވަން ޖެހޭ ބަސްތަކެއް. މިހާރު މީހަކު ނާރާ. އެކަމަކު މުސާރަ ދީފަ ތެޔޮ އަންދާފަ އެ ދުއްވަނީ ހަމަ. މީ ހުސް ބޭކާރު ޚަރަދު.