ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އައްޔަންކުރަން ނިންމުމާ ގުޅިގެން އަދުރޭގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ބައްޕާފުޅުގެ ހިތްވަރާއި ކާމިޔާބީއަށް ތައުރީފު ކުރައްވައިފިއެެވެ.

ފޭސްބުކުގައި ފައިސަލް ވަނީ އޭނާގެ އިހުސާސްތައް ބަންޑުންކޮށްލައްވައިފައެވެ. ބައްޕާފުޅުގެ ކާމިޔާބީއަށް އޭނާ ފަޚުރުވެރިވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ބައްޕާފުޅަށް އެފަދަ މަޤާމެއް ދެއްވީތީ ފައިސަލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކުރައްވައިފައެވެ.

"ޚާއްޞަކޮށް ރައީސް ޑރ މުޢިއްޒުއަށް ނުހަނު ލޭފަވެތި ޝުކުރެެއް އަދާ ކުރާ ހާލު އެ އެންމެ ބޭފުޅުންނަށް ހިތުގެ ޢުމުޤުން ހެޔޮދުޢާ ކުރަން." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، އޭނާގެ ބައްޕާފުޅުއަކީ އާދައާ ޚިލާފު އިންސާނެެއް ކަމަށާއި އާއިލާގެ ހައްޤުގައި ވަރަށް ނިކަމެތި ހާލުގައި މާލޭގެ ގެއެއްގައި ނޯކަރީކޮށްގެން އެތަކެއް ތަކުލީފެއް ބައްޕާފުޅު ތަހައްމަލުކުރެއްވި ކަމަށެވެ.

"ޤައުމަށް ޚިދުމަތް ކުރުމުގައި، ވެރީންނަށް ކިޔަމަންތެރިކަމާއެކު ލައްބައޭ ބުނެ 24 ގަޑިއިރު މަސައްކަތުގައި އުޅެނިކޮށް، އެންމެ ފަހަރަކު ނޫނެކޭ ބުނުމުން ސިޔާސީ ރޭވުމުން ވައްކަން ބޮލުގައި އަޅުވާ އަރުވާލި. ކުދި ދަރިންކޮޅެއް މަޔަކާއި އެކު ނިކަމެތިވެ ބިކަވެދިޔަ ދުވަސްތަކުން ވެސް ބައްޕަ ހާޞިލް ކުރީ ޢިބުރަތް. ގުޑުވާނުލެވުނީ އެ ވަރުގަދަ ހިތްވަރާއި ސާބިތުކަން." ފައިސަލް ވިދާޅުވިއެވެ.

ސިޔާސީ މައިދާނަށް ނުކުންނަވައި ގިނަ ތަޖުރިބާތައް ހާސިލުކުރައްވާފައިވާ ބައްޕާފުޅަކީ ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކޮށް ޤައުމުގެ ހެވަށްޓަކައި ނިކުމެ ހުންނެވި ބޭފުޅެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި 2009 ވަނަ އަހަރު އިންތިޚާބު ކުރި 17 މަޖިލީހުން ޖާގަ ހޯއްދެވި، ސިޔާސީ ވިޔަ ކުރުން ރަނގަޅަށް ދަންނާނެ ބޭފުޅެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

"ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބައިގެ މީހުންނާއި، އެއް އޮޅީގައި އުޅޭ ހިތް ނުބައި މީހުން ޖެހި ހަޖުލާއި، ކުރި އަދި ކުރާމަލާމާތާއި ފުރައްސާރައަކީ އިންސާނެއްގެ ހައިސިއްޔަތުން ބައްޕައަށްވެސް އަސަރުކުރާނޭކަން ޔަޤީން. އަދި ޢާއިލާއެއްގެ ހައިސިއްޔަތުން އަހުރެން ވެސް ހިމެނޭހެން ހުރިހާ ބެއިން ހިތްދަތިވި ކިތަންމެ ކިތަންމެ ފުރައްސާރައެއް ރާއްޖޭގެ ސިޔާސީ އުޑުގެ ދަށުގައި ވެޔަތުވެ ހިނގައްޖެ." ފައިސަލް ލިޔުއްވާފައިވެއެވެ.

ފައިސަލް ވަނީ އޭނާގެ ބައްޕާފުޅުގެ ސިޔާސީ ހަޔާތަށް އަލިއަޅުވާލާފައެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ރޭވި ކެހިވެރި ރޭވުމުން ޕާޓީއާއި ޤައުމު ސަލާމަތް ކުރުމުގެ ހިތްވަރުގަދަ ފިޔަވަޅު އެޅުއްވީ ބައްޕާފުޅު ކަމަށް ވިދާޅުވެ ފައިސަލް ވަނީ ތައުރީފުގެ ބަސްތައް އަމުނާލައްވައިފައެވެ.

"އެއީ މަދުން ނޫނީ އިންސާނަކަށް ނުނެރެވޭނޭ ފަދަ ހިތްވަރުގަދަ ޢަމަލެއް. މިއަދު މި ޤައުމު ދެކެމުން މި ދަނީ މާ އުފާވެރި މަންޒަރެއް." ފައިސަލް ވިދާޅުވި އެެވެ. "މާގެ އުޖާލާ މަންޒަރުތައް، އަލުން ހާމަވެ މާރީތި އުފާވެރި ކުރެހުންތަކާއި ކުލަތައް މިއަދު މަދަނީ ހާމަވަމުން." ފައިސަލް ވިދާޅުވިއެވެ.

މި ކާމިޔާބީއަކީ ރާއްޖޭގެ ތާރީހުން އަދުރޭ ހޯއްދެވި ކާމިޔާބީއެއް ކަމަށާއި ބައްޕާފުޅަށް އަބަދުވެސް ކާމިޔާބީއަށް އެދޭކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

"މިފަދަ އުފާވެރި ހިނދުކޮޅެއްގައި ބައްޕަގެ ކާމިޔާބީ ލޮލުން ދެކި އަތުން ހިފަން ލިބުމަކީ ދޮށީ ފިރިހެން ދަރިއަކަށް ލިބޭނޭ ކޮން ފަދަ ބޮޑު ފަޚުރުވެރިކަމެއް ކަން ބަޔާންކޮށްދޭނެ ގޮތެއް އަހުރެންނަކަށް ނޭނގޭ." ފައިސަލް ވިދާޅުވިއެވެ.

ބައްޕާފުޅުގެ ހިތްވަރާއި ކާމިޔާބީއަށް ފަޚުރުވެރިވާ ކަމަށް ވިދާޅުވެ ފައިސަލް ވަނީ ރައީސް މުއިއްޒު އާއި ފޮނަދޫ ރައްޔިތުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

"ބައްޕާ އެވެ! އައްސަރިބަހާއި ސާބަހެވެ. ތިޔަ ކުރެއްވި ހިތްވަރާއި ތިޔަވީ ޤުރުބާނީ އަށް އަދި ތިޔަ ހޯއްދެވި ކާމިޔާބީ އަށް ފަށްފަށުން ސެލިއުޓް ކުރަން. ރައީސް މުޢިއްޒުއަށާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ނުހަނު އަދަބުވެރިކަމާ އެކު ޝުކުރު ދަންނަވަން،" ފައިސަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކައްދަ

    އަސްލުވެސް ވ ހިއްވަރު ގަދަ ބޭފުޅެއް އެއީ.

    4
    12
  2. Anonymous

    މިރާއްޖޭގައި ކިޔެވުމުގެ ބޭނުމެއްނެތް. ޅެންހަދަން ދަސްކުރަންވީ

    21
    2
  3. ކަދުރޭ ބިން ބުރޯކަން ޓެމެލް

    އަދުރޭއައް އާދެވެން އޮއްއެންމެ އުހައްއާދެވިފަ އެއޮތީ ފަސްއަހަރުން ތިޔަފިލްމު ނިމުނީ ދައެންޑް،

  4. ރަންރީނދޫ

    މިއީ އަދުރޭއާއި އެކަށީގެންވާ މަގާމެއްނޫން.ވީމާ އަދި ބަޔަކު ހަވާލުކުރިޔަސް ތިމާގެ އެފެންވަރުނެތި އެކަމާ ހަވާލުވުމުން ބޮލުފޮށާއެޅުން ނޫންކަމެއް ނުވާނެ.