ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ރިޔާސަތުގައި މަޖިލިހުގެ އާ ދައުރު ކާމިޔާބު ދައުރަކަށް ވާނެ ކަމާ މެދުގައި ޝައްކު ނުކުރައްވާ ކަމުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ އަންގާރަ ދުވަހު 20 ވަނަ މަޖިލިހަށް ހޮވިވަޑައިގަންނަވާ މެމްބަރުން ހުވާ ކުރެއްވުން އޮންނަ އިރު، އެ ދުވަހުގެ ޖަލްސާގައި މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ވެސް އިންތިހާބު ކުރުން އޮންނާނެއެވެ. އެ ވޯޓަކީ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 93 މެމްބަރުންގެ މެދުގައި ނަގާ ވޯޓެކެވެ.

މަޖިލިހުގެ ރައީސް ކަމަށް ރައީސް ޑރ. މުއިއްޒު ހުށަހަޅުއްވާފައި ވަނީ ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަހީމެވެ. މަޖިލިހުގެ ނައިބު ރައީސް ކަމަށް ރައީސް ޑރ. މުއިއްޒު ހުށަހަޅުއްވާފައި ވަނީ ނާޒިމެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން މި ދެ ނަން ވަނީ ފާސްވެފައެވެ. މަޖިލިސް އިންތިހާބުގައި ޕީއެންސީ އަށް ސުޕާ މެޖޯރިޓީ ލިބިފައިވާ އިރު، އެ ދެ ނަން ފާސްވާނެ ކަމަށް ވަރަށް ބޮޑަށް މިހާރު ޔަގީނެވެ.

ނައިބު ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަބްދުއްރަހީމާއި ނާޒިމްގެ ރިޔާސަތުގައި މަޖިލީހުގެ އާ ދައުރަކީ، ދިވެހީންނަށް ނަފާވެރި، ކާމިޔާބު ދައުރަކަށް ވެގެންދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ކުރިޔަށް އޮތް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިފައިވާއިރު އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި މަޖިލިސް ވެގެން ދާނީ ވަރަށް ހުދުމުހުތާރު މަޖިލިހަކަށް ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ މަޖިލީހުގެ މި ދައުރު ވެގެންދާނީ ރައްޔިތުންގެ ގިނަ އުއްމީދުތައް ފުރިހަމަކޮށްދޭ މިނިވަން އަދި ކާމިޔާބު ދައުރަކަށް ކަމަށެވެ.

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ސަރުކާރަށް ތާއީދު ކުރާ މާފަންނު އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނާޒިމާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ވެލިދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އައްބާސްގެ ގޮނޑިއާ އެކުގައި ޕީއެންސީން ސުޕާ މެޖޯރިޓީ ވަނީ ހޯދައިފައެވެ.

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ބޭފުޅުން އިންތިހާބު ކާމިޔާބު ކުރެއްވިއިރު، އޭގެ ތެރެއިން އަށް މެމްބަރުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެއާއެކު، ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ އަދަދު 74 އަށް އަރައެވެ. އަދި ނާޒިމާއި ސިޔާމާއި ގާސިމާއި އައްބާސްގެ ގޮނޑިއާ އެކުގައި ޕީއެންސީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ އަދަދު 78 އަށް އަރާނެއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް މި އިންތިހާބުގައި ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑިއެވެ.