އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެސް، ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، (ސިޑްސް)ގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ އެ ގައުމަށް ފުރާވަޑައިގަންނަވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސްގައި ރާއްޖޭގެ އަޑަކީ އުފުލިފައި އޮތް އަޑަކަށްވާނެ ކަމަށާއި ރާއްޖެއަކީ ގިނަ ކަންތައްތަކަށް ވަކާލާތު ކުރާ ޤައުމަކަށްވާނެ ކަމަށެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 27 އިން 30 އަށެވެ. ސިޑްސް ކޮންފަރެންސްގެ ދައުވަތު ރައީސް ޑރ. މުއިއްޒަށް އެރުވީ ކޮޕް 28 ސަމިޓްގައި ހަވާސާގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ސިޑްސް ކޮންފަރެންސް އަކީ ކޮންމެ 10 އަހަރަކުން ބާއްވަމުން އަންނަ ކޮންފަރެންސްއެކެވެ. އަދި ކޮންފަަރެންސްގެ މިފަހަރު ޝިއާރަކީ "ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުން" މިއެވެ.

މިނިސްޓަރު ތޯރިޤް ވިދާޅުވީ، އެ ކޮންފަރެންސްގައި ރައީސް 7 ބަޔާން ދެއްވާނެ ކަމަށެވެ. އަދި ރާއްޖެއިން އެ ކޮންފަރެންސްގެ ހަވާސާގައި ތިން ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން، ނޭޝަނަލް ސައިޑް އިވެންޓްގައި ރާއްޖޭގެ އެޑްޕްޓޭޝަން މައްސަލަތަކާއި ޕަބްލިކް އަދި ޕްރައިވެޓް ޕާޓްނަރޝިޕް ބޭނުންކޮށްގެން ޕްރޮޖެކްޓްތައް ހިންގަމުންދާ ގޮތަށް އަލިއަޅުވާލާނެ ކަމަށް ވިދާޅުވިއެވެ. އަދި ދެވަނަ ސައިޑް އިވެންޓްގައި ރާއްޖޭގެ ވަލްނަރަބިލިޓީ އަދި އެޑެޕްޝޭން މެޝަރސްއަށް އަލިއަޅުވާލާނެ ކަމަށެވެ. އޭގެ އިތުރުން، ތިންވަނަ ސައިޑް އިވެންޓްގައި ހައުންސިންގ މިނިސްޓްރީން ބާއްވާ އިވެންޓްގައި ރާއްޖޭގައި ޓެކޮނޮލޮޖީ ބޭނުންކޮށްގެން ކަންތައްތައް ހަރުދަނާ ކުރާ ގޮތަކަށް އަލިއަޅުވާލާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ އަސަރުތަކާއި ތަރައްޤީ އާއި ސިއްހަތަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމަށެވެ. ދިމާވި ގިނަ ގޮންޖެހުންތަކާ ގުޅިގެން އެކި ކަންތައްތައް ނުކުރެވިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިފަހަރު ފާސްކުރާ ޑޮކިއުމަންޓްގައި އެވާހަކަތައް ހިމަނުއްވާނެ ކަމަށް ވިދާޅުވިއެވެ.

ކުދި ޖަޒީރާ ޤައުމުތައް ތަރައްޤީކުރުމަށް ލިބިގެންވާ ފައިސާ ނުލިބުމާއި ދުނިޔޭގެ އިޤްތިސާދަށް އައި ބަދަލާއި ކޮވިޑުގެ ދުވަސްވަރު ލިބުނު ގެއްލުން ބޮޑު ކަމަށް ވެސް ތޯރިޤު ވިދާޅުވިއެވެ. އަދި އެންމެ ފަހުން ބޭއްވި ކޮންފަރެންސްގެ ސަމޯއާ ޕާތުވޭގައި ކުރަން ހުރި ކަންތައްތަކުގެ ތެރެއިން ވަރަށް މަދު ކަމެއް ހާސިލުވިކަން ވެސް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް 10 އަހަރު ކުރަން ހުރި މަސައްކަތްތައް ތާވަލްކޮށް، ނިންމޭނީ ކިހިނެއްތޯ އެ ކޮންފަރެންސްގައި ކަނޑައަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރީ 10 އަހަރު ނުވެ ހުރި ކަންތައްތަކާއި ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ ކަންތައްތައް ކުރެވޭނެ ގޮތް ހޯދޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކްލައިމެޓް ފައިނޭންސް ފަސޭހަކޮށް ލިބޭނެ ގޮތް ހެދުމަކީ އަމާޒެއް ކަމަށެވެ. ކުދި ޖަޒީރާތަކަށް ފައިސާ ދިނުމުގައި ބަލަނީ އެ ޤައުމަކަށް ޖީޑީޕީ އާއި ގްރޮސް ނެޝެނަލް އިންކަމްއަށްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެ މިންގަނޑުތަކަށް ބަލައިގެން ޤައުމުތަކަށް ފައިދާ ވެސް ނުވާ ކަމަށާއި ފައިސާ ވެސް ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިފަހަރު މަލްޓި ޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް ބޭނުންކޮށްގެން ފައިސާ ލިބޭނެ ގޮތްތައް ޤައުމުތަކުން އެއްބަސްވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ކޮންފަރެންސްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިޤް އިބްރާހިމާއި ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދާއި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް އަލީ ޝަރީފްގެ އިތުރުން ޕާމަނަންޓް މިޝަންގައި ހުންނަވާ އެމްބެސިޑަރ އެޓް ލާޖް ޑރ. އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޕްރޮޓޮކޯލް އަލީ ޝަހުދީ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ގިނަ ބޭފުޅުންގެ ޚަރަދުތައް އދ.އިން ޚަރަދު ކުރާނެ ކަމަށާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ ޚަރަދުތައް ކުރައްވާނީ އެ ކުންފުނިން ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.